ބަންގުލަދޭޝްގައި ރޮހިންގާ މުސްލިމުންނަށް ކައިވެނި ނުކުރެވޭ ގާނޫނަށް ކޯޓުން ތާއިދު

މިޔަންމާ އަސްކަރިއްޔާގެ އަނިޔާވެރިކަމުން ސަލާމަތްވެ ރޮހިންޔާ މުސްލިމުންތަކެއް ބަނގުލަދޭޝްއަށް އެތެރެވަނީ ---

ދާކާ (ޖެނުއަރީ 9): ބަންގުލަދޭޝްގައި ރޮހިންގާ މުސްލިމުންނަށް ކައިވެނި ނުކުރެވޭ ގާނޫނަށް އެގައުމުގެ ހައި ކޯޓުން ތާއިދުކޮށްފި އެވެ.

ބަންގުލަދޭޝްގައި އުޅޭ ރޮހިންގާ މުސްލިމުން އެކަކު އަނެކެއްގެ އިތުރުން ބަންގުލަދޭޝްގެ ރައްޔިތުންނާ ކައިވެނި ކުރުން މަނާ ކުރީ އެގައުމުގެ ރަށްވެހިކަން ހޯދުމަށް ކައިވެނީގެ ސެޓްފިކެޓް ބޭނުން ކުރާ ކަމަށް ބުނެ 2014ގަ އެވެ.

އެ ގާނޫނާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހެޅީ އުމުރުން 18 އަހަރުގެ ރޮހިންގާ ކުއްޖަކާ ކައިވެނި ކުރުމަށް ފަހު ފުލުހުންނަށް ފިލައިގެން އުޅުނު 26 އަހަރުގެ ޝުއައިބު ހުސައިން ޖުވެލް އެވެ.

ބަންގުލަދޭޝްގެ ނޫސްތަކުން ބުނާ ގޮތުގައި ޝުއައިބާއި އެކުއްޖާއާ ބައްދަލުވީ އޭނާގެ އަވަށުގައި ހުންނަ ގެޔެއްގައި އެކުއްޖާ އާއި އާއިލާ ދިރިއުޅެމުން ދަނިކޮށެވެ. އަދި އެކުއްޖާ އެ އަވަށުން އެތައް ސަތޭކަ ކިލޯމީޓަރު ދުރުގައި ހުންނަ ރެފިއުޖީ ކޭމްޕަކަށް ބަދަލު ކުރުމުން ޝުއައިބު ވަނީ އެ ކުއްޖާއާ ކައިވެނި ކުރުމަށް އެކޭމްޕަށް ގޮސްފައި ކަމަށް ނޫސްތަކުން ބުނެ އެވެ.

ނަމަވެސް ހައިކޯޓުން ވަނީ ޝުއައިބުގެ ފަރާތުން އޭނާގެ ބައްޕަ ހުށަހެޅި މައްސަލަ ބޭރުކޮށް، ގާނޫނީ ފީގެ ގޮތުގައި 1،200 ޑޮލަރު ދައްކަން އަންގާފައި އެވެ. އަދި އެ މައްސަލާގައި ޝުއައިބު ހައްޔަރު ކުރުމުގެ ހައްގު ފުލުހުންނަށް ލިބިގެންވާ ކަމަށް ނިންމާފައި އެވެ.

ބަންގުލަދޭޝްގައި ރޮހިންގާ މުސްލިމުން ކައިވެނި ކުރުން މަނާ ކުރާ ގާނޫނާ ހިލާފުވާ ފަރާތްތަކަށް ހަތް އަހަރުގެ ޖަލު ހުކުމެއް ކުރެވިދާނެ އެވެ. (ބީބީސީ)

comment ކޮމެންޓް