ގައުމީ އިނާމާ ބެހޭ ކޮމިޓީ އަލުން އެކުލަވާލައްވައިފި

އަލުން އެކުލަވައިލެއްވި ގައުމީ އިނާމާބެހޭ ކޮމިޓީގެ މެމްބަރުން: މަތިން (ކ-ވ) ހަސަންމަނިކު، އަނީސާ އަހުމަދު، އަހުމަދު އަލިމަނިކު، ޒުލްފާ އިބްރާހިމް، ހުސެއިން އާމިރު ތިރިން (ކ-ވ) ޝުހުދާ ފުއާދު، ރަހީމާ އާދަމް، މުހައްމަދު އިކްރާމް، އަހުމަދު ސުވައިބް

ގައުމީ އިނާމާބެހޭ ކޮމިޓީގެ ތިން އަހަރުގެ މުއްދަތު ހަމަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، އަލުން އެ ކޮމެޓީ އެކުލަވާލައްވައިފި އެވެ.

ގައުމީ އިނާމާ ބެހޭ ކޮމެޓީ އެންމެ ފަހުން އެކުލަވައިލެއްވީ 2015 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ.

ރައީސް އޮފީހުން މިއަދު ބުނީ، ކުރިއަށް އޮތް ތިން އަހަރަށް އަލަށް އެކުލަވައި ލެއްވި ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ ޖުމްލަ ނުވަ ބޭފުޅުން ކަމަށެވެ. އެއީ ފަސް ފިރިހެން ބޭފުޅުންނާއި ހަތަރު އަންހެން ބޭފުޅުން ކަމަށެވެ.

މިފަހަރުގެ ކޮމެޓީގެ ޗެއާޕާސަންއަކަށް ހަމަޖެއްސެވީ، މ. ލޮނުވެލި، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ، އަނީސާ އަހުމަދެވެ.

ކުރިން އެ ކޮމެޓީ ޗެއާ ކުރެއްވި މއ. އުރަހަ އަބްދުއްރަޝީދު ހުސައިން މިފަހަރުގެ ކޮމެޓީގައި ހިމެނިވަޑައެއް ނުގަންނަވަ އެވެ.

މިފަހަރުގެ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ:

  • މއ. ފިއަވަނި، އަހުމަދު އަލިމަނިކު
  • ހ. މާދޫގޭ، ހުސެއިން އާމިރު
  • ޅ. ކުރެންދޫ، ނޫރަންގޭ ޒުލްފާ އިބްރާހިމް
  • މާލެ ވިލިނގިލި، ފަހިދޫ، ޝުހުދާ ފުއާދު
  • މ. ކާނިމޭގޭ، މުހައްމަދު އިކްރާމް
  • މ. ނޫވިލު އަހުމަދު ސުވައިބު
  • މާލެ ވިލިނގިލި، ކަންދު، ހަސަން މަނިކު
  • މ. މާހިއާ، ރަހީމާ އާދަމް

އެ ބޭފުޅުންގެ ތެރެއިން މި އަހަރުގެ ކޮމެޓީގައި އަލަށް ހިމެނިވަޑައިގެންނެވި ބޭފުޅުންނަކީ ހަސަން މަނިކާއި ރަހީމާ އާދަމެވެ. ދެން ތިއްބެވި ހުރިހާ ބޭފުޅުންނަކީ ވެސް މީގެ ކުރިން ވެސް އެ ކޮމެޓީގައި ހިމެނިވަޑައިގެންނެވި ބޭފުޅުންނެވެ.

ގައުމީ އިނާމަކީ ގައުމާއި މުޖުތަމައުގެ ލާބަޔާއި މަންފާއަށްޓަކާ ވަކިވަކި ފަރުދުންނާއި މަދަނީ މުއައްސަސާތަކުންނާއި މަދަނީ ޖަމިއްޔާ ޖަމާއަތްތަކުންނާއި ވިޔަފާރީގެ އިދަރާތަކުން ކުރާ މަސައްކަތްތަކާއި ހޯދާ ކާމިޔާބީ ތަކުގެ އަގުވަޒަން ކުރުމުގެ ގޮތުންދޭ އިނާމެކެވެ.

ގައުމީ އިނާމުގައި ހިމެނެނީ ދެ ގިންތި އެކެވެ. އެއީ ޝަރަފުވެރި ކަމުގެ ގައުމީ އިނާމާއި ހިތްވަރު ދިނުމުގެ ގައުމީ އިނާމެވެ.

comment ކޮމެންޓް