ނޭނގި ހިތާ ކުޅޭލީ - 16

"އެއީވެސް ފިރިހެނެއް. ފިރިހެނުންގެ ފާޑު ލިވިއާއަށް ނޭގުނަސް އަހަރެން މިހިރީ ދުވަސްވެ ވަރަށް ގިނަ ތަޖުރިބާކޮށްފައި ކަމަށް ވާތީ މިހެން މިބުނަނީ. އެއްވެސް ފިރިހެނަކަށް އިތުބާރުކުރާކަށް ނުވާނެ. ރީތި އަންހެންކުއްޖެއް ފެނިއްޖެއްޔާ އެންމެންވެސް ބޭނުންވާނެ. ވަގުތީ އުފަލާއި މަޖަލަށްޓަކާ އެކަން ކުރާނީ. ޅަ ސިކުނޑިއެއްވީމަ ހެޔޮނުބައި ވަކިކުރަން ނޭގޭނެތީ މިބުނީ. ތިކަންތައް ހުއްޓާލާ.............." ނަބީލާ ސީދާ މައުޟޫއަށް ވާހަކަ ގެންދިއުމުން ލިވިއާގެ ހިތް ބިރުގަންނަގޮތްވިއެވެ. އެހާ ސާފުކޮށް ނަބީލާ އެވާހަކަ ބުނީ ކިހާވަރަކަށް އެނގިގެން ބާވައެވެ. އެކަމާއި ހިތާހިތުން ދަތްތައް ބިންދައިގެންދާހާ ގަދަ ރުޅިގަނޑެއް އައުމަށްފަހުވެސް އޭނަ ރުޅި ހިންދާލިއެވެ. އެހާ އަވަހަށް މައްސަލަ ޖެހިގެން އޭނައަށް ނާކާމިޔާބުވެދާނެއެވެ. އެންމެ ކުރިން ޖެހޭނީ މި ތަސްވީރުން ނަބީލާ އެއްފަރާތްކޮށްލާށެވެ. ލިވިއާ ތުންފަތް މައްޗަށް ވެރިކޮށްލި މައުސޫމް ހިނިތުންވުމުގެ ފަހަތުގައި އޭނަ ކުޅެމުންދާ ނުލަފާ ކުޅިގަނޑުގެ ހިޔަނިވެސް ފެންނަން ނުހުންނަހާ އޭނަ ކުޅަދާނައެވެ.

"ނަބީއްތަ ހީކުރާގޮތަކަށް ނޫން އެކަން އެވީ. ބައްޕައެއް ނެތުމުން ނަންނިގެ ބައްޕައާއި އޮންނަނީ ބައްޕައަކާއި ދަރިއެއްގެ ދޭތެރޭ އޮންނަ ގުޅުން. އަދި އެތާ އޮފީހުގައި ވޯކްކުރާތީ މަސައްކަތާއި ބެހޭގޮތުން ވާހަކަދެއްކޭ. އެއްގޮތަކަށްވެސް ތިކަހަލަ މުޑުދާރު ޚިޔާލެއް އަޅުގަނޑުގެ ހިތަކު ނެތް...." ލިވިއާގެ ލޮލުން އެއްވެސް ޝުއޫރެއް ފާޅުވިޔަކަނުދިނެވެ.

ނަބީލާ ދެންވެސް ދާކަށް ނޫޅުނެވެ. ދީނީ ނަސޭހަތް ދޭންފެށިއެވެ. ފޫހިވީވަރުން ލިވިއާ އާފުރެންފެށިއެވެ. ލިވިއާގެ ހެދުމުގެ ވައްޓަފާޅި ބަދަލުކޮށް ބުރުގާ އަޅަން އެދުނީ ދީނުގައި އެހުކުމް އޮންނަގޮތް ބަޔާންކޮށްދީފައެވެ. އައުރަ ނިވާނުކޮށް ތިބުމުން ފިތުނަ އުފެދޭނެކަމަށާއި ފިރިހެނުންގެ ދަހިވެތި ނަޒަރުތަކުން ސަލާމަތްނުވެ އުފާވެރި ހަޔާތެއް ނުލިބިދާނެކަމަށް ބުނުމުން ލިވިއާ ހިނިއަންނަގޮތްވިއެވެ. ނަބީލާއަށް ރަގަޅު ދިރިއުޅުމެއް ނުލިބި ވަރިވާންޖެހުނީ ނިވާވެގެން ހުރިލެއް ކުޑަވެގެން ހެއްޔޭ ހިތަށް އެރިއެވެ. ލިވިއާއަށް ނޭގުނީ އެދެމަފިރިންގެ ދިރިއުޅުން ރޫޅުމުގެ އަސްލަކީ އިމާދުއްދީންކަމެވެ. އިމާދުއްދީންގެ ހުރި އުޅުމެއްނެތްކަމާއި ދީންވެރިކަން ކުޑަވުންކަމެވެ. ފުރަތަމަ އަމިއްލަ ދަރިފުޅު އިސްލާހު ކުރަން އުޅުނިއްޔާ މާ ތާހިރުވާނެއެވެ. ސަވާނާވެސް ހުންނަނީ ބުރުގާ އަޅާފައެއްނޫނެވެ. ފިރިހެނަކާއިހެދި މޮޔަވެގެން އަމިއްލަ ފުރާނަ ނަގައިލަންވެސް އުޅުނީއެވެ. ހިތަށް އެރި އެއްޗެހި ފޮރުވާފައި ލިވިއާ ބުނީ އެކަމާއި ވިސްނާކަމުގައެވެ. ނަބީލާ ބުރުގާ އެޅުމުން މާތް ފާޑުޖަހާކަމުގައިވެސް ބުނެލިއެވެ.

ނަބީލާ ނުކުތުމާއިއެކު ލިވިއާ އައިސްފާ ހުރި ރުޅީގައި ވަގުތުން އިމާދުއްދީންއަށް ގުޅައިގެން އެދެމެދުގައި ދެކެވުނުހާ ވާހަކަތަކެއް ކިޔައިދިނެވެ. އިމާދުއްދީން ރުޅިގަދަވީ މިންވަރު ފޯނުންވެސް ލިވިއާ ދެނެގަތެވެ. މި ދާ ގޮތަށްގޮސް ވަރިކުރަންވީއޭ ބުނުމުން ލިވިއާ ހިނިއައިސްފާ ބުނީ އަދި ކެތްކުރުމަށެވެ. ދެމީހުން އެއްބައިވެގެން ނަބީލާއަށް މަލާމާތްކޮށް އެއްޗެހި ކިޔާފައި އިމާދުއްދީން ހީވީ އަލުން ޅަ ދުވަސްވަރު އައިސްގެން އުޅޭހެންނެވެ. މުޅި ހަށިގަނޑުގައި ދައުރުކުރަނީ ލިވިއާގެ ލޯބީގެ އިހުސާސްތަކެވެ. ހިތަށް އެރިޔަސް ލޭ ހޫނުވެލައެވެ. މިހާ ގަދަޔަށް އަންހެނަކާއި ހެދި ދުވަހަކުވެސް އޭނައަށް އުޅެވުނުކަމަކަށްނުވެއެވެ. ހަޔާތުގެ އެހިސާބުން އޭނައަށް މީހަކު ދެކެ ހަގީގީ ލޯތްބެއް ވެވުނީއެވެ.

އެހުރިހާ ވާހަކަތައް ދޮރުގެ އެއްފަރާތުގައި ހުރި ނަބީލާއަށް އިވުނެވެ. ކޮންމެހެން އެވާހަކަތައް އަހަން ފިލައިގެން ހުރީއެއް ނޫނެވެ. އޭނަ އެހިސާބާއި އަރާ ހަމަވީއިރު އެދެކެވުނު ވާހަކަތަކުން އަހަން މަޖުބޫރުވީއެވެ. އޭނަގެ ދެލޮލަށް ޖަމާވީ މާޔޫސީކަމުގެ ކަރުނައެވެ. އޭނަ ދަރިފުޅަށްޓަކާ އިމާދުއްދީންއާއި ގުޅުނުކަމީ ނުބައި ފާލެއްބާވައެވެ. އަލުން ކައިވެނި ކުރަންވެގެން އިސްތިޚާރާނަމާދުވެސް ކުރިއެވެ. މިހުރިހާ ކަންތައްތަކަކީވެސް އޭނައަށް ދިރިއުޅުމުގައި ކުރިން ކުރެވުނު ފާފަތަކުގެ ސަޒާބާވައެވެ. އެއް އިރެއްގައި އޭނަވެސް ލިވިއާފަދައިން މުއްސަދިކަމާއިހެދި ދަން ޖެހުނެވެ. މައިންބަފައިން ހޯދަދިން އަޅުވެރި ސާލިހު ފިރިހެނަކަށް ނޫނެކޭ ބުނެ އޭނަވެސް ދުވީ އަވާމެންދުރު ފަދައިންނެވެ. މިއަދު އޭނަ އުފުލަންޖެހިފައިވާ ހިތާމަތައް އިންސާނަކަށް ބަޔާންކޮށްދޭނީ ކޮންދުލަކުން ހެއްޔެވެ؟ އޭނަދެކެ ލޯބިވާނެ ފިރިޔަކު ނުލިބުނުތާ އަންހެންދަރިފުޅުވެސް ވީ އޭނައަށް ބީރައްޓެއްސަކަށެވެ. މަންމައެއްގެ ގޮތުގައި އޭނަ ހުރުމުގެ ބަދަލުގައި ލިވިއާފަދަ ދޮންމަންމައަކަށް ސަވާނާ ބޭނުންނުވާނެ ކަމެއްވެސް ނަބީލާއަކަށް ނޭގުނެވެ. ހަގީގަތަކީ އޭނަވަނީ ނަމެއްގައި އިމާދުއްދީންގެ އަންހެނުންގެ ގޮތުގައެވެ. އިމާދުއްދީންގެ ތަންމަތި ހޫނުކޮށްދެނީ އެހެން އަންހެނުންނެވެ. ކޮންމެރެއަކު އޭނަ ގެއަށް ވަދެލަނީ އޭނަ ބޭނުންވާހުރިހާ ކަމެއް ފުއްދާލައިގެންނެވެ. އިމާދުއްދީން ގެ އެނދު ހިއްސާކުރުންވެސް އޭނައަށް ފަސޭހަކަމަކަށް ނުވެއެވެ. އެހުރިހާކަމަކަށް އޭނަ އަދިވެސް ކެތްކުރަންވީ ހެއްޔެވެ؟

ނަބީލާ އިމާދުއްދީންއަށް ނުފެންނަނީސް ފަހަތަށް ފިޔަވަޅެއް އެޅިއެވެ.

ސަވާނާ ހޮސްޕިޓަލުގައި އޮތްއިރު ލުކުމާން ދޭތެރެއަކުން ވަދެލާފައި ކޮންމެ ފަހަރަކު ކުދި ހަދިޔާއެއް ގެންގޮސްދެއެވެ. މަލާއި ކާޑު ފޮތްތަކާއި އައިސްކްރީމާއި ޗޮކްލެޓަށް ދާންދެންވެސްމެއެވެ. ސަވާނާ އޮންނަނީ ނިކަން ހިތްހަމަޖެހިފައެވެ. ފަރުދާގެ ފަހަތުގައި ކުޅެވެމުންދާ ކުޅިގަނޑެއްގެ ހިލަމެއް އެމައުސޫމަކަށް ނޭގެއެވެ. ލުކުމާންގެ ހިތުގައިވަނީ އެންމެ އެއްޗެކެވެ. ބަދަލު ހިފުމުގެ ވަރުގަދަ ރޫހެވެ. އެ ކަމުގައި މައުސޫމް ހިތެއް ހަލާކުވިޔަސް އޭނަގެ ފަރުވާލެއްނެތެވެ. ދެވަނަފަހަރަށް ސަވާނާއާއި އޭނަ ގާތްވީ ކުރިއަށްވުރެ ހިތް ހަރުކޮށްލާފައެވެ.

ސަވާނާ ހޮސްޕިޓަލުން ދޫކޮށްލި ދުވަހު ފާޚާނާއަށްވަދެ އަމިއްލަ މޫނު ބަލައިލުމުން ސިހޭގޮތްވިއެވެ. މޫނުމަތި ދުޅަވެ ފޮއްސިވެފައިވާވަރުން ކުރިއަށްވުރެ ވަށްވެ ބުރަހެލިކަން އިހުސާސްކުރެވުނެވެ. އަދި އެކަނި ފަލައީއެއް ނޫނެވެ. ނިތްކުރިއާއިއެކު ބުމައާއި ހަމަޔަށް އެއިން ހުތުރު ލަކުނު ފެނުމުން ދުވެފިލަން ހިތަށް އެރިއެވެ. މިވީހާތަނަށް އޭނަގެ މޫނު ޒަޚަމްވެފައި ހުރިކަން އެނގޭއިރުވެސް އޭނަ މޫނުބަލާ ލޯގަނޑުން ބަލާކަށް ހިތަކަށް ނާރައެވެ. އަނގަ ހުޅުވުނުގޮތަށް އަނގަމަތީގައި އަތް އަޅައިލައިގެން ސަވާނާއަށް ހުރެވުނީ ކަޅި ޖަހައިލަން ނޭގިފައެވެ. އޭނަ ލިވިއާ ކައިރީ ބުނެގެން ގެނެސްފާ ހުރި އެއްޗެހިތަކުން ކިތަންމެވަރަކަށް ފައުންޑޭޝަން އުނގުޅިޔަސް އެލަކުނުގެ ފުންކަމުން ފޮރުވޭނެގޮތެއް ނުވިއެވެ.

"ޑޭމިޓް. ލޫކް އަހަރެންދެކެ ފޫހިވާނެކަން ޔަގީން........" ސަވާނާ އެހެން ހުރެ ދެފައި ތަޅައިގަތެވެ.

ތަންކޮޅެއް މައިތިރިވެލާފައި ނިކުތްއިރު މަންމަ ހުރީ އޭނަގެ އެއްޗެހި ޕެކްކުރާށެވެ. ހޫނު ކިރުތަށްޓަކާއި ތަރުކާރީ ބާގާއެއް ސަވާނާއަށްޓަކާ ތައްޔާރުކޮށްފައި ހުއްޓެވެ.

"އަހަރެން ގެއަށް ދާ ހިތެއްނެތް...." ސަވާނާ ތުންފިތައިލިއެވެ.

"ދެން ކޮންތާކަށް ދާންވީ..... " ނަބީލާ ހައިރާންވެފައި ސުވާލުކުރިއެވެ.

"މަންމައަކަށް ނުފެނޭތަ މޫނުގައި މިހިރަ ލަކުނު. ފަލަކަމުން މިހިރަ ދޮރުން ނުކުމެވޭނެކަމެއް ނޭގޭ. އެއްވެސް މީހަކާއި ކުރިމަތިލާނެ ހިތްވަރެއް ނެތް. އައި ހޭޓްމައިސެލްފް. މޫނު ބުރުގާ އަޅަންކަން ނޭގޭ ވީ..........." ސަވާނާ ކޮޓަރިތެރޭ ދެކޮޅަށް ހިނގަންފެށިއެވެ.

"ސަވާނާ މޫނު ބުރުގާގެ މަގުސަދު އޮޅުވާލާކަށް ނުވާނެ. އިސްތަށިގަނޑު ނުރަވީމަ ނޫނީ ތުނިވީމަ ބުރުގާ އަޅާނަމޭ ކިޔާފައި ބުރުގާ އެޅުންކަހަލަ ކަމެއް. ތިމާ ހެއްދެވިފަރާތަށްޓަކާ އެންމެ ކަމެއް ކުރަން ދަރިފުޅު ހިތަކަށް ނާރާ. އެހެންމީހުން ރުއްސަން މަސައްކަތްކުރުމުގެ ބަދަލުގައި ހެއްދެވިފަރާތަށްޓަކާ އެންމެ ފަހަރަކު ނަމާދެއްކޮށްބަލަ. މީހާ ހުރި ސިފައަކުން އެފަރާތުގެ ލޯތްބަށް ބަދަލެއް ނާންނާނެ......" ނަބީލާގެ ވާހަކަތަކުން ސަވާނާގެ ބޮލުގެ ރިހުންވީ އިތުރެވެ.

"ޕްލީޒް މަންމާ އިހަށް ތި ވާހަކަ ބާއްވާ..." ސަވާނާ ބޯ ގޮވާވަރުވިއެވެ. އޭނައަށް ދިމާވެފައިވާ އުދަގޫތައް ހައްލުކުރުމުގެ ބަދަލުގައި މަންމަ އަދި ފާޑެއްގެ ލެކްޗަރެއްދޭން ފެށީއެވެ. އެތަނުން ނިކުންނަން ދާން ހިގައިގަތުމުން ނަބީލާ ގޮވިއެވެ. ކިރުތަށި ބޮއިގެންދާން މަޑުކުރަން ބުނުމުން އަލިފާނަށް އިތުރަށް ދަރުއެޅުންފަދަ ވިއެވެ. ސަވާނާގެ މޫނު އަނގުރު އަލިފާންކޮޅަކަށް ބަދަލުވާންއުޅުނެވެ. ނަމަވެސް އިންތިހާއަށް ކެތްކުރިއެވެ. މަންމައާއި ޒުވާބުކުރިޔަސް އޭނަގެ ސިފައަށް ބަދަލެއް އަންނާނީއެއް ނޫނެވެ. ހިކޭނީއެއްވެސް ނޫނެވެ.

ސަވާނާގެ ޟަމީރު އޭނައަށް ވިސްނާދިނެވެ. ހިތްވަރުކުރާށެވެ. ހާސްވާންވީ ކޮންކަމަކާހެއްޔެވެ؟ ޕްލާސްޓިކް ސާޖަރީ ހަދައިގެން ލަކުނު ފިލުވައިލެވިދާނެއެވެ. ޑައިޓްކޮށްގެން ބުރަދަން ރީތިވަރަކަށް ހިފެހެއްޓިދާނެއެވެ. އޭނަގެ ބައްޕަފަދަ މުއްސަދި މަހުޖަނަކަށް ކޮށްނުދެވޭނެ ކަމެއް ނުހުންނާނެއެވެ. ދުނިޔޭގެ އެންމެ މޮޅު ޕްލާސްޓިކް ސާޖަންއަށް އެޕޮއިންޓްމެންޓެއް ހައްދައިގެން ވީހާ އަވަހަށް ފުރަންވީއެވެ. އަމިއްލަ ނަފުސަށް ވިސްނައިދީގެން އޭނަ ގޫގުލް ކުރަންފެށިއެވެ. އެހެން އިނދެ ކިރުތަށި ދަމާލައިފިއެވެ. ހިތާއި ދެކޮޅަށް ދެން ކެއީ މޭވާއެވެ. އޭނަ ޖެހޭނީ ބޭކާރު ކެލޮރީސްތަކާއި ދުރުވާށެވެ. ފޮނި އެއްޗެހީގެ އެކުވެރިން ތަންކޮޅެއް ފަލަވާނެއެވެ. ދުވަސްކޮޅަކަށް ފޮނި އެއްޗިއްސާއި ރުޅިވާންޖެހެއެވެ.

ލިވިއާ ބޭރަށް ދާން ތައްޔާރުވެލައިގެން ނުކުތްއިރު ލާފައި ހުރި ޓޮޕްކޮޅާއި ޓައިޓްގައި ޓޫރިސްޓްކުއްޖެއްފަދައެވެ. ވެކްސްކޮށްފައިވާ ފަޔާއި ޑައިމަންޑް ފޭޝަލްގެ އޯގާތެރިކަމުން ކުރިއަށްވުރެ ވިދާ މޫނުގެ ސަބަބުން ދެކޭހިތްތައް އާޝޯޚުކުރުވާނެއެވެ. ލިވިއާ ސިޓިންރޫމާއި އަރާހަމަވީއިރަށް ސޯފާއަށް އަރާ އަރާމުގައި ޖައްސާލާފައި އޮތް ފީލިކްސް ފެނިފާ ގައިން ހީބިހި ހަލުވައިލިއެވެ. އޭގެ ފަރާތުން އެއްވެސް ނުރައްކަލެއްނެތަސް އައި ރުޅިއަކުން އަޑުކޮޅަށް ހަޅޭއްލަވައިގަތެވެ. އިމާދުއްދީން އަށް އެ އަޑު އިވި ކުރަން އިން މަސައްކަތް ހުއްޓާލާފައި ނުކުރީ ލޯބިވާ ލިވިއާގެ ހިމާޔަތުގައެވެ.

"މި ބުޅާގަނޑު...." ލިވިއާ ތުއިވެލާފައި އިނގިލިދިއްކޮށްލިއެވެ.

"ޕިސް ޕިސް. ދެން އަހަރެމެން އިށީދެ އޮށޯވެ ހަދާ ތަންތާ މީތި އުނގުޅޭކަށް ނުވެސް ޖެހޭނެ. އަދި އެވަރުން ލިވީ ބިރުގަންނަވަން އެބައުޅޭ...." އިމާދުއްދީން ބުޅަލުގެ ދެކަންފަތުގައި ހިފާފައި ދޮރުން ބޭރަށް ހޫރުވައިލީ ސަވާނާ ކާރުން ފޭބިވަގުތެވެ. ލިވިއާ ކާރުގެ ދޮރުފަތް ޖެހުނު އަޑަށް ކުޑަދޮރުން ބޭރަށް ބަލާލާފައި ހިތް ހުއްޓުނުހެން ހީވިއެވެ. ފީލިކްސްއަށް އަނިޔާކުރުވުމުގެ ފަހަތުގައި އޭނަ ހުރިކަން އެނގިއްޖެއްޔާ ސަވާނާ އޭނައަށް މާފެއް ނުކުރާނެއެވެ. އަވަހަށް ސިޑިއާއި ދިމާލަށް ދުއްވައިގަތީ އޭނަ ހުރިވާހަކަ ނުބުނަން އިމާދުއްދީން ކައިރީ އިޝާރާތުން އެދިފައެވެ.

"ފީލިކްސް ބޭބީ............." ސަވާނާ ދުވަމުން އައިގޮތަށް ފީލިކްސް އުރާލާފައި މޫނުގައި ޖައްސަމުން ބައްޕައަށް ބަލައިލީ ޝަކުވާގެ ނަޒަރަކުންނެވެ. ބައްޕައަށް އޭނަ ފީލިކްސްދެކެ ލޯބިވާވަރު އެނގޭނެ ނޫންހެއްޔެވެ؟ ބައްޕަ ފީލިކްސްއަށް އަނިޔާވެރިވިކަން އޭނައަށް ގަބޫލެއްވެސް ނުކުރެވުނެވެ. އެހެން މީހަކު ބުނިނަމަ ދޮގުކުރީހެވެ. ނަމަވެސް އެކަން ހިނގީ އޭނަގެ ލޮލުގެ ކުރިމަތީގައެވެ. ސަވާނާ ބުނާނެ އެއްޗެއް ނޭގިފައި ހުރެ ފީލިކްސްގެ ކެހުރުގަނޑުގައި ފިރުމަމުން ދިޔައީ އޯގާތެރިކަމާއި އެކުގައެވެ. މައިމީހާ ކުޑަކުއްޖެއްގެ ގައިގާ ފިރުމާނީވެސް އެހާ ލޯބިންނެވެ. ލިވިއާގެ ސަބަބުން އަމިއްލަ ދަރިފުޅުގެ ހިތަށް އަނިޔާއެއް ދެވިއްޖެ ކަމުގެ ކުށް އިހުސާސްވުމާއިއެކު އިމާދުއްދީން ދެރަވިއެވެ.

"ނަންނި. ސޮރީ ބައްޕަ ކޮންމެހެން ފީލިކްސްދެކެ ރުޅިން ކުރިކަމެއް ނޫނޭ. ކާ މޭޒަށް އަރާ ކާ އެއްޗެހި ހަޑިކުރަން ފެށީމަ ނެރެން ޖެހުނީ. ނަންނި ބައްޕަމެންނަށް ނާންގާ ގެއަށް އައީ ސަޕްރައިޒެއް ދޭންތަ؟ " އިމާދުއްދީން ކުރިއަށް ޖެހިލާފައި ސަވާނާގެ އިސްތަށިގަނޑުގައި ބޮސްދިނެވެ. އޭރު ނަބީލާ ކާރުން ކޮތަޅުތައް ބާލަނީއެވެ. އެހީތެރިވާން އިމާދުއްދީން ހިތަކަށްވެސް ނޭރިއެވެ. ޚުދު ސަވާނާއަށްވެސް މަންމަ އުފުއްލި ބުރައެއް އޭރަކު އިހުސާސެއް ނުކުރެވުނެވެ. މަންމަ ދެއަތުން ބަރު ކޮތަޅުތައް ގެނެސް ފެންޑާއަށް ލާފައި ދެވަނަފަހަރަށްވެސް ކާރުގެ ޑިކީގައިވާ ސާމާނު ނެރުނެވެ. އިމާދުއްދީން ސަވާނާއާއި ވާހަކަދައްކަމުންގޮސް ސިޓިންރޫމްގައި ޖައްސައިލިއެވެ. ގޭގައި ވާހާ ނޯކަރުން މަޑުމަޑުންގޮސް ގެއިން ފޮނުވައިލަން މަޖުބޫރުވުމުން ގެ ކިތަންމެހާވެސް ފަޅެވެ. ނަބީލާ ކޮޓަރިއަށް އެއްޗެހި ލާފައި ކާކޮޓަރިއަށް ވަނުމުން ހައިރާންކަމެއް ލިބުނެވެ. މޭޒަށް ކާން ހަދާފައެއް ނެތެވެ. ފީލިކްސް މޭޒަށް އެރި ވާހަކައަކީ ހަދައިގެން ބުނި އެއްޗެއް ބާވައެވެ. ނަބީލާ އުޅެގަތީ މެންދުރަށް ކެއްކުމުގެ މަސައްކަތުގައެވެ. ފިޔާ އަދި ހަވާދުވެސް ހުރީ ހުސްވާން ކައިރިވެފައެވެ. ފްރިޖްގައި ދެތިން ލުނބޮއާއި ގިތެޔޮ މިރުހަކާއި ޖޫސްޕެކެޓެއް ފިޔަވާ ހުރީ ހުހަށެވެ. މަޑުމަޑުން ދަށްވަމުންގޮސް އެމީހުންނެކޭ އެންމެ އާދައިގެ މީހުންނެކޭ ތަފާތެއް ނެތެވެ.

ޚަރަދަށް ބަލައިގެން އުޅޭއިރު އެއްޗެއް ހުސްވެގެން ބުނެފިއްޔާ އިމާދުއްދީން ހަޅޭއްލަވައިގަންނާނެއެވެ. އިސްރާފުނުކޮށް ބަލައިގެން އުޅެން އިންޒާރުކުރާނެއެވެ.

ނޫޑުލްސް ސޫޕް ހަދާލާފައި އެތިކޮޅެއް ކާލުމަށްފަހު ވާރޭ ވެހޭ މަންޒަރު ބަލަން ކުޑަދޮރު ކައިރީގައި އެތައް އިރެއްވާންދެން އިދެވުނެވެ.

ސަވާނާ ކޮސްމެޓިކް ސާޖަންއަކަށް އެޕޮއިންޓްމެންޓް ހައްދާފައި އޭނަގެ ބައްޕަ ކައިރީ އެވާހަކަދެއްކިއެވެ. އަގުބޮޑުކަމުން އިމާދުއްދީންގެ މޫނުމަތިން އިރުކޮޅަކަށް ނަމަވެސް ނުތަނަވަސްކަން ފެނިލިއެވެ.

"އަދި އެހާ އަވަހަށް އެހެން އޮޕަރޭޝަނެއްކުރާ ވަރަކަށް ނަންނިގެ ހަށިގަނޑުގައި ހަކަތައެއް ނުހުންނާނެ. އެކަމަކު ތިކަން ކޮންމެހެންވެސް ކުރަންވާނެ ދޯ..." އިމާދުއްދީން ގަދަކަމުން ހީލިއެވެ.

"މެރީކުރާނީ މި އޮޕަރޭޝަންކޮށްގެން.." ސަވާނާ ނިންމިއެވެ.

"ޑޭޓެއް ނިންމައިފިންތަ؟ " އިމާދުއްދީން އެހެން އަހައިލީ ނިކަން ހަމަޖެހިލައިގެން އިނދެއެވެ.

"އަދި އެއެއް ނުނިންމަން. ލޫކް އެކައިވެނި ފަސްކުރީ އޭނަ މަންމަ ނިޔާވީމަ ވީއިރު އެހާ އަވަސް އަރުވާލައިގެން ނުކުރިޔަސް ރަގަޅުވާނެ. މިފަހަރު ޕާޓީއެއް ނުބާއްވާ ފެމިލީ ކޯޓަށްގޮސް މެރީ ކުރާނީއޭ ލޫކް ބުނީ...." ސަވާނާ ފެމިލީ ކޯޓުގައި ކައިވެނިކުރިޔަސް އަލުން ވެޑިން ޑްރެސްއެއް ފައްސަން ބޭނުމެވެ. މިފަހަރު މޭކަޕްކުރުވާނީ ލިވިއާ ލައްވާ ނޫންކަމަށް އޭނަވަނީ މާ ކުރީއްސުރެ ކަނޑައަޅާފައެވެ. ޕާޓީއެއް ނުދިނަސް ރީތި ފޮޓޯ ސެޝަނެއް އޭނަވެސް ބޭނުމެވެ. އޭގެ ކުރިން ހަށިގަނޑުގައިވާ ބޭކާރު ސަރުބީތައް ވިރުވައިލާ މޫނުގައިވާ ލަކުނު އޮޕަރޭޝަން ކުރުވަން ސަވާނާވަނީ ނިންމާފައެވެ. ބައްޕަ އެހީދޭނެކަމުގެ ގެރެންޓީ ސަވާނާގެ އޮތެވެ. ސަވާނާއަށް ނޭގެނީ މިހާރު ބައްޕައަތުގައި ހުރި ފައިސާއެއް ވިއްޔާ ހޭދަކުރަނީ ހަމައެކަނި ލިވިއާގެ އުފަލަށްޓަކާ ކަމެވެ. ލިވިއާގެ ހިތް އަތުލައިގަންނަން ފައިސާއަކީ ހަތިޔާރަށް ވެދާނެކަމުގައި އޭނަ ޔަގީންކުރިއެވެ. އަންހެންކުދިން ބޭނުންވާނީ ފައިސާއާއި މުދާ ނޫންހެއްޔެވެ؟ އެހެންވެ އިމާދުއްދީން އެޔަގީންކަމާއިއެކު ލިވިއާ ތިމާގެ މިލްކަކަށް ވާންދެން ފައިސާއިން ފެންވަރުންވިޔަސް އެކަންވެސް ކުރާނެއެވެ. އެއްކޮށް އުޅުނު ނުފޫޒުގަދަ މުއްސަދި އެކުވެރިންއަތުން މިލިއަނުން ފައިސާ ހޯދައިގެން އެކައުންޓަށް ޖަމާކުރަނީ ހަމައެކަނި ލިވިއާއަށްޓަކައެވެ. ސަވާނާގެ ކައިވެނި އަވަސްކުރުވާފައި ލުކުމާންއާއި ހަވާލުކުރުމުން ދަރިފުޅުގެ ހައްގުތަކުން ބަރީއަވެދާނަކަމުގައިވެސް އޭނަ ދެކުނެވެ. އެހާވެސް އޭނަގެ ހިތް ލިވިއާ މޮޔަކޮށްލައިފިއެވެ.

ލުކުމާންއާއި ކައިދަން ސާފު ބޯޑު ހިފައިގެން މޫދުން އެރިއިރު ކިތަންމެ އަންހެންކުދިންނެއްގެ ނަޒަރު އެ މީހުންގެ ޓޭންވެލާފައިވާ ހަށިތަކަށް ހުއްޓިފައިވިއެވެ. ދެ ޒުވާނުން އެކަމަކަށް ފަރުވާލެއްނެތެވެ. އަމިއްލަ ވާހަކަތަކެއްގައި ތިބެ ހެމުންގޮސް ޑްރިންކެއް ގަނެލައިގެން އެދިމާލުން ގޮނޑުދޮށުގައި ޖައްސާލައިފިއެވެ. އެކި ވާހަކަތަކެއްގައި ތިބެފައި ލުކުމާން އަނެއްކާ ކައިވެނިކުރަން އުޅޭ ވާހަކަ ބުނެލުމުން ކައިދަން ސިހޭގޮތްވިއެވެ.

"އަހަންނެއް ލިވީ ދޫކޮށެއްނުލާނަން. އަހަރެން ބޭނުމީ އިމާދުއްދީންއަށް ލަނޑެއްދޭން. އޭނަގެ އަގު ވައްޓައިލަން" ލުކުމާން ކައިދަންއަށް ކުރާ އިތުބާރެއްގެ ބޮޑުކަމުން ކޮންމެ ކޮންމެ ވާހަކައެއް ދައްކައިލެވޭވަރުވެއެވެ.

"ބައްޕަ ފާފައެއްކުރިއޭ ކިޔާފައި އޭގެ ސަޒާ ކުށެއްނެތް އަންހެންކުއްޖަކަށް ދޭން ޖެހޭތަ؟ "

"އިމާދުއްދީންގެ ހިތަށް އެންމެ އަސަރުކުރާނީ ސަވާނާއަށް ދެރަގޮތެއްވީމަ. ޝީޒް ދަ އެޕްލް އޮފް ހިޒް އައިސް. އަހަރެން ހުއްޓާލާނީ އިމާދުއްދީންގެ ދިރިއުޅުން ހަލާކުކޮށް ނިންމާލާފައި. އެނޫނީ އަހަންނަށް ހަމަޖެހިގެން އެންމެ ނޭވާއެއްވެސް ނުލެވޭނެ.........." ލުކުމާން ފާޑަކަށް ހީލިއެވެ. އިމާދުއްދީންއާއި ލުކުމާންގެ އޮތީ ކޮން ދުޝްމިންކަމެއްކަން ބުނެދޭކަށް ލުކުމާން ބޭނުމެއްނޫނެވެ. އެއީ އޭނަގެ އަމިއްލަ ސިއްރެކެވެ. ކައިދަންވެސް އެސުވާލު ނުކުރަން އޭނަ އޮތީ އެދިފައެވެ. އެކަމަށް ކައިދަން އިހުތިރާމްކުރެއެވެ.

"ވިލަންއަކަށް ވާންތަ ތިއުޅެނީ؟ ލިވިއާއަށްވުރެ އެކުއްޖާ ހާސްބައި ރަގަޅުވާނެ..." ކައިދަން މަޑުމައިތިރިކަމާއިއެކު ބުނެލިއެވެ. ކިތަންމެވަރަށް ބުނެދިނަސް ލުކުމާންގެ ހުންނަ ގޮތްދޫނުކުރާ މިޒާޖުގެ ސަބަބުން އޭނަ ކުރަން އުޅޭކަމެއް ނުހުއްޓުވޭތާގައި ލިވިއާއަށްޓަކާ އެވާ ލޯތްބަކީވެސް ހައިރާންވާ ކަމެކެވެ.

ދެވަނަ ފަހަރަށް ސަވާނާ ކައިވެނިކުރަން އުޅޭ ވާހަކަ އިވުމުން ނަބީލާ އެކަމާއި ހިތްހަމަނުޖެހިގެން ސަވާނާއާއި ވާހަކަދެއްކިއެވެ. އެހާ އަވަސް އަރުވައިގެން އެކަމާއި ނޫޅެން އެދުނެވެ. ލުކުމާންގެ އުޅުން ރަގަޅުކަމާއިމެދު ނަބީލާ ޝައްކެވެ. އެހާ ލޯބިން އުޅޭހެނެއްވެސް ހިޔެއްނުވެއެވެ. ދީނީ ކަންތަކަށް ފަރުވާ ބަހައްޓާކަމުގެ ނިޝާނެއް އެއްގޮތަކަށްވެސް ނުފެނެއެވެ. ލުކުމާންގެ އާއިލާއާއި ބައްދަލުކުރުވަން ހުށަހެޅުމުން ލިވިއާ ބުނީ މަންމަ ނިޔާވުމުގެ ސަބަބުން އެހެން މީހުންނަށް ކައިވެންޏަށް އާދެވޭނެކަމުގެ ޔަގީންކަމެއް ނުދެވޭނެކަމުގައެވެ. އެހިތާމައިން އަރަން އެތައްދުވަހެއް ބޭނުންވާނެ ކަމުގައެވެ. ލުކުމާން މަންމަދެކެ ވާ ލޯބީގެ ވާހަކަ މިސާލަކަށް ހަދައިގެން ދައްކާއިރު ލުކުމާން އިންނަނީ ހީލަ ހީލައެވެ. ހިތާމައިގެ ކުނޑިފަށެއްވެސް ފެންނަނީއެއް ނޫނެވެ. އެވަރުގެ ލޯތްބެއް މީހަކު ނުވިއްޔާ ވެދާނެއެވެ. ލުކުމާންގެ ދުލުން އޮޅިގެންވެސް އޭނަގެ މަންމަގެ ނަން ގަނެވޭކަމަކަށްނުވެއެވެ. ލުކުމާންގެ މަންމަ ކިޔައިގެން ވާހަކަދައްކަނީ ހަމައެކަނި ލިވިއާއެވެ.

ލުކުމާން ސަވާނާގެ ކޮޓަރީގެ ދޮރު ހުޅުވާލާފައި ވަންއިރު ސަވާނާ އިނީ އެކޮޓަރި ނިކަން ޒީނަތްތެރިކޮށްލައިގެންނެވެ. ވިރެމުންދާ ލެވެންޑާ އުއްބައްތިތަކުން ތަނުގައި ހުވަދުލެވިފައިވާއިރު ހިޔަނިތައް ނަށާތަން ފެންނަނީ ޖާދުވީކޮށެވެ. އެ ފަނޑު އަލީގައި ސަވާނާގެ ވަށް މޫނު ފެންނަނީ ހަނދެއްހެންނެވެ. ލައިގެން ހުރި އައިރިސް ކުލައިގެ ހެދުންއޮތީ ކަކުލާއި ހަމަޔަށެވެ. ލުކުމާން ފެނުމުން ސަވާނާ ރަކިގޮތަކަށް ހީލިއެވެ.

"ޔޫ ލުކް ސޯ ޕްރިޓީ..." ލުކުމން ތައުރީފުކޮށްލިއެވެ.

"ތެންކިއު..."

" އަހަރެން މި ރޫމަށްވަން ތަން ބަލަން ސަވާނާ މަންމަ ހުރި. ކަޅި އަޅައިގެން. އަހަރެން ނޫޅެންވިއްޔަ ކައިވެނީގެ ކުރިން ސަވާނާގެ ގައިގާ އަތް ޖައްސައިލާކަށް. މަންމަ ހީކުރަނީ ކީކޭ. ބައެއްފަހަރު އެހެން އުޅޭތީ ވަރަށް ފޫހިވެސްވޭ......." ލުކުމާން ހީލާފައި ކިޔައިލިއިރު ކައިވެންޏަށްފަހުވެސް ސަވާނާގެ ގައިގާ އިނގިލިކުރި ޖައްސައިލާކަށްވެސް ހިތަކު ނެތެވެ. ލިވިއާވެސްވަނީ އެތައްފަހަރު އެކަން ހަދާންކޮށްދީފައެވެ. މިއީ ކުޅިގަނޑެކެވެ. ލިވިއާ އޭނަގެ ލޯތްބަށްޓަކާ ސަވާނާއާއި ހަސަދަވެރިވެގެން އުޅޭއިރު ލުކުމާންގެ އޮތީ އެހެން އެދުމެކެވެ. ސަވާނާއާއި ކައިވެނިކޮށްފައި އިމާދުއްދީންގެ މުދާގަނޑާއި ގެއަށް ވެރިވެގަތުމެވެ. އިމާދުއްދީން ބަގުރޫޓުކޮށްލުމެވެ.

"ބައްޕަ ބުނި ސަވާނާ މޫނުގައި ހުރި ލަކުނު ފިލުވަން ޔޫކޭއަށް ދާން އުޅޭ ވާހަކަ...."

"ބައްޕަވެސް ދެން...................." ސަވާނާ ލަދުން މަރުވާވަރުވިއެވެ. ބައްޕަ ލުކުމާން ކައިރީ އެކަހަލަ ވާހަކަވެސް ދައްކަނީހެއްޔެވެ؟

"ފުރަތަމަ މެރީކުރާނީ. އަހަންނަށް އެހާ ދުވަހަކަށް ކެތެއްނުވާނެ. ތިކުއްޖާ ވެއްޖެ ވިއްޔާ ބެޓްމޭން ހެދިގެން ފުރާޅުތައްމަތިން ފުންމާލަން. ދެން އެހެން ނޫޅެއްޗޭ. އަހަންނަށް މާ ރީތި ލަކުނު ހުރީމަ. އެހެން ކުދިންނާއި މިގާލް ތަފާތު ކުރޭ މިކަހަލަ މާކެއް އިނީމަ. ދެން ލަދުން ނޫޅެބަލަ. ސްކާ ތަކެއް ހުއްޓަސް ރީތި ކުއްޖަކު ހުތުރެއްނުވާނެ......." ލުކުމާން ސަވާނާއާއި ކައިރީގައި ހުއްޓިލިއެވެ. އެދޭތެރޭގައިވާ ދުރުމިން އެއަށްވުރެ ކައިރިކޮށްލަން ސަވާނާ ބޭނުންވިއިރުވެސް އެހެން ހަދާކަށް ނުކެރުނެވެ. ލުކުމާންގެ މިހިރަ ގޮތަކުންނެވެ. ލުކްމާން ގެ މާތްކަމާއި ރަގަޅުކަން ސަވާނާގެ ހިތުގައިވާ ލޯބި ހައްތަހާ ފުންކުރުވިއެވެ.

ނަބީލާ ބުކްޝޮޕަށް ވަދެފައި ހިނގައިގަތީ ދިވެހި ފޮތްތައް ހުރި ހަރުގަނޑާއި ދިމާލަށެވެ. ފޮތްތައް ބަލަން ހުއްޓާ ކަޅުހެދުމެއްގައި ހުރި އަންހެނަކު އޭނަގެ ނަމުން ގޮވައިލުމުން އިސްއުފުލާލުމާއިއެކު ކުޑަކުއްޖެއްހެން ފޯރިއާއިއެކު ހަޅޭއްލަވައި ނުގަނެވުނީ ހަމަކިރިޔާއެވެ. ކުރިމަތީގައި ހުރީ ޒުވާންއިރުގެ އެންމެ ގާތް އެކުވެރިޔާއެވެ. އަރުޖަމަންދުއެވެ. ދެމީހުން ނަށް ގައިގާ ހިފައިގަނެވުނުއިރު ނަބީލާގެ ލޯ ފެންކަޅިވެއްޖެއެވެ. އެތައް ޒަމާނެއްކޮށްފައި ބައްދަލުވިއިރު ދެމީހުން ދައްކަން ޖެހޭ ހާދަ ގިނަވާހަކަތަކެއް އޮންނާނެއެވެ.

އަރުޖަމަންދު އޭނަގެ ޒަމާންވީ އެކުވެރިޔާ ގޮވައިގެން ބޭރަށް ނުކުމެފާ އެރީ އަމިއްލަ ކާރަށެވެ.

"ޕްރައިވެޓް ކާރެއްތަ؟ " ނަބީލާ ހައިރާންވިއެވެ.

"ހޫމް. މައިންބަފައިން އަދި ފިރިމީހާއާއި އަމިއްލަ މުއްސަދިކަން އެކުވުމުން ދުނިޔެއިން ނުލިބޭނެ އުފަލެއް މަދުވާނެ. އިރާދަކުރެއްވިއްޔާ އަހަންނަށްވަނީ އެތައް ނިއުމަތެއް ފުރިހަމަކޮށްދެއްވާފައި. އެކަމަށްޓަކާ މިހިތް ޝުކުރުން ނުފުރޭ އެންމެ ވަގުތުކޮޅެއްވެސް ނުދޭ. އެއާއިއެކު އަބަދު ހަދާންކުރަނީ މިއީ ވަގުތީ މަންޒިލެއްކަމާއި ކޮންމެ އިރަކުވެސް މިތަން ދޫކޮށް ދެމިއޮތުމުގެ އާލަމަށް ފުރަންޖެހިދާނެކަން. އަހަރެން ވަރަށް އުފާވެއްޖެ ނަބީވެސް ކަޅުހެދުން ލާފައި ހުރީމަ. ނަބީ ކިޔާދީބަލަ. އާއިލާގައި ކިތައް މީހުން އުޅޭތަ؟ ގެ ހުންނަނީ ކޮންތާކު؟ ކިތައް ދަރިން އެބަތިބި....."

އެތައް ސުވާލުތަކުގެ ތެރެއިން އެންމެ ކުރިން ނަބީލާއަށް ޖަވާބު ދެވުނީ އޭނައަށް ލިބިފައިވާ ދަރިންގެ ވާހަކައިންނެވެ. އަންހެންކުއްޖަކު ދުނިޔޭގައި ހުރި ވާހަކަ އިވުމާއިއެކު އަރުޖަމަންދު ހީލާފައި ބުނީ އޭނަގެވެސް ހުސްހަށިބައި ސްމާޓް ފިރިހެންދަރިއަކު ހުރިކަމަށާއި ދެމީހުން ކުޑައިރު ވެފައިވާ ވައުދު ފުއްދަން އެންމެ ރަގަޅު ވަގުތު ޖެހުނީކަމުގައެވެ. ނަބީލާއަށް އިސްޖެހުނެވެ. ސަވާނާ އެހެން މީހަކާއި ކައިވެނި ކުރަން އުޅޭ ވާހަކަ އޭނަ ބުނަންވީބާވައެވެ. ނޫނެކެވެ. އޭނަ އެކަން ސިއްރުކުރާނެއެވެ. މަޖުބޫރުކޮށްގެންވެސް ސަވާނާގެ ކައިވެނި ކުރުވާނީ އަރުޖަމަންދުގެ ދަރިފުޅާއެވެ. ނޫނީ ރުގުޔާއެއްވެސް ކޮށްލެވިދާނެ ނޫންހެއްޔެވެ؟ ރަގަޅު ފަންޑިތަ އެންމެ ރަގަޅުވާނެއެވެ.

(ނުނިމޭ)

comment ކޮމެންޓް