ވެލާނާ އެއަޕޯޓުގެ ފްރެންޗައިސް ރެސްޓޯރަންޓްތައް ހަދާ އިމާރާތް ނިމެނީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފްރެންޗައިޒް ރެސްޓޯރަންޓްތައް ހަދާ އިމާރާތް -- ފޮޓޯ/ އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވޯޓާފްރަންޓުގައި ރެސްޓޯރަންޓް އިމާރާތުގެ މަސައްކަތުގެ އެކްސްޓީރިއާގެ މަސައްކަތް ނިމިއްޖެކަމަށް ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ބުނެފިއެވެ.

އެމްއޭސީއެލްގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ، ރެސްޓޯރަންޓް ހިންގަން ވޯޓާފްރަންޓުގައި ހަދާ އިމާރާތުގެ އެކްސްޓީރިއާގެ ހުރިހާ މަސައްކަތެއް އޮތީ ނިމިފައި ކަމަށާއި، މިހާރު ކުރިޔަށްދަނީ އިންޓީރިއާ ހެދުމުގެ މަސައްކަތް ކަމަށެވެ.

"އިންޓީރިއާގެ ކަންކަން ކުރިޔަށްދަނީ. އެކަންވެސް މިހާރު ނިމެމުން ދަނީ،" އޮފިޝަލު ވިދާޅުވިއެވެ.

އެ އިމާރާތް ހުންނަނީ އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލާ ދިމާލުން ކުރިމަތިން އޮންނަ ޖެޓީ ސަރަހައްދުގައެވެ.

އެ އިމާރާތުގައި ދުނިޔޭގެ މަޝްހޫރު ރެސްޓޯރަންޓް ފްރެންޗައިޒްތައް ހިންގުމަށް ދައުވަތު ދީފައިވާ އިރު، އެމްއޭސީއެލްއިން ބުނީ ރެސްޓޯރަންޓް އިމާރާތުގައި ފްރެންޗައިޒް ހިންގަން ހަވާލުކުރާނެ ބައެއް ވަރަށް އަވަހަށް ކަނޑައަޅާނެ ކަމަށެވެ.

އެމްއޭސީއެލްގެ އޮފިޝަލު ވިދާޅުވީ މި މަހުގެ ފަހުކޮޅު، ނުވަތަ އަންނަ އަހަރުގެ ކުރީކޮޅުގެ ތެރޭގައި އެކަންކަން ހަމަޖެހޭނެ ކަމަށެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އެއާޕޯޓުގައި ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން އާ ރަންވޭއަކާއި ޕެސެންޖަރ ޓާމިނަލެއް އެޅުމުގެ މަސައްކަތް ކުރާއިރު، އާ ސީޕްލޭން ޓާމިނަލެއްވެސް އަޅާނެއެވެ.

comment ކޮމެންޓް