ފަސް ގަޑިއިރު ތެރޭ މާލެއިން 265 ޓަނުގެ ކުނި ނަގައިފި

މާލޭގެ މަގުތަކުގައި ކުނި ގިނަވުމުގެ މައްސަލައަށް ހައްލު ހޯދުމުގެ ގޮތުން ވެމްކޯއިން މިއަދު ވަނީ މާލެތެރެ ސާފުކުރުމަށް ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ފަސް ގަޑިއިރު ތެރޭ މުޅި މާލެތެރެ ސާފުކޮށް ގާތްގަނޑަކަށް 265 ޓަނުގެ ކުނި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އިން ނަގައިފިއެވެ.

ވެމްކޯއިން މިއަދު ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ ހައުސްހޯލްޑް އޮޕަރޭޝަންސް މެނޭޖަރު މުހައްމަދު ޝާން ވިދާޅުވީ، ރޭ ދަންވަރު 2:00 އިން މިއަދު ހެނދުނު 7:30 އާ ހަމައަށް މުޅި މާލެތެރެ ސާފުކުރުމަށް ހިންގި ޕްރޮޖެކްޓެއްގައި މާލޭގެ އެކި ސަރަހައްދުތަކުން ގާތްގަނޑަކަށް 265 ޓަނުގެ ކުނި ނަގާފައިވާ ކަމަށެވެ.

"މާލޭގެ މަގުތަކާއި އެކި މަގުތަކާއި ގޯޅިތަކުގެ ކަންމަތީ ހުރި ކުނި އަޅުގަނޑުމެން ވާނީ ނަގައި ސާފުކޮށްފައި. މި ކުނީގެ ތެރޭގައި ގޭގެއިން ފަރުނީޗަރުތައް އާ ކޮށްލުމަށް ކުރީގެ ފަރުނީޗަރުތައް މަގުތަކަށް އުކާލާފައި ހުރީ. އަދި އައިސް އަލަމާރި އާއި ތަރުކާރީގެ ބާވަތްތަކާއި ޕަލާސްޓިކާއި ކޮންކްރީޓު ކުނި ހުރި،" ޝާން ވިދާޅުވިއެވެ.

މާލޭގެ ކުދިބޮޑު ގިނަ މަގުތަކެއްގައި ކުނި ގިނަވެ އާންމުން އެކަމުގެ ޝަކުވާ މީސްމީޑިއާ މެދުވެރިކޮށް ކުރަމުންދާ މި ދަނޑިވަޅުގައި ޝާން ވިދާޅުވީ، ވެމްކޯއިން މިފަދަ ޕްރޮޖެކްޓެއް ހިންގަން ނިންމީ މުޅި މާލެއަކީ ސާފު ވެއްޓަކަށް ހެދުމަށް ކުރާ މަސައްކަތުގެ ދަށުން ކަމަށެވެ.

"ވެމްކޯއިން މިހާރުވެސް މިދަނީ ކަމާބެހޭ ފަރާތްތަކާ ވާހަކަ ދައްކަމުން. ނަމަވެސް ހިތާމައާއެކު ފާހަގަކޮށްލަން ޖެހޭ އާންމުންގެ ތެރޭގައި އެބައުޅޭ ރަޖިސްޓަރީ ނުކުރާ މަދު ބަޔަކު. އަޅުގަނޑުމެންގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ގާތްގަނޑަކަށް 2000 އަށްވުރެ ގިނަ މީހުން އެބައުޅޭ ރަޖިސްޓަރީ ނުކުރާ. އެކަމުގެ ސަބަބުން އަޅުގަނޑުމެންނަށް އިތުރު ދަތިކަމެއް ކުރިމަތި ވަނީ،" ޝާން ވިދާޅުވިއެވެ.

ޝާން ވިދާޅުވީ، ވެމްކޯއިން މިހާރުވެސް 20،000 އަށް ވުރެ ގެއިން ކުނި ނެރޭ ކަމަށާއި ދިމާވާ ބައެއް ހާލަތްތަކުގެ ސަބަބުން އަދިވެސް ބައެއް ގޭގެއިން ކުނި ނުނެގޭ ދުވަސް ދުވަސް އަންނަ ކަމަށެވެ.

"24 ގަޑިއިރުން އެއްފަހަރު އަޅުގަނޑުމެން މި ކުނި ނަގަނީ. މެންދުރު ފަހު 14:00 އިން އަނެއް ދުވަހުގެ 13:00 އާ ހަމައަށް. ބައެއް ބޭފުޅުން ގުޅީމަ ފޯނު ނުނެގޭ ހާލަތަށް އާދޭ. އަނެއްބައި ގޭގޭގައި ހުންނަ ޑިޖިޓަލް ލޮކްގެ ސަބަބުން އެ ގެއަށް ކުނި ނަގަން ނުވަދެވޭ ހާލަތަށް އާދޭ،" ޝާން އިތުރަށް ވިދާޅުވިއެވެ.

comment ކޮމެންޓް