އެއް ކެންޑިޑޭޓާ ބެހޭ ގޮތުން ކުރީގެ ރައީސް ނަޝީދުގެ ލަފާ ހިއްސާކުރައްވައިފި

ގުޅިފައިވާ ޕާޓީތަކުން ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ނެރޭ ކެންޑިޑޭޓަކާ ގުޅޭ ގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ގައުމީ މަޖިލިސް މެމްބަރުންނަށް ލަފާފުޅެއް އަރުވައިފި އެވެ.

އެމަނިކުފާނު ޓެލެގްރާމް މެދުވެރިކޮށް އެ މެސެޖު އެމްޑީޕީ ގައުމީ މަޖިލީހަށް ފޮނުވާފައި ވަނީ އިއްޔެގެ ވަގުތެއްގަ އެވެ. އެ މެސެޖުގެ ކޮޕީއެއް "ސަން"އަށް ވެސް ވަނީ ލިބިފަ އެވެ.

އިދިކޮޅު ކެންޑިޑޭޓާ ގުޅޭ ގޮތުން ރައީސް ނަޝީދު ވަނީ ހަތަރު މަޝްވަރާއެއް ގައުމީ މަޖިލިސް މެމްބަރުންނަށް އަރުވައިފަ އެވެ. އެންމެ ފުރަތަމަ ކަމަކަށް ވިދާޅުވެފައި ވަނީ އެމަނިކުފާނާއި ތިން އަހަރަށް ޖަލަށް ލާފައިވާ ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް އިންތިހާބުގައި ވާދަ ކުރެވޭ ނަމަ ކެންޑިޑޭޓަކީ އެމަނިކުފާނު ކަމަށާއި ރަނިން މޭޓަކީ ގާސިމް އިބްރާހިމް ކަމަށެވެ.

ދެވަނަ އަށް ދެއްވާފައިވާ ލަފާފުޅަކީ އެމަނިކުފާނަށް ކުރިމަތިލެވިފައި ގާސިމް އިބްރާހިމްއަށް ކުރިމަތި ނުލެވޭ ނަމަ އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުގައި އެމަނިކުފާނު ނުކުމެވަޑައިގަތުމަށާއި ރަނިން މޭޓަކަށް ޖޭޕީ ބޭފުޅަކު އައްޔަން ކުރުމަށެވެ.

އަދި ދެން ވިދާޅުވެފައި ވަނީ އެމަނިކުފާނަށް އިންތިހާބުގައި ކުރިމަތިނުލެވޭ ނަމަ އިދިކޮޅުގެ ކެންޑިޑޭޓަކަށް ގާސިމް އިބްރާހިމް ހަމަޖެއްސުމަށާއި ރަނިންމޭޓަކަށް އެމްޑީޕީން ބޭފުޅަކު ހަމަޖެއްސުން ކަމަށެވެ.

ތޭރަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަށް ވެސް އަދި ގާސިމަށް ވެސް އިންތިހާބުގައި ވާދަނުކުރެވޭ ނަމަ އިދިކޮޅު ކެންޑިޑޭޓަކަށް އެމްޑީޕީން ބޭފުޅަކު ނެރުމަށާއި ރަނިން މޭޓަކަށް ޖޭޕީ ބޭފުޅަކު ހަމަޖެއްސުމަށެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެއް ކެންޑިޑޭޓަކު ނެރުމާ ގުޅޭ މަޝްވަރާތައް އިއްޔެ ފަށައިފައިވަނިކޮށެވެ.

އެ ބައްދަލުވުމަށް ފަހު ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަދި އެއް ކެންޑިޑޭޓު ނެރުމާ ގުޅޭ މަޝްވަރާ ކޮމެޓީގެ ވައިސް ޗެއާ، އަބްދުﷲ ރިޔާޒު ވިދާޅުވީ އިއްޔެ ކުރިއަށްދިޔައީ ހުރިހާ ޕާޓީތަކުން އެޖެންޑާއަށް ހުށަހަޅަން ހުރި ކަންތައްތަކާ ގުޅޭ ގޮތުން މަޝްވަރާކުރުން ކަމަށެވެ.

ރިޔާޒު ވިދާޅުވީ ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ސަރުކާރެއް ގާއިމް ކުރުމަށާއި އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިޚާބުގައި އިދިކޮޅު ޕާޓީތައް ގުޅިގެން މަސައްކަތް ކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރާނެ ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން ބަހެއް ހޯދަން އެމްޑީޕީގެ ތަރުޖަމާނު އަދި މާފަންނު އަތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއަށް ގުޅި އިރު ފޯނަށް ޖަވާބު ނުދެއްވާތީ އިތުރު ތަފްސީލް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

comment ކޮމެންޓް