އަހަރެން ފިކުރާވި އިސްލާމްދީން: އުންމިއްޔަ ނަބިއްޔާ

މައްކާގެ ހަރަމްފުޅު-- ފޮޓޯ: އޭޕީ

އަރަހުށި މާތްﷲ ބާވައިލެއްވި ފޮތް އަލްޤުރުއާނުލްކަރީމް އެންމެ ފުރަތަމަ ކިޔަވައި ވިދާޅުވި ޝަޚްސިއްޔަތަކީ އުންމިއްޔަ ނަބިއްޔާއެވެ. އެމާތް ސާހިބާއަކީ ލިޔުއްވައި ކިޔުއްވައި ހައްދަވަން ދެނެވަޑައިގަންނަވާ ބޭކަލެއްނޫނެވެ. (އަރަހުށި މާތްﷲ އެކަލާނގެ ޙަބީބު އުންމިއްޔެއްކަމުގައި ލެއްވީ މުޢުޖިޒާއެއްގެ ގޮތުންނެވެ. ކީރިތި ޤުރުއާނަކީ އެމާތް ސާހިބާ ލިޔުއްވި ފޮތެއް ކަމުގައި ބުނެވޭނެ އެއްވެސް ފުރުޞަތެއް ނެތުމަށްޓަކައެވެ.)

އުންމިއްޔެކޭ ބުނެވޭ ބަހުގެ މާނަޔަކީ، ހޭލުންތެރިކަމެއް، އަދި ބުއްދިވެރިކަމެއް ނެތުމެއްނޫނެވެ. އުންމިއްޔުންނަކީ ލިޔެކިޔަން ނުދަތުމާއެކުވެސް ހަނދާންގަދަ، ބުއްދިތަނަވަސް ބަޔެކެވެ.

ތަމަޅަ އަދަބިއްޔާތުގައި މަޝްހޫރު ރިވާޔަތެކެވެ. ޅެންބައިތެއް އެއްފަހަރު އަޑުއިވުމުން އެބައިތެއް ދަސްކޮށްކިޔައިދޭ މީހުންނާއި، ދެފަހަރަށް އަޑުއިވުމުން ހިތުދަސްވާމީހުންނާއި، ތިންފަހަރަށް އަޑުއިވުމުން ދަސްވާ މީހުންނާއި ހަތަރުފަހަރަށް އަޑުއިވުމުން ދަސްވެ އެބައިތު ކިޔައިދޭ މީހުންނަށް އެމީހުންގެ ދަރަޖައިން ތާރީފުކުރެވޭނެއެވެ. އަރަބިކަރައިގެ އުންމީންނަކީ އެތައް ސަތޭކަ ޅެންބައިތު ތަކެއް ހިތުދަސް ބައެކެވެ. އެބައިތުތައް ފުލުފުލުގައި ކިޔައިދޭބައެކެވެ. އެހެންކަމުން އެމީހުނަށް ކުރަންޖެހޭ ތާރީފުގެ ހައްދެއްނެތެވެ.

ހަމައެކަނި ޅެންވެރިކަމުގެ ފަންނަކުނޫނެވެ. ހިސާބު އިލްމުގައިވެސް އަދި އެނޫން އިލްމުތަކުގައިވެސް އާދަޔާ ޚިލާފަށް ހަނދާންގަދަ އަދި ވިސްނައިގަތުމުގެ ބާރުގަދަ މީހުން ފެނެއެވެ. ބުއްދިތައް އަންތަރީސްވާފަދަ މީހުން ތިބެއެވެ. މިސާލެއްގެ ގޮތުން 214 އާއި، 314 އާ ގުނަކޮށްބަލާށޭ ބުނެފިނަމަ ކިޔަވައިގެންތިބޭ މީހުންކުރެބައެއް މީހުންނަށް އޭގެ ޖަވާބު ހޯދެނީ އެތައް އިރަކުންނެވެ. ނަމަވެސް މާމައްޗަށް ނުކިޔަވައިތިބޭ އެކަމަކު ހިތުވިޔައަށް މޮޅުމީހުން ދާދި ކުޑަ ހިނދުކޮޅެއްގެތެރޭގައި އެބައިމީހުންގެ ސިކުނޑީން އެދެއަދަދު ގުނަކޮށް ރަނގަޅު ޖަވާބުދެއެވެ. މީގެ އިތުރަށް ނަސަބުގެ ޢިލްމުވެރީންކުރެ ލިޔަންކިޔަން ނުދަންނަމީހުން ކުޑަކޮށްވެސް ފަސްޖެހިލުމެއްނެތި އެތައް ކާފަޔަކާ ހަމަޔަށް އެތައްބަޔެއްގެ ނަސަބު ވަގުތުން ކިޔައިދެއެވެ. އެފަދަ މީހުންވެސް ތިބީ އަރަބީންގެ ތެރޭގައެވެ.

ޝައްކެއްނެތެވެ. އުންމީންނަކީ ގަބުބައެއްނޫނެވެ. އުންމީންނަކީ ވިސްނުންކޮށި ބަޔެއްވެސްނޫނެވެ. ކައުސާހިބާ ސައްލަﷲ ޢަލައިހި ވަސައްލަމަގެ ސިޔާސީ، އިޖްތިމާއީ، އިޤްތިސާދީ މޮޅުބުއްދިފުޅާއި ރޭއްވެވުންތެރިކަމާއި ހިންގެވުންތެރިކަމަކީ އޭގެ ދަލީލެކެވެ. ޝައްކެއްނެތެވެ. އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަކީ ލިޔުއްވައި ކިޔުއްވައި ހައްދަވަން ދެނެވަޑައިގަންނަވާ ބޭކަލެއްނޫނެވެ. ނަމަވެސް އެމާތް ސާހިބާއަކީ ވަރަށް ހަނދުމަފުޅު ގަދަ ބޭކަލެކެވެ. ހައިރާންވެ އަންތަރީސްވާފަދަ ބުއްދިފުޅު ތަނަވަސް ބޭކަލެކެވެ.

ވަހީގެ މަލާއިކަތާ އެމާތްސާހިބާގެ އަރިހަށް ގެންނަވާ ވަހީގެ ބަސްފުޅުތައް ނުހަނު ސާފުސާފުކޮށް ހިތްޕުޅުގައި ރައްކާކުރައްވައި އެބަސްފުޅުތައް ތަކުރާރުކުރައްވައި ވިދާޅުވަމުންގެންދެވީ މިދެންނެވި އާދަޔާ ޙިލާފު ތޫނުވިސްނުންފުޅާއި ވަރުގަދަ ހަނދުމަފުޅުގެ ބާރުގައެވެ.

މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމައަށް ވަނީ އިލާހީ ޚާއްސަ މަދަދު ލިބިވަޑައިގެންފައެވެ. އިތުރުސާހިބާގެ ސަހާބީންނަށްވެސް ވަނީ އެކަލާނގެ ޚާއްސަ ދީލަތިވަންތަކަން ލިބިވަޑައިގެންފައެވެ. އިތުރު ސާހިބާގެ ދޫފުޅުން ވިދާޅުވާ ކޮންމެ ބަސްފުޅެއް ޞަހާބީންގެ ވިސްނުންފުޅުގައި ފިލިފުޅެއްވެސް ތަފާތު ކުރެއްވުމެއްނެތި އަކުރުން އަކުރަށް ރައްކާ ކުރެއްވިއެވެ.(އުންމަތަށް އެބަސްފުޅުތައް ރައްދުކުރެއްވިއެވެ.) ކީރިތި ޤުރުއާން ހިތްޕުޅުން ދަސްކުރައްވައިފައިވާ ހާފިޒުން ކިޔަވައި ވިދާޅުވާ އަޑުފުޅު އަޅުގަނޑުމެން އެބައަހަމުއެވެ. އެހާފިޒުންގެ ޤާބިލިއްޔަތާމެދު އަޅުގަނޑުގެ ހިތުގައި ހަހުރަ އުފެދެއެވެ. ކީރިތި ޤުރުއާނުގެ އިޢުޖާޒާމެދުވެސް އަންތަރީސްވެއެވެ. އާދޭހެވެ. މިއާދަޔާ ޚިލާފު ބޮޑު މަސައްކަތް ފުރިހަމަ ކުރެއްވީ އުންމީއެކެވެ. މި މަތިވެރި ޤާބިލިއްޔަތު މުސްލިމުންގެ ކިބައިގައި އުފެއްދެވީ އެމާތް އުންމިއްޔަ ނަބިއްޔާއެވެ.

އާންމުގޮތެއްގައި އަރަބީންގެ އެންމެންނަށް ނިސްބަތްކޮށް ހޭލުންތެރިކަމެއްނެތް، ޖާހިލު، ޖަހާލަތުގައި ހައްޔަރުވެފައި ތިބި ކަތިލުމަށާއި، ފޭރުމަށް ދެވިހިފައިވާ ގަބު، ފާޑުވެރިކަމެއް ނުހުންނަ މިފަދަ ބަސްތައް ބޭނުންކުރެވެއެވެ. ނަމަވެސް މިއީ އެއްވެސް ހަޤީގަތެއްނެތް ވާހަކަ ތަކެކެވެ. ޝައްކެއްނެތެވެ. އަރަބީންގެ ކިބައިގައިވެސް ހުރީ މީގެ ދެހާހެއް ދޮޅުހާހެއްހައި އަހަރުކުރީން ދުނިޔޭގެ އެހެނިހެން ސަރަހައްދު ތަކުގައި ދިރިއުޅުނުމީހުންގެ ކިބައިގައިވެސް ހުރި އުނިސިފަތަކެވެ. ރީތި ފުރިހަމަ ސިފަތަކެވެ. ނަމަވެސް އަރަބީންގެ ކިބައިގައި އޭރުވެސް ވަރަށް ޚާއްސަ ސިފައެއް ހުއްޓެވެ،އެއީ މާބޮޑު ތަޢުލީމެއްނެތަސް އެމީހުންގެ ހައިރާންވާފަދަ ހަނދާންގަދަކަމެވެ. އަރަބީންނަށް ނިސްބަތްކުރާއިރު އެހެނިހެން ޤައުމުތަކުގެ މީހުންގެ ހަނދާން ވަރަށް ބައްޔެވެ. ހަމައެކަނި ތައުލީމު ނެތުމަކުން ޖަހާލަތުގެ ތެރެޔަކަށް ނުވެއްޓެއެވެ.

  • ދުނިޔެވަނީ އަރަބީންނަށްވުރެ މާޖާހިލު އެތައް ގައުމެއް ދެކެފައެވެ.
  • ކިއްލާތަކުގެ ޒީނަތަށް އިންސާނުންގެ ބޯތައްވަނީ އެލުވައިފައެވެ.
  • ދިރިތިބި އިންސާނުން ބަރިބަރިޔަށް ފާރުތަކުގައި ލައްގައި މޮހޮރުޖަހައިފައެވެ.
  • އެތުގެ ފައިދަށުލައި މީހުންގެ ހަށިތައްޗިސްކޮށްފައެވެ.

ސަލީބަށް އަރުވައި މޮހޮރު ޖަހައިފައިވެއެވެ. ދިރިތިއްބައި ވަޅުލައިފައިވެއެވެ. އުވަފައްލަވަތަކުގެ ތެރެޔަށް ގަންބައިފައިވެއެވެ. ބަނޑުހައިވެފައިތިބޭ މިނިކާވަގުތަކުގެ ކުރިމަށްޗައް ސިކާރައެއްގެ ގޮތުގައި އުކައިފައިވެއެވެ. ރޯމުން ފެށިގެނ ތެމިލްނާޑޫއާ ހަމައަށް ހުރިހާ ޤައުމުތަކެއްގެ ތާރީޚުން މި މަންޒަރުތައް އަޅުގަނޑުމެންނަށް ފެނެއެވެ. އަރަބީންގެ ޖާހިލުކަމާއި ހިތްހަރުކަން މިއަށްވުރެ ވެސް ބޮޑީހެއްޔެވެ؟ ނޫނެކެވެ. އެހެންކަމުން (އެންމެހައި އަރަބީންނަށް ނިސްބަތްކޮށް) ޢަރަބީންގެ ބޮލުގައި މިއަޅުވާ އިލްޒާމްތަކަކީ އިންތިހާދަރަޖައިގެ ތަނަކުން ތަނަކު ނުޖެހޭ އިލްޒާމްތަކެކެވެ.

މާތްނަބިއްޔާ ޞައްލަﷲ އަލަހި ވަސައްލަމަގެ ދައުވަތަށް ޢަރަބީން ދެކޮޅުހެދިކަމަށާއި އެމާތް ސާހިބާއަށް އުނދަގޫފުޅު ކުރިކަމަށް މީހުން ވާހަކަ ދައްކަނީ އެންމެހައި އަރަބީން ޝާމިލްކޮށްގެންނެވެ. އެކަމަކު މަދީނާގައި ދިރިއުޅުނީވެސް ހަމަ އަރަބީންނެވެ. އެމީހުން އިތުރު ސާހިބާއާ ބައިވެރިވިއެވެ. އެކުވެރިކަމުގެ ޙައްޤު އަދާ ކުރިއެވެ. (އެހީތެރިވެދީ އަންސާރުންގެ ލަޤަބު ހޯދިއެވެ.) އިތުރުސާހިބާގެ ޤިޔާދަތުގައި އެކިއެކި މައިދާންތަކުގައި ހަނގުރާމަކުރިއެވެ. ތިމާމެންގެ އަމިއްލަ ފުރާނަތައް ނުރައްކަލަށް ހުށައަޅައިގެންނެވެ.

ކައުބަތުﷲ ގައި ބަހައްޓައިފައި ހުރި ބުދުތައް މުގުރައި، އަޅުކަންކުރެވޭ ތަސްވީރުތައް ނައްތައިލައި އެތަކެއްޗަށް އަޅުކަން ކުރުމަކީ ބާޠިލް ކަމެއް ކަމުގައި ކަނޑައެޅުމުގެ އިންޤިލާބީ މަސައްކަތް ކުރީވެސް ހަމަ އަރަބީންނެވެ. އިތުރު ސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަގެ ޤިޔާދަތުގެ ދަށުގައެވެ.

މި މަތިވެރި އިންޤިލާބު މީގެ ދޮޅުހާސް އަހަރު ކުރީން އިންޑިޔާއަށް ނުވަތަ ޗައިނާއަށް ނުވަތަ އެނޫން އެހެންވެސް ޤައުމަކަށް ގެނެވުނުނަމަ އެތަނެއްގެ ރައްޔިތުން އަރަބީންނަށްވުރެ ވަކިނިޔަނެތި ބަޔަކަށް ވީސްބާވައެވެ؟ ވަކި ހެޔޮލަފާ ބަޔަކަށް ވީސްބާވައެވެ؟ އަރަބީންނަށްވުރެ މައިތިރި ބަތަކަށް ވީސްބާވައެވެ؟ ނޫނެކެވެ. މިނަޒަރުން އަރަބީންނާމެދު ވިސްނައިލުމުން އަޅުގަނޑަށް ނުހަނުފާޅުކަންބޮޑު ގޮތެއްގައި ފެންނަނީ އަރަބީންގެ މަތިވެރިކަމެވެ.

އަރަބިކަރަޔަކީ ސަހަރާތަކުގެ ބިމެކެވެ. އަރަބީންނަކީ ސަހަރާގެ ބަދަވީންނެވެ. އާނއެކެވެ. މިމަތިވެރި އިންޤިލާބުއައީ އެސަހަރާވީ ބިމުގައެވެ. އެގޮތުން އަޅުގަނޑު އެކަރަދެކެއާއި އެކަރައިގެ އަހުލުވެރީން ދެކެލޯބިވަމެވެ. އިހްތިރާމްކޮށް ކަމޭހިތަމެވެ. އަޅުގަނޑުގެ އެތައްހާސް ސަލާމެއް އެމީހުންނަށް ހުއްޓެވެ.

މި މަތިވެރި އިންޤިލާބުގެ ޒަރީއާއަކަށްވި މާތް މުޤައްދަސް ފޮތުގެ އިތުރު ބައެއް ޚާއްސަ ސިފަފުޅުތަކާމެދު އަޅުގަނޑުގެ ޝުޢޫރު އަންނަނިވި ޞަފްޙާތަކުން ބައްލަވަމުންގެންދަވާށެވެ.

comment ކޮމެންޓް