އަހަރެންނަކީ ބުއްދި ފުރިހަމަ އަދި ތޫނު ފިލިކަމުގައި އަރާހުރި ޖީނިޔަސް އެއް: ޓްރަމްޕް

ޓްރަމްޕް

ވައިޓް ހައުސް (ޖަނަވަރީ 6) : އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަކީ ބުއްދި ފުރިހަމަ ޖީނިޔަސް އެއް ކަމަށް އޭނާ އަމިއްލައަށް ވިދާޅުވެއްޖެ އެވެ.

ޓްރަމްޕް ކުރައްވަމުން ގެންދަވާ ސިލްސިލާ ޓުވީޓްތަކުގެ ތެރެއިން އެންމެ ފަހުގެ ޓުވީޓްތަކުގައި ވަނީ އޭނާއަކީ ކުޑަކުއްޖެއް ގޮތަށް އުޅުއްވާ އަދި ދޭތެރެއަކުން މިޒާޖް ބަދަލުވެ ދެއުޅިއެއްނުވާ ބޭފުޅެއްކަމަށް ބައެއް ފަރާތްތަކުން ސިފަކުރާ ކުރުންތަކަށް ރައްދު ދެއްވައި އޭނާއަކީ ބުއްދި ފުރިހަމަ ޖީނިޔަސް އެއް ކަމަށް ވިދާޅުވެފަ އެވެ.

ހޮނިހިރު ދުވަހު ކުރެއްވި ޓުވީޓެއްގައި ޓްރަމްޕް ވިދާޅުވީ "އަހަރެންނަކީ ބުއްދި ފުރިހަމަ މީހެއްގެ އިތުރުން ތޫނުފިލިކަމުގައި ޖީނިޔަސް އެއް. އެއީ އަހަރެންނަށް ލިބިފައިވާ އެންމެ ބޮޑު ދެނިޢުމަތް." ކަމުގަ އެވެ.

މީގެ އިތުރުން ޓްރަމްޕް ވިދާޅުވީ އޭނާއަކީ ކާމިޔާބު ވިޔަފާރިވެރިއަކަށް ވުމުގެ އިތުރުން ވިދަމުންދާ ޓީވީ ތަރިއެއްކަމަށާއި މީގެ އިތުރުން އެމެރިކާގެ ރިޔާސީ އިންތިޚާބެއް ކާމިޔާބުކޮށްގެން އެމެރިކާގެ ރައީސަކަށް އައުމަކީ އާދައިގެ ކަމެއް ނޫން ކަމުގައި ވިދާޅުވެފަ އެވެ. އެންމެ ފުރަތަމަ އިންތިޚާބެއްގައި ވާދަކުރި ފަހަރު އެކަން ވެސް ހާސިލުކޮށް، އެމެރިކާގެ ރައީސްކަން ލިބިވަޑައިގަތުމަކީ އޭނާއަކީ އާދަޔާ ޚިލާފަށް މޮޅު، ވިސްނުން ތޫނު، ބުއްދި ފުރިހަމަ ޖީނިޔަސް އެއްކަން ސާބިތުކޮށްދޭ ކަންކަން ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕް މިގޮތަށް ޓުވީޓްތައް ކުރައްވާފައި މިވަނީ އޭނާ އުޅުއްވަނީ ކުޑަކުއްޖަކު އުޅޭ ގޮތަށް ކަމަށާއި އޭނާއަކީ އެމެރިކާގެ ރައްޔިތުންނާއި ބޭރުގެ އިތުބާރު ގެއްލިފައިވާ ބޭފުޅެއް ކަމަށް ޓްރަމްޕާބެހޭ ގޮތުން ފޮތް ލިޔުނު މައިކަލް ވުލްފް ސިފަކުރައްވާފައިވާ ދަނޑިވަޅެއްގަ އެވެ.

މީގެ އިތުރުން އުތުރު ކޮރެޔާގެ ޒުވާން ލީޑަރު ކިމް ޖޮންގް އުން، އޭނާގެ ރިޔާސީ މޭޒުކޮޅުގައި އަބަދު ވެސް ނިއުކްލިއާ ބަޓަނެއް އިންނަ ކަމަށް ވިދާޅުވުމާ އެކު، އެކަމަށް ރައްދު ދެއްވައި ޓްރަމްޕް އޭނާގެ ޑެސްކުގައި އިންނަ ނިއުކްލިއާ ބަޓަންގެ ބާރު މާގަދަވާނެ ކަމަށް ވިދާޅުވެ އުތުރު ކޮރެޔާގެ ލީޑަރަށް ވަގުތުން ރައްދު ދެއްވައިފަ އެވެ. މިގޮތަށް މީހަކު ބުނާ ކޮންމެ ވާހަކައަކަށް ރައްދު ދިނުމަކީ ބުއްދި ހަމަޖެހޭ މީހުން ކުރާޒާތުގެ ކަމެއް ނޫން ކަމަށް ބުނެ އެމެރިކާގެ އެތެރޭންނާއި ބޭރުން ވަނީ ޓްރަމްޕަށް ވަރުގަދަ ފާޑުކިޔުންތަކަކާއި މަލާމާތްތަކެއް ރައްދުކޮށްފަ އެވެ.

ޓްރަމްޕްގެ ސިޔާސަތުތަކާއި ވިސްނުމުގެ ދޯހަޅިކަމާ ބެހޭ ގޮތުން އެމެރިކާގެ ކުރީގެ ނައިބު ރާއިސް ޖޯ ބައިޑެން ވަނީ ޓްރަމްޕްގެ ފަރާތުން އެއްވެސް ކަމެއްގައި ސީރިޔަސްކަން ގެންގުޅުއްވާތަން ނުފެންނަ ކަމަށް ވިދާޅުވެފަ އެވެ. ދުނިޔޭގެ އެކި ކަންތައްތަކުގައި އެމެރިކާގެ ދައުރު އާދަޔާ ޚިލާފަށް ބޮޑު ނަމަވެސް އެއާ ގުޅޭ ވަރުގެ ހަރުދަނާ ސިފަތަކެއް ޓްރަމްޕްގެ ފަރާތުން އެއްވެސް ވަރަކަށް ނުފެންނަކަން ބައިޑެންވަނީ ފާހަގަ ކުރައްވައިފަ އެވެ.

އެމެރިކާގެ ސެނެޓުގެ މެމްބަރެއް ކަމަށްވާ އެޑްވާޑް މާކީ ވެސް ޓްރަމްޕްގެ ހަރުދަނާކަމާއި އޭނާގެ ޝަޚްސިއްޔަތާ މެދު ސުވާލު އުފައްދަވާ ބޭފުޅެކެވެ. މީގެ އިތުރުން އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާވެސް ޓްރަމްޕްގެ ވިސްނުމުގެ ދޯހަޅިކަން ނުސީދާ ގޮތެއްގައި ހާމަވާފަދަ ގޮތަކަށް ވާހަކަ ދައްކަވާފައިވެ އެވެ.

ޓްރަމްޕާބެހޭ ގޮތުން "ފަޔާ އެންޑް ފިއުރީ" ފޮތް ލިޔުއްވި މައިކަލް ވުލްފް ވިދާޅުވާ ގޮތުން ޓްރަމްޕަކީ ބޮޑާ ހޭކުމާ އެކު ސިނގު ރުޅިއެއް ވެސް ގެންގުޅުއްވާ ބޭފުޅެކެވެ. އަދި ދުރަށް ވިސްނައިގެން ސްޓްރެޓީޖިކް ނިންމުންތައް ނިންމުމުގެ ބަދަލުގައި އަވަސް އަވަހަށް ޖަޒްބާތުގައި ޖެހިވަޑައިގެން ޖަޒްބާތީ ނިންމުންތަކެއް ޓްރަމްޕް ނިންމަވާ ކަމަށާއި އޭނާއަކީ ރަސްމީ ގަޑީގައި ވަގުތުތައް ބޭކާރު ކުރައްވާ ބޭފުޅެއް ކަމަށް ވެސް "ފަޔާ އެންޑް ފިއުރީ" ފޮތުގައި ވުލްފް ލިއުއްވާފައިވެ އެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް