ސިޔާމް މައުރޫފް ސޮކާ ކަޕްގެ އެންމެ މޮޅު ގޯލްކީޕަރު ނިއުއަށް

ހަސަން ނިއުއަށް ސޮއިކުރުމަށްފަހު އެ ކުލަބުގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު ނިޔާޒް (ޓެެޑް) އާއެކު --- ފޮޓޯ/ ނިއުރޭޑިއަންޓް

މިއަހަރުގެ ސިޔާމް މައުރޫފް ސޮކާ ކަޕްގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމު ހޯދި، ނ. މިލަދޫގެ ހަސަން އަބްދުލް ހަކީމް ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ސޮއިކޮށްފި އެވެ.

އުމުރުން 16 އަހަރުގެ ޒުވާން ކީޕަރު ހަސަން ނިިއުއަށް ސޮއިކޮށްފައިވަނީ މިއަދުގެ ވަގުތެއްގައެވެ. މިދިޔަ އަހަރުގެ ސިޔާމް މައުރޫފް ސޮކާ ކަޕުގެ ޗެމްޕިއަންކަން ހޯދި މިލަދޫގެ ގޯލްގައި ހަސަން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

އަންނަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ނިއުއިން އަންނަނީ އެ ކުލަބުގެ ސުކޮޑު ވަރުގަދަ ކުރަމުންނެވެ. އެގޮތުން އިއްޔެގެ ވަގުތެއްގައި އީގަލްސްގެ ކެޕްޓަން އިމްރާން ނާޝިދު (އިންމަ) ވެސް ވަނީ ނިއުއަށްް ސޮއިކޮށްފަ އެވެ.

ސިޔާމް މައުރޫފް ސޮކާ ކަޕްގައި އެންމެ ފަހުގެ ޗެމްޕިއަން މިލަދޫގެ ޓީމާއެކު ހަސަން ---

މީގެ އިތުރުންވެސް ވޭތުވެދިޔަ ސީޒަންގައި މާޒިޔާއަށް ކުޅުނު މުހައްމަދު އުމެއިރުގެ އިތުރުން ވެލެންސިއާއަށް މޮޅު ކުޅުމެއް ދެއްކި ޑިފެންޑަރު ހިޝާމް ސަލީމްވެސް އަންނަ ސީޒަންގައި ފެނިގެންދާނީ ނިއުއިންނެވެ.

ވޭތުވެދިޔަ ސީޒަންގެ ދިވެހި ޕުރިމިއާ ލީގާއި އެފްއޭ ކަޕް އަދި ޕްރެސިޑެންޓް ކަޕުވެސް ކާމިޔާބުކުރި ނިއުއިން ތައްޔާރުވަމުންދަނީ އަންނަ ސީޒަންގެ އޭއެފްސީ ކަޕަށެވެ. އެގޮތުން ނިއުއަށް ވޭތުވެދިޔަ ސީޒަންގައި ކުޅުނު ގިނަ ކުޅުންތެރިންތަކެއް ވަނީ އަންނަ ސީޒަންގައިވެސް އެ ކްލަބުގައި މަޑުކުރުމަށް ކޮންޓްރެކްޓް އައުކޮށްފަ އެވެ.

ކޮންޓްރެކްޓް އައުކުރި ކުޅުންތެރިންގެ ތެރޭގައި ކީޕަރު އިމްރާން މުހައްމަދާއި ކީޕަރު މުހައްމަދު ފައިސަލްގެ އިތުރުން ނިއުގެ ފަހަތް ބެލެހެއްޓި އަކްރަމް އަބްދުލްޤަނީ އާއި ރިލްވާން ވަހީދު (ރިލޭ) އަދި އަހުމަދު އަބްދުﷲ (ލިލީ) ހިމެނެ އެވެ. މީގެ އިތުރުން އެޓީމުގެ ބިދޭސީ މިޑްފީލްޑަރު ކަންޑޭލާ އަދި މިދުހަތު ފަހުމީ (ބިޗަޑު) ވެސް ވަނީ އަންނަ ސީޒަނަށް ކޮންޓްރެކްޓް އާކޮށްފަ އެވެ.

އަންނަ ސީޒަނަށް ގެންނަ ބިދޭސީ ކުޅުންތެރިންގެ ތަފްސީލް ނިއުއިން އަދި ހާމަކޮށްފައި ނުވި ނަމަވެސް، ކޮންޓްރެކްޓް އައުކޮށްފައިވާ ކަންޑޭލާގެ އިތުރުން ބިދޭސީ ތިން ކުޅުންތެރިއެއް ގެންނާނެކަމަށް އެ ކުލަބުން ވަނީ ބުނެފައެވެ.

comment ކޮމެންޓް