އާ އޭޕްރަންގައި އެއްފަހަރާ އެކި ސައިޒުގެ 21 ބޯޓު ޕާކް ކުރެވޭނެ: އެމްއޭސީއެލް

އެއާޕޯޓުގެ އާ އޭޕްރަންގެ މަސައްކަތް ކުރިއަށްދަނީ --- ސަން ފޮޓޯ: މުހައްމަދު އަފްރާހު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އޭޕްރަން ބޮޑުކުރުމުގެ މަސައްކަތް ނިމުމާ އެކު އޭޕްރަންގައި ކުދި އަދި ބޮޑެތި ބޯޓްތަކާ އެކު ޖުމްލަ 21 ބޯޓަށް ޕާކް ކުރެވޭނެ ކަމަށް އެއާޕޯޓު ހިންގާ އެމްއޭސީއެލް އިން ބުނެފި އެވެ.

އެމްއޭސީއެލްގެ ކޯޕަރޭޓް ޖެނެރަލް މެނޭޖާ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- ސަން ފޮޓޯ: މުހައްމަދު އަފްރާހު

އޭޕްރަންގެ މަސައްކަތް ކުރިއަށްދާ ގޮތް ނޫސްވެރިންނަށް ދައްކާލުމަށް ފަހު އެ ސަރަހައްދުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްއޭސީއެލްގެ ކޯޕަރޭޓް ކޮމިއުނިކޭޝަންސް އެސޯސިއޭޓް ޖެނެރަލް މެނޭޖާ ހަސަން އަރީފް މިއަދު ވިދާޅުވީ އޭޕްރަން ބޮޑު ކުރުމުގެ މަސައްކަތް ނިމުމުން އޭޕްރަންގެ ގޮތުގައި ޖުމްލަ 130،000 އަކަ މީޓަރުގެ ސަރަހައްދެއް ބޭނުންކުރާނެ ކަމަށެވެ.

އޭނާ ވިދާޅުވީ މިހާރު މަސައްކަތް ކުރަނީ އޭޕްރަންގެ 80،000 އަކަ މީޓަރުގެ މަސައްކަތް ނިންމުމަށް ކަމަށެވެ. އަދި ފަހުން 50،000 އަކަ މީޓަރުގެ މަސައްކަތް ކުރާނެ ކަމަށް ހަސަން ވިދާޅުވި އެވެ.

އެއާޕޯޓުގެ އާ އޭޕްރަން ގެ މަސައްކަތް ކުރިއަށްދަނީ --- ސަން ފޮޓޯ: މުހައްމަދު އަފްރާހު

"މިހާރު 80000 އަކަ މީޓަރުގެ މަސައްކަތް ކުރި ނަމަވެސް އަދި 50،000 އަކަ މީޓަރުގެ މަސައްކަތް ކުރިއަށްދާނެ. މިހާރު ކުރިއަށްދާ 80000 އަކަ މީޓަރުގެ މަސައްކަތުގެ ތެރެއިން ބިން ހަރުކުރުމުގެ މަސައްކަތް ވަނީ ނިމިފައި،"

ހަސަން ވިދާޅުވީ މިހާރު ކުރާ މަސައްކަތަކީ ސިމެންޓް ސްޓެބްލައިޒް ކުރުމުގެ މަސައްކަތް ކަމަށެވެ. އެ މަސައްކަތް ނިމުމުން ދެން ކުރިއަށް ދާނީ "އެގްރިގޭޓް ލެވަލްބޭސް"ގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއަށް ފަހު ކޮންކްރީޓްގެ މަސައްކަތާ އެކު މަސައްކަތް ނިމޭނެ،" ހަސަން ވިދާޅުވި އެވެ.

އޭޕްރަންގެ މަސައްކަތް ކުރިއަށް ދަނީ ރަންވޭގެ ހުޅަނގު ދެކުނު ސަރަހައްދުގަ އެވެ.

އެއާޕޯޓުގެ އާ އޭޕްރަން ގެ މަސައްކަތް ކުރިއަށްދަނީ --- ސަން ފޮޓޯ: މުހައްމަދު އަފްރާހު

"މި މަސައްކަތް ކުރިއަށް މިދަނީ އާ ރަންވޭގެ މަސައްކަތާ އެކު. އޭޕްރަންގެ މަސައްކަތް ކުރަނީ ރަންވޭގެ މަސައްކަތް ކުރާ ބީޔޫސީޖީ އިން،" ހަސަން ވިދާޅުވީ އޭޕްރަން ބޮޑުކުރުމުގެ މަސައްކަތް އަހަރުގެ ފަހު ކުރާޓާގެ ތެރޭ ނިންމާލެވޭނެ ކަމަށެވެ.

އެއާޕޯޓުގެ އާ އޭޕްރަންގެ މަސައްކަތް ކުރިއަށްދަނީ --- ސަން ފޮޓޯ: މުހައްމަދު އަފްރާހު

މިހާރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭނުން ކުރަނީ ގާތްގަނޑަކަށް 50،000 އަކަ މީޓަރުގެ އޭޕްރަން އެކެވެ. އާ އޭޕްރަންގެ މަސައްކަތް ނިމުމުން ކޮންމެ އެއާކްރާފްޓަކަށް ވެސް ސްޓޭންޑް ހެދި، ބައިނަލްއަގްވާމީ ގަވައިދުތަކާ އެއްގޮތަށް އޭޕްރަންގެ ކަންތައް ގާއިމް ކުރެވޭނެ ކަމަށް ހަސަން ވިދާޅުވި އެވެ.

މިހާރު ބޭނުންކުރާ ނޯތު އޭޕްރަންގައި ހަތަރު ވައިޑް ބޮޑީ އެއާކްރާފްޓާއި 25 ޖެޓް ޕާކް ކުރެވޭނެ ކަމަށް ހަސަން ވިދާޅުވި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށް ކުރިއަށް ގެންދަވާ މަޝްރޫއަކީ ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރުގެ މަޝްރޫއެކެވެ.

comment ކޮމެންޓް