ފުޓްސަލް ކޯޗިން ކޯހަކަށް ފުރުސަތު ހުޅުވާލައިފި

ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ފައިނަލް މެޗުގެ ތެރެއިން، ފުޓްސަލްއަކީ ރާއްޖޭގައި ކުރިއަރަމުންދާ ކުޅިވަރެއް --- ސަން ފައިލް ފޮޓޯ/ ފަޔާޒް މޫސާ

އެފްއޭއެމް އިން ފުރަތަމަ ފަހަރަށް ފުޓްސަލް ކޯޗިން ކޯހެއް ބާއްވަން ނިންމައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި އެވެ.

އަންނަ މަހު 24 އިން ފެށިގެން މާޗު އެކެއްގެ ނިޔަލަށް މާލޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އޭއެފްސީ ފުޓްސަލް ކޯޗިންގް ސެޓްފިކެޓް ކޯސް ލެވެލް އެކެއްގެ ކޯހުގައި ބައިވެރިވުމަށް ބޭނުންވާ އަންހެން އަދި ފިރިހެން ބޭފުޅުންނަށް ބައިވެރި ވެވޭނެ ކަމަށް އެފްއޭމް އިން ބުންޏެވެ.

ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމު އެފްއޭއެމް އިން ރަސްމީ ގަޑީގައި ލިބޭނެ ކަމަށާއި ފޯމު ހުށައެޅުމުގެ އެންމެ ފަހު ތާރީހަކީ މި މަހުގެ 23 ވަނަ ދުވަސް ކަމަށް އެފްއޭމް އިން ބުންޏެވެ. އަދި ކޯހުގެ ފީއެއްގެ ގޮތުގައި 2500 ރުފިޔާ ދައްކަން ޖެހޭނެ ކަމަށް ވެސް އެފްއޭމް އިން ބުންޏެވެ.

ވޭތުވެ ދިޔަ އަހަރު ތެރޭގައި ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމެއް އެފްއޭއެމް އިން އެކުލަވާލައި ބައިނަލްއަގުވާމީ މެޗުތަކެއް ކުޅެފައިވާ އިރު، އެފްއޭއެމް އިން ވަނީ އެ އިދާރާ އިން އިސްނަންގައިގެން ފުޓްސަލް މުބާރާތެއް ވެސް ބާއްވައިފަ އެވެ.

އެފްއޭއެމް އިން އަންނަނީ ފުޓުބޯޅަ އަދި ފުޓްސަލް ކުރިއެރުމުގެ ގޮތުން ކޯޗުން ތަމްރީން ކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން ފުޓްސަލް ކޯޗިން ކޯހާ އެކު ހއ. ދިއްދޫގައި މި އަހަރުގެ މާޗު މަހު ކުރިއަށް ގެންދިއުމަށް ރާވާފައިވާ އޭއެފްސީ "ސީ" ލައިސަންސް ކޯޗިންގް ކޯހަކަށް ވެސް ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ.

އޭފްއޭއެމް އިން ވަނީ އެ އިދާރާ އިން ކުރިއަށް ގެންދިޔަ އޭއެފްސީ ބީ ލައިސަންސް ކޯސް ވެސް ވޭތުވެ ދިޔަ ހަފްތާގައި ކާމިޔާބުކަމާ އެކު ނިންމާލައިފަ އެވެ. އަދި މި އަހަރު ތެރޭގައި އިތުރު ކޯޗިން ކޯސްތައް ކުރިއަށް ގެންދާނެ ކަމަށް މީގެ ކުރިން އެފްއޭއެމް އިން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް