ލިވަޕޫލަށް ދެވިފައިވަނީ ޚާއްސަ ލޯތްބެއް، ސަޕޯޓަރުންގެ މަތިން ހަނދާން ނުނެތޭނެ: ކުޓީނިއޯ

ލިވަޕޫލަށް ޗެމްޕިއަންސް ލީގުގައި ކުޅުނު މެޗުގައި ގޯލް ޖަހާ ކުޓީނިއޯ އުފާފާޅުކުރަނީ --- ފޮޓޯ/ އޭޕީ

ބްރެޒިލްގެ މިޑްފިލްޑަރު ކުޓީނިއޯގެ ހިތުގައި ލިވަޕޫލްއަށްވަނީ ޚާއްސަ ލޯތްބެއް ކަމަށާއި، އެކުލަބުގެ ސަޕޯޓަރުން މަތިން ހަނދާން ނުނެތޭނެ ކަމަށް އޭނާ ބުނެފިއެވެ.

މިހިނގާ ޓްރާންސްފާ ސީޒަންގައި އިނގިރޭސި ވިލާތުގެ ލިވަޕޫލް ދޫކޮށް 142 މިލިއަން ޕައުންޑުގެ އަގެއްގައި ސުޕެއިންގެ ބާސެލޯނާއާ ގުޅުނު ކުޓީނިއޯވަނީ ލިވަޕޫލްއަށް ޝުކުރު އަދާކުރުމުގެ ގޮތުން އިންސްޓާގްރާމް ޕޯސްޓެއް ކޮށްފައެވެ.

ކުޓީނިއޯގެ އިންސްޓާގްރާމް ޕޯސްޓުގައި އޭނާ ބުނެފައިވަނީ ލިވަޕޫލަށް ދިޔަ ފުރަތަމަ ދުވަހުން ފެށިގެންވެސް ލިވަޕޫލްގެ ސަޕޯޓަރުން ދިން ލޯބި ހަނދާން ނެތިގެން ނުދާނެ ކަމަށެވެ.

"ދަނޑު މަތީގައާއި ދަނޑު ބޭރުންވެސް ލިވަޕޫލް ސަޕޯޓަރުންގެ ހިތްހެޔޮކަން އަހްނަނަށް ދައްކައިދީފި. ލިވަޕޫލްގެ ރީތި ކަމަކީ ކްލަބުގެ ތަފާތު ސަގާފަތް. ކުލަބުގެ ގެންގުޅޭ އޯގަތެރިކަމުގެ އުސޫލު،" ކުޓީނިއޯ ބުނެފައިވެއެވެ.

ކުޓީނިއޯ ބުނެފައިވަނީ ލިވަޕޫލަކީ ތާރީހީ ގޮތުން މުއްސަނދި ކުލަބެއްގެ އިތުރުން އެހެން ކުލަބުތަކާއި އެތައް ގޮތަކުން ތަފާތު ކުލަބެއް ކަމަށެވެ. އަދި ލިވަޕޫލްގައި ކުޓީނިއޯ ހޭދަކުރި ދުވަސްތަކަކީ އޭނާއަށް ގިނަ ކަންތައްތަކެއް ދަސްވި ދުވަސްތަކެއްގެ ގޮތުގައި އޭނާވަނީ ސިފަކޮށްފައެވެ.

ފިލިޕް ކުޓީނިއޯ ލިވަޕޫލް ޖާޒީގައި --

ކުޓީނިއޯ ލިވަޕޫލްގެ ސަޕޯޓަރުންގެ ކިބައިން އެދިފައިވަނީ އޭނާ ބާސާއަށް ބަދަލުވި ސަބަބު ބަލައިގަތުމަށެވެ. އެގޮތުން ބާސާއަށް ކުޅުމަކީ އަބަދުވެސް ހުވަފެނެއް ކަމަށާއި، ލިވަޕޫލް ދޫކޮށްލީ ކުލަބުދެކެ ލޯބި ނުވާތީ ނޫން ކަމަށްވެސް ކުޓީނިއޯ ބުންޏެވެ.

"ބާސާއަށް ކުޅުމަކީ ހުވަފެނެއް. އޭގެ އިތުރުން އައު ކަންތައްތަކެއް އިހުސާސް ކުރަން ބޭނުންވާތީ ބާސާއަށް ބަދަލުވީ. އުންމީދު ކުރަނީ ލިވަޕޫލްގެ ސަޕޯޓަރުން އެކަން ބަލައިގަންނާނެ ކަމަށް. އުންމީދު ކުރަން ލިވަޕޫލްގައި ހޭދަކުރި ފަސް އަހަރުގައި ކުލަބުގެ ކުޅުންތެރިން ހިތްހަމަ ޖެހޭފަދަ ވަގުތުތަކެއް ގެނެސްދެވުނު ކަމަށް،" ކުޓީނިއޯ ބުނެފައިވެއެވެ.

އިންސްޓާގްރާމްގައި ކުޓީނިއޯ ކޮށްފައިވާ ޕޯސްޓު ނިންމާލާފައިވަނީ ޝުކުރުގެ މެސެޖަކުންނެވެ.

"އަހަންނަށް ވަކިވަކިން ޝުކުރު އަދާކުރަން އުނދަގޫވާނެ. ލިވަޕޫލްގައި އެންމެ އެއްކޮށް މަސައްކަތްކުރި ކޯޗުން މަތިން އަބަދުވެސް ހަނދާންވާނެ. ކުލަބުގެ ވެރިން އަހަރެން ގެންދިޔައީ ވަރަށް ބޮޑު އިތުބާރެއް އޮތުމުން. އެކުރި އިތުބާރަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. ދެން އަންނާނީ އެކުގައި ކުޅުނު ކުޅުންތެރިން. އެމީހުންގެ މަސައްކަތުން މިއަދު މިހުރި ހިސާބަށް އާދެވުނީ. މި ނިމުނީކީ ނޫން. އެންމެ މުހިއްމު ބަޔަކީ ސަޕޯޓަރުން. ލިވަޕޫލްގެ ސަޕޯޓަރުން މަތިން އަހަރެން ހަނދާން ހުންނާނެ ދުނިޔޭގެ ކޮންމެތާކު ކުޅުނަސް. އެމީހުންގެ ލޯބި، ލިވަޕޫލްއަށް އަހަރެންގެ ހިތުގައި އޮތް ލޯބި، މި ބަދަލެއް ނުވާނެ ދުވަހަކުވެސް،" ކުޓީނިއޯ ބުންޏެވެ.

ކުޓީނިއޯ ބާސާއަށް ބަދަލުވީ ފަސް އަހަރު ލިވަޕޫލްގައި ހޭދަކުރުމަށް ފަހުގައެވެ. އޭނާވަނީ ލިވަޕޫލް ޖާޒީގައި ކުޅުނު 201 މެޗުން 54 ގޯލް ޖަހައިދީފައެވެ.

comment ކޮމެންޓް