ފޭސްބުކްގައި މައްސަލަތައް އެބަހުރި، ހައްލު ކުރާނަން: މާކް

ފޭސްބުކް އަކީ އެންމެ ގިނަ ބަޔަކު ބޭނުންކުރާ ސޯޝަލް މީޑިއާ ޕްލެޓްފޯމަށްވާ އިރު، ފޭސްބުކްގައި މައްސަލަތަކެއް ހުރި ކަމަށް ގަބޫލުކޮށް އެކަން ހައްލު ކުރަން މަސައްކަތްތަކެއް ކުރާނެ ކަމަށް ފޭސްބުކްގެ ކޯ-އޯނަރު މާކް ޒުކަބާގް ބުނެފި އެވެ.

މާކް އަކީ ކޮންމެ އަހަރަކު ވެސް އޭނާ އަމިއްލަ އަށް ޗެލެންޖްތަކެއް ކަނޑައަޅައިގެން އެކަންތައް ފުރިހަމަކުރުމަށް މަސައްކަތްކުރާ މީހެކެވެ. ހުސްވި 2017 ވަނަ އަހަރު އޭނާ ވަނީ 365 މޭލަށް ދުވެ، އަހަރު ތެރޭ 25 ފޮތް ކިޔައި، ދުނިޔެއިން ނެތިދާނެ ކަމުގެ ބިރު އޮތް ބަހެއް ކަމަށްވާ މެންޑަރިން ދަސްކޮށް އެމެރިކާގެ ހުރިހާ ސްޓޭޓަކަށް ދަތުރުކޮށްފަ އެވެ.

ފޭސްބުކް އިން ދާދި ފަހުން ނެރުނު ސްޓޭޓްމެންޓެއްގައި އެ ވެބްސައިޓަކީ ބޭނުންކުރަން ރަނގަޅު ވެބްސައިޓެއް ނޫން ކަމަށް ވަނީ ބުނެފަ އެވެ. މި ކަން ގަބޫލުކޮށް މާކް މިއަހަރު އޭނާގެ އަމިއްލަ ނަފުސަށް ކުރިމަތިކުރުވި ޗެލެންޖަކީ ފޭސްބުކް ވެބްސައިޓުގައި ހުރި ނުރަނގަޅު ކަންތައް ހައްލުކޮށް ފޭސްބުކް ބޭނުން ކުރާ މީހުންނަށް ފަސޭހަ ވެބްސައިޓެއް ގާއިމްކުރުމެވެ.

"މިއީ ބޮޑު ޗެލެންޖަކަށް ވާނެ. އަހަރެން އަމިއްލަ އަށް ވެސް ގިނަ ކަންތައް ދަސްކުރާނެ ޗެލެންޖަލަށް މިކަން ވާނެ،" އޭނާ ބުނެފައިވެ އެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގެ ސަބަބުން އިންޓަނެޓަކީ މިހާރު ވަކި ބައެއްގެ މުށުތެރޭގައިވާ އެއްޗެއްކަމަށް މާކް ވަނީ ފާހަގަ ކޮށްފަ އެވެ. އޭގެ ސަބަބުން އިންޓަނެޓް ބޭނުންކުރާ އާންމުންނަށް ގޮންޖެހުންތައް ކުރިމަތިވާ ކަމަށް ވެސް މާކް ގަބޫލުކުރެ އެވެ.

"ދޮގު ހަބަރުތައް ފެތުރުމާއި، ނުރަނގަޅު ކަންތަކުގެ ފެށުމަކަށް ފޭސްބުކް މިހާރު ވަނީ ވެފައި، އެއީ އޭގައި ހުރި ހައްލު ކުރަން ޖެހޭ މައްސަލަތަކެއް. ނަފުރަތާއި ފުރައްސާރައިން މުޖްތަމައު ސަލާމަތް ކުރަން އެބަޖެހޭ. އެކަމަށް ބޭނުންވާ ބަދަލުތައް ފޭސްބުކް ތެރެއިން ވެސް ގެންނަން މަސައްކަތް ކުރާނަން،" މާކް ބުނެފައިވެ އެވެ.

ފޭސްބުކް އުފެއްދި މަގްސަދާ ހިލާފު ގިނަ ކަންތަކެއް އެ ވެބްސައިޓް މެދުވެރިވެގެން ހިނގާކަން ގަބޫލުކޮށް މާކް ބުނީ އެ މައްސަލަތައް މި އަހަރު ހައްލުވެއްޖެ ނަމަ ފޭސްބުކް ދެން އާ ހަރުފަތަކަށް ދަތުރުކުރާނެ ކަމަށެވެ.

comment ކޮމެންޓް