ސަންޖޭ ދަތުގެ ބަޔޮޕިކް ރިލީޒް ކުރާނީ ޖޫން މަހު!

ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމު ރިލީޒް ކުރާނީ އަންނަ ޖޫން މަހުގެ 29 ވަނަ ދުވަހު ކަމަށް ޚަބަރުތައް ބުނެފި އެވެ.

ރާޖްކުމާރު ހިރާނީ ޑައިރެކްޓުކޮށް، ރަންބީރު ކަޕޫރު ލީޑު ރޯލުން ފެނިގެންދާ ފިލްމުގައި ފެނިގެންދާނީ ނުވަދިހައިގެ ކުރީކޮޅު ސަންޖޭ ތަރިއެއްގެ ގޮތުގައި ވިދާލި ގޮތާއި މަސްތުވާތަކެތީގެ ވަބާގައި ޖެހި އޭނާގެ ދިރިއުޅުން އެފުށް މިފުށަށް ޖަހާލައިގެން ދިޔަ ދިޔުމުގެ އިތުރުން އަތުގައި މަނާ ހަތިޔާރެއް ބާއްވައިގެން އޭނާ ހައްޔަރުކުރި ދުވަސްވަރުގެ މައްޗަށެވެ.

ނަވާރަ ސަތޭކަ ނުވަދިހަ ތިން ވަނަ އަހަރު މުމްބާއީގައި ބޮން ގޮއްވި ހާދިސާއާ ގުޅިގެން ކުރި ތަހުގީގެއްގައި ހަތިޔާރު ގެންގުޅުނުކަން ސާބިތުވެ، ސަންޖޭގެ މައްޗަށް ކުރި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމް ތަންފީޒުކޮށް އޭނާ ޖަލުން މިނިވަންވީ 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެވެ.

ސަންޖޭގެ ފިލްމުގައި ސަންޖޭ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ބަތަލާއިންގެ ވާހަކަ މި ފިލްމުގައި ފެނިގެންދާނެ އެވެ. އެ މަންޒަރުތައް ވަނީ ބަތަލާ ސޯނަމް ކަޕޫރާއި އަނުޝްކާ ޝަރްމާ އަދި ޓީވީ ތަރި ކަރިޝްމާ ތަންނާ ކުޅެފަ އެވެ.

މިއީ ކާމިޔާބު ފިލްމު 'ޕީކޭ' އަށް ފަހު ރަޖްކުމާރު ހިރާނީ ޑައިރެކްޓު ކުރާ ފުރަތަމަ ފިލްމެވެ. ގިނަ ބަޔަކު މިހާރު ވެސް ތިބީ ހިރާނީގެ ފިލްމެއްގެ އިންތިޒާރުގަ އެވެ.

ފޮކްސް ސްޓާ އިން ޕްރެޒެންޓް ކުރާ އެ ފިލްމަށް އަދި ނަމެއް ދީފައެއް ނުވެ އެވެ. ފިލްމު ޕްރޮޑިއުސް ކޮށްފައި ވަނީ ވިދޫ ވިނޯދް ޗޯޕްރާ އެވެ.

comment ކޮމެންޓް