އަނގައިން ނުބައި ވަސް ދުވާތަ؟

އަނގައިން ނުބައި ވަސް ދުވާ ނަމަ ގިނައިން ދަތް އުނގުޅަން އާދަކުރޭ----

ކާލެވޭ ކާ އެއްޗަކުން ނުވަތަ ކޮންމެވެސް ސަބަބަކާ ހުރެ އަނގައިން ނުބައި ވަސް ދުވުމަކީ މިއަދު އާންމު ކަމެކެވެ.

ތިމާގެ ހަށިގަނޑުން ފެންމަދުވުމުގެ ސަބަބުން ވެސް އަނގައިން ނުބައި ވަސް ދުވަ އެވެ. ހަމައެއާ އެކު ފިޔާ، ލޮނުމެދު ފަދަ ތަކެތި ކެއުމަށް ފަހު ރަނގަޅަށް އަނގަތެރެ ނުދޮވުމުގެ ސަބަބުން އެކަމާ ކުރިމަތިލާން ޖެހެ އެވެ.

އަނގައިން ނުބައިވަސް ނައްތާލުމަށް ކުރެވިދާނެ ކަންތައްތައް

ގިނަ އިން ފެންބުއިމަށް އާދަކުރުމަކީ އަނގައިގެތެރެ ސާފުކޮށް ބެހެއްޓުމުގެ އިތުރުން އަނގައިން ނުބައި ވަސް ނައްތާލުމަށް ކުރެވިދާނެ އެންމެ މުހިއްމު އެއް ކަމެވެ. ބައެއްފަހަރު ފެން ނުބޮއެ މާ ގިނަ ވަގުތު ހޭދަވުމުގެ ސަބަބުން އަނގަތެރެ މުޅިން ހިކި އަނގައިން ނުބައި ވަސް ދުވުމަށް މަގުފަހިވެ އެވެ.

އަނގަ ތެރެއިން ނުބައިވަސް ދުވުމުން ސަލާމަތްވުމަށް ގިނައިން އަނގަތެރެ ސާފުކުރާށެވެ. މަދުވެގެން ދުވާލަކު ދެ ފަހަރު ދަތް އުނގުޅާ އަދި ކެއުމަށް ފަހު އަނގައިގެތެރެ ސާފުކޮށް ބަހައްޓަން ހަދާންކުރާށެވެ. ގިނައިން ދަތް އުނގުޅުމުގެ ސަބަބުން ބެކްޓީރިއާ އާއި ދަތް ފަނި ކެއުމުން ވެސް ރައްކާތެރިކޮށްދެ އެވެ.

މައުތު ވޮޝް ބޭނުންކުރާށެވެ. މަދުވެގެން އެއް ފަހަރު ނަމަވެސް މައުތު ވޮޝް އާ އެކީ އަނގައިގެތެރެ ރަނގަޅަށް ދޮންނާށެވެ. ގަވާއިދުން އެ ބޭނުންކުރާ ނަމަ އަނގައިން ނުބައިވަސް ދުވުމުން އެއްކޮށް ސަލާމަތްކޮށްދެ އެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ގިނަ ބައެއްގެ ކިބައިގައި އަށަގަނެފައި ހުންނަ ނުބައި އާދައެކެވެ. ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން އަނގައިގެތެރޭ ނުބައި ވަސް ހިތްޕާލަ އެވެ. އޭގެ ސަބަބުން ތިމާ ކައިރީ އުޅޭ މީހުންނަށް ވެސް އެކަމުން އުނދަގޫތަކެއް ކުރިމަތިލާން ޖެހެ އެވެ.

(ވެބް އެމްޑީ)

comment ކޮމެންޓް