71،000 ޓެބްލެޓް ހޯދައި، ހުރިހާ ސްކޫލެއް ވައިފައި ކުރަނީ

11 ނޮވެމްބަރ 2017: ނޭޝަނަލް އާޓްގެލެރީގައި ކުރިއަށްދާ މޯލްޑިވްސް މެޑިކަލް އެންޑް ހެލްތް އެކްސްޕޯގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި އަހަރުގެ ދިރާސީ އަހަރުގެ ފުރަތަމަ ޓާމް ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ސްކޫލެއް "ވައިފައި"ކޮށް 71،000 ޓެބްލެޓް ހޯދުމުގެ މަސަކަތް އެޑިޔުކޭޝަން މިނިސްޓްރީން ފަށައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ޝަފީއު މިއަދު "ސަން" އަށް ވިދާޅުވީ ސްކޫލުތައް ޑިޖިޓަލް ކުރުމަށް މިހާރު ކުރަމުންދާ މަސައްކަތުގެ ތެރެއިން ރާއްޖޭގެ ހުރިހާ ސްކޫލެއް "ވައިފައި" ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އޭނާ ވިދާޅުވީ އެ މަސައްކަތް، ރާއްޖޭގެ އެންމެ ބޮޑު މުވައްސަލާތީ ކުންފުނި، ދިރާގާ ހަވާލުކޮށްފައިވާ ކަމަށާއި މި އަހަރުގެ މެއި މަހުގެ ކުރިން އެ މަސައްލަތް މުޅިން ނިންމާލެވޭނެ ކަމަށެވެ.

"ރާއްޖޭގެ ހުރިހާ ސްކޫލެއް ވައިފައި ކުރުމުގެ އަމަލީ މަސައްކަތް ފެށިގެން ކުރިއަށް ދަނީ. އެ މަސައްކަތް ކުރަމުންދަނީ ދިރާގުން. އެ މަސައްކަތް ނިމޭ އިރު ފެންވަރު ރަނގަޅު އިންޓަނެޓް ހުރިހާ ސްކޫލަކަށް ވެސް ފޯރުކޮށްދެވިގެންދާނެ،" ޝަފީއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވައިފައި ނިޒާމު ހަރުދަނާ ކަމާ އެކު މަސައްކަތް ކުރާނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އިންޓަނެޓަށް ދިމާވާ މައްސަލަތައް ވެސް ކިޔަވައިދިނުމަށް ބުރޫ ނާރާނެ ގޮތަށް ވީހާ ވެސް އަވަހަށް ހައްލު ކުރެވޭނެ ނިޒާމެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

"އެ ނިޒާމް ބަލަހައްޓާނީ ސީދާ އެޑިޔުކޭޝަން މިނިސްޓްރީން. މިހާރު ކުރަމުންދާ މަސައްކަތަކީ ދިރާގާ ގުޅިގެން ފެންވަރު ރަނނގަޅު އިންޓަނެޓް ނިޒާމެއް ގާއިމު ކުރުމުގެ މަސައްކަތް. އެ މަސައްކަތުގެ ދަށުން މިހާރު ވެސް އިންޓަނެޓް ހުރި ސްކޫލުތައް އިތުރަށް އަޕްގްރޭޑް ކުރެވިގެންދާނެ،" ޝަފީއު ވިދާޅުވި އެވެ.

މި އަހަރު ސްކޫލުތަކުގައި ތެބްލެޓް ބޭނުން ކޮށްގެން ކިޔަވައިދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުން ތަންފީޒު ކުރުމުގެ މަސައްކަތާ ގުޅޭ ގޮތުން ޝަފީއު ވިދާޅުވީ އެ މަޝްރުއުގެ ދަށުން ޖުމުލަ 71،000 ޓެބްލެޓް ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި ވިދާޅުވީ މިހާރު ކުރިއަށް ދަނީ އެތަކެތި ހޯދުމުގެ މަސައްކަތް ކަމަށާއި ފުރަތަމަ ޓާމް ނިމުމުގެ ކުރިން ޓެބްލެޓްތައް ފޯރުކޮށްދޭނެ ކަމަށެވެ.

"ޖުމުލަ 71000 ޓެބްލެޓް އަޅުގަނޑުމެން މިހޯދަނީ. މިހާރު އަޅުގަނޑުމެން ބޭނުންވާ ފެންވަރުގެ ޓެބްލެޓްތައް ހޯދުމުގެ މަސައްކަތް ކުރިއަށް އެބަދޭ. ފުރަތަމަ ޓާމް ނިމުމުގެ ކުރިން ޓެބްލެޓްތައް ބޭނުން ކުރަން ފެށޭ ވަރުވާނެ،" ޝަފީއު ވިދާޅުވި އެވެ.

ޝަފީއު ވިދާޅުވީ ރާއްޖޭގެ ތައުލީމީ ނިޒާމުގެ ތެރެއަށް އަންނަން އުޅޭ ބޮޑު ބަދަލަށް މުދައްރިސުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ވެސް ކުރިއަށްދާ ކަމަށެވެ. އެގޮތުން ތަފާތު ވޯކްޝޮޕްތައް މިހާރު ވެސް ކުރިއަށް ގެންދާކަން ފާހަގަ ކުރައްވަމުން ވިދާޅުވީ ދިރާސީ އައު އަހަރު ފެށޭ އިރު ހުރިހާ ޓީޗަރުން ވެސް އައު ނިޒާމަށް އަހުލުވެރި ކުރެވޭނެ ކަމަށެވެ.

ރާއްޖޭގެ ހުރިހާ ސްކޫލްތަކެއް ޑިޖިޓަލައިޒް ކުރުމުގެ މަޝްރޫޢާއި އާ މުގައްރަރު ތަންފީޒުކުރުމުގެ މަސައްކަތްކޮށް ނިންމުމަށް މި އަހަރުގެ ބަޖެޓްގައި ވަނީ 154 މިލިއަން ރުފިޔާ ހިމަނައިފަ އެވެ. ދިރާސީ އައު އަހަރުގެ ކިޔެވުން ފެށޭނީ އަންނަ އާދިއްތަ ދުވަހު އެވެ.

comment ކޮމެންޓް