އެމްއެމްއޭ ބޯޑަށް ޖަނާ އާއި ކެޕްޓަން އިހުސާން ހަމަޖައްސައިފި

މުހައްމަދު އަލީ ޖަނާހު (ކ) އަދި އަލީ އިހުސާން --- ސަން ފައިލް ފޮޓޯ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ބޯޑުގައި ޕަބްލިކް ސެކްޓަރ ތަމްސީލުކުރާ ދެ މެމްބަރުންގެ ގޮތުގައި ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހު (ޖަނާ) އަދި ކެޕްޓަން އަލީ އިހުސާން އައްޔަނުކޮށްފިއެވެ.

އެމްއެމްއޭގެ ބޯޑުގައި، ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރާ ދެ މެމްބަރަކު ތިބެން ޖެހޭއިރު، އެ މެމްބަރުން އައްޔަނުކުރާނީ އެމްއެމްއޭގެ ގަވަރުނަރުގެ ލަފާގެ މަތިން، ރައީސުލްޖުމްހޫރިއްޔާއެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ އެމްއެމްއޭގެ ބޯޑަށް ޖަނާ އާއި އިހުސާން އައްޔަނުކޮށްފައިވަނީ މިއަދުއެވެ.

ޖަނާ އަކީ ރާއްޖޭގެ ކޮންސްޓްރަކްޝަން ކުންފުނި، ހޮޓެލްސް އެންޑް ރިސޯޓްސް ކޮންސްޓްރަކްޝަން (އެޗްއާރުސީ)ގެ ޗެއާމަނެވެ. އަދި ރާއްޖޭގެ ކޮންސްޓްރަކްޝަން ކުންފުނިތައް ތަމްސީލުކުރާ ޖަމިއްޔާ، މޯލްޑިވްސް އެސޯސިއޭޝަން ފޯރ ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ ރައީސެވެ.

ކެޕްޓަން އަލީ އިހުސާނަކީ ހެޕީ މާކެޓް ޓްރޭޑިންގް ކުންފުނީގެ ޖެނެރަލް މެނޭޖަރެވެ. އޭނާއަކީ މީގެ ކުރިން ގައުމި ދިފާއީ ބާރުގެ އާމަރީ ޑެޕިއުޓީ ކޮމާންޑަރުގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. އަދި އެއީ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީގެ ދަރިކަލުންވެސް މެއެވެ.

އެމްއެމްއޭގެ ބޯޑުގައި ދެން ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ އެ ބޯޑުގެ ޗެއާޕާސަންކަން ކުރައްވާ އެމްއެމްއޭގެ ގަވަރުނަރު އަހްމަދު ނަސީރާއި، ޑެޕިއުޓީ ގަވަރުނަރު އާއިޝަތު ޒާހިރާއާއި، އެސިސްޓަންޓް ގަވަރުނަރު އިދުހާމް ހުސައިންގެ އިތުރުން، ފިނޭންސް މިނިސްޓްރީގެ ޑިރެކްޓަރު އަބްދުލްހަލީމް އަބްދުލްޣަފޫރެވެ.

އެމްއެމްއޭގެ ބޯޑުގައި ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރެއްވުމަށް އެންމެ ފަހުން ތިއްބެވީ އިނަރ މޯލްޑިވްސް ހޮލިޑޭޒްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު އަބްދުﷲ ގިޔާސް ރިޔާޒާއި، ސަންލެންޑް ހޮޓެލްސް ކުންފުނީގެ ޑިރެކްޓަރު ހުސައިން ހިލްމީއެވެ.

comment ކޮމެންޓް