ކޯލިޝަން ކެންޑިޑޭޓަކަށް އެހެން ޕާޓީއެއްގެ މީހަކު އެމްޑީޕީން ގަބޫލުކުރާނެތަ؟!

އެމްޑީޕީން ބޭއްވި އެއްވުމެއްގެ ތެރެއިން: އެޕާޓީގެ އަމާޒަކީ ކޯލިޝަން ކެންޑިޑޭޓަކީ އެ ޕާޓީގެ މެމްބަރަކަށް ވުން --- ސަން ފައިލް ފޮޓޯ

މިހާރު ރާއްޖޭގެ ސިޔާސީ މައިދާނުގައި އެންމެ ބޮޑަށް ތައްޔާރުވަމުން ދަނީ މި އަހަރު ބާއްވަން ގާނޫނު ލާޒިމް ކުރާ ރިޔާސީ އިންތިހާބަށެވެ. އިންތިހާބުގެ ކެންޑިޑޭޓު ޕީޕީއެމް އަށް ޔަގީންވެފައިވާ އިރު އިދިކޮޅު ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެކަމަށް ތައްޔާރުވުމުގެ މަސައްކަތް ވަނީ ފައްޓައިފަ އެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރުމުގެ ހިޔާލު އެންމެ ފުރަތަމަ ވެސް ފާޅުކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. މިހާރު ކޮންމެ ޕާޓީއަކުން ދެ މެމްބަރުން ހިމެނޭ ގޮތަށް ކޮމިޓީއެއް އެކުލަވާލައި މަޝްވަރާތައް ވަނީ ފަށައިފަ އެވެ. އެއީ ކޯލިޝަން ކެންޑިޑޭޓެއް ހޮވުމުގެ މަޝްވަރާތަކެވެ.

އެމްޑީޕީން ބޭނުން ވަނީ ކޯލިޝަން ކެންޑިޑޭޓަކީ އެ ޕާޓީގެ ކެންޑިޑޭޓަކަށް ވާންކަން ފާޅުގައި ދަނީ ބުނަމުންނެވެ. އެ ޕާޓީގެ ޗެއާ ޕާސަން ހަސަން ލަތީފު މި އަހަރު ފެށުނު ދުވަހު ދެއްވި ބަޔާނުގައި ވެސް ވިދާޅުވީ އެމްޑީޕީގެ އަމާޒަކީ ކޯލިޝަން ކެންޑިޑޭޓަކީ އެމްޑީޕީގެ ކެންޑިޑޭޓަކަށް ވުން ކަމަށެވެ. ރައީސް ޔާމީން ބަލި ކުރެވޭނެ މީހަކަށް އެމްޑީޕީގައި ހުރީ ރައީސް ނަޝީދު ކަމަށް ވެސް ހަސަން ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އަމާޒަކަށް ވާނީ އެމްޑީޕީގެ ކެންޑިޑޭޓަކީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓަށް ވުން،" ހަސަން ލަތީފު

3 ޖުލައި 2017: މަސީހާ ދެކޮޅަށް އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމަށް ފަހު އިދިކޮޅު ކޯލިޝަނުން އެކަމުގެ އުފަލުގައި މ. ކުނޫޒުގައި މިރޭ ބޭއްވި ޖަލްސާގެ ތެރެއިން-- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ސޯޝިއަލް މީޑިއާގައި އެމްޑީޕީ މެމްބަރުން ފާޅު ކުރަމުންދާ ހިޔާލުތަކުން ވެސް އެ ޕާޓީގެ މެމްބަރުން ބޭނުން ވަނީ ކޯލިޝަން ކެންޑިޑޭޓަކަށް އެމްޑީޕީ މެމްބަރަކު ވުންކަން ވަރަށް ސާފުކޮށް އެނގެ އެވެ. ހާއްސަކޮށް ރައީސް ނަޝީދަކީ އެ ކެންޑިޑޭޓަށް ހެދުމަކީ އެ ޕާޓީގެ ހުވަފެނެ ކެވެ.

"ކޯލިޝަން ޕާޓީތަކުގެ ތެރޭން އެންމެ މެމްބަރުން ގިނަ ޕާޓީއަކީ ވެސް އެމްޑީޕީ. އެހެންވީމާ އެމްޑީޕީގެ ކެންޑިޑޭޓަކު ކޯލިޝަނުން ރިޔާސީ އިންތިހާބުގައި ވާދަކުރަން ޖެހޭނީ" އެމްޑީޕީ މެމްބަރެއް

އަމިއްލަ ޓީވީ ޗެނަލަކުން ޓުވިޓާގައި ރައީސް ނަޝީދު ހިމެނޭ ގޮތަށް ނެގި ޕޯލްއެއްގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމަށް ކުރި ލިބުމުން ވެސް އެމްޑީޕީ އާންމު މެމްބަރުންނަށް އެކަން ހަޖަމެއް ނުކުރެވުނެވެ. ގާސިމާ ދެކޮޅަށް ކެމްޕޭން ވެސް ކުރި އެވެ. ކޯލިޝަން ކެންޑިޑޭޓަކީ ނަޝީދަށް ވާން ޖެހޭނެ ކަމަށް ވެސް ފާޅުގައި ދިޔައީ ބުނަމުންނެވެ. ގާސިމަކީ ބަޣާވާތް ކުރި ޓީމުގެ މީހެކޭ ވެސް ކިޔި އެވެ.

"ޕޯލްއަށް ނުފޯރާ އެތައް ހާސް ދިވެހި ރައްޔިތުން ތިބޭނެ. ރައީސް ނަޝީދު އިސް ފެވަރިޓް ކެންޑިޑޭޓް ފޯ 2018. ޔާމީން އަބްދުލް ގައްޔޫމު ބަލި ކުރެވޭނީ ރައީސް ނަޝީދަށް،" އެމްޑީޕީ މީހަކު ޓުވިޓާގައި ލިޔެފައިވެ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގައި ހަސަން ލަތީފު ވާހަކަފުޅު ދައްކަވަނީ --- ސަންފައިލް ފޮޓޯ

މިހާ ހިސާބަށް ކަންތައް ދިއުމުން އުފެދޭ ސުވާލަކީ އެމްޑީޕީ ކެންޑިޑޭޓެއް ނޫނީ ކޯލިޝަނަށް ކެންޑިޑޭޓަކަށް އެމްޑީޕީން ގަބޫލު ކުރާނެތޯ އެވެ؟ އެހެން ޕާޓީއަކަށް ތާއީދުކޮށް އެމްޑީޕީން މަޑުން ތިބޭނެތޯ އެވެ؟ ނޫނީ، ޕީޕީއެމްއާ އެކު 2013 ވަނަ އަހަރު އެމްޑީޕީ ކެންޑިޑޭޓް ނަޝީދު ބަލިކުރުމަށް ނުކުތް ކޯލިޝަންގައި ހިމެނޭ ބޭފުޅުން އަދި ވެސް ނަޝީދު ކުރީގައި ބަހައްޓައިގެން މަސައްކަތް ކޮށްފާނެތޯ އެވެ؟ މިހާތަނަށް މަންޒަރު ފެންނަ ގޮތުން އެކަން އެގޮތަށް ވާނެ ކަމަށްކަށް ނުބެލެވެ އެވެ.

މި ސަރުކާރު ފެށުނު ފަހުން ސަރުކާރާ ދެކޮޅަށް، ރައީސް ޔާމީނާ ދެކޮޅަށް އެމްޑީޕީން ކުރީ ވަރަށް ދިގު ދަތުރެކެވެ. ހަތުރުންގެ ގޮތުގައި ތިބި އެންމެންނަށް ތާއީދުކޮށް އެމީހުން ފެށީ ގިނަ ބައެއްގެ ތާއީދުގައި ވެރިކަމަށް އައުމުގެ ދަތުރެވެ.

ޕީޕީއެމްގެ ސަރުކާރު ވެރިކަމަށް އައި އިރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ގޮތުގައި އޮތް ހަމަ އެކަނި ޕާޓީއަކީ އެމްޑީޕީ އެވެ. އޭރު އެހެން ހުރިހާ ޕާޓީތަކެއް އޮތީ ސަރުކާރާ އެއްކޮޅަށް ބައިއަތު ހިފައިގެންނެވެ. އެއީ ޕީޕީއެމްގެ ސަރުކާރެއް ގެންނަން ބައިއަތު ހިފި ޕާޓީތަކަށް ވާތީ އެވެ.

12 ޖުލައި 2017 ވަނަ ދުވަހު އިދިކޮޅު ކޯލިޝަންގައި ހިމެނޭ މަޖިލިސް މެމްބަރުން ނޫސްވެރިންނަށް މައުލޫމާތު ދިނުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނަމަވެސް އެ މަންޒަރު ބަދަލުވީ "ފާސްޓް ފޯވާޑަށް"ލާ ފިލްމެއް އޮޅާލާހާ ބާރު މިނުގަ އެވެ. އޭރު އެމްޑީޕީގެ އެންމެ ބޮޑު ހަތުރުންގެ ގޮތުގައި ވެފައި ވަނީ 2012 ވަނަ އަހަރުގެ ފެބުރުއަރީ މަހު އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު ވައްޓާލަން "ބަޣާވާތް ކުރި" ކަމަށް ބުނާ މީހުންނެވެ.

އޭރު އެމްޑީޕީގެ ފާޑު ކިޔުންތައް އެންމެ ބޮޑަށް އަމާޒުވީ މީހުންގެ ތެރޭގައި މިސަރުކާރުގެ އެންމެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ރައީސް އަބްދުﷲ ޔާމީން ވެސް ހިމެނި ވަޑައިގަންނަވަ އެވެ. އަދި ރައީސް މައުމޫނާއި ގާސިމް ވެސް ހިމެނި ވަޑައިގަންނަވަ އެވެ.

އޭރުގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް ޖަލަށް ލީ ހިސާބުން އެމްޑީޕީ އިން ނާޒިމާ ބައިއަތު ހިފި އެވެ. ނާޒިމްގެ ދިފާއުގައި ތެދުވި އެވެ. ގޮވިހާ އެއްޗެހި ހަނދާނެއް ނެތެވެ. އޭގެ ފަހުން ޖަމީލު ނާއިބު ރައީސްގެ މަގާމުން ދުރު ކުރުމުން ވެސް ޖަމީލުގެ ދިފާއުގައި ވެސް ތެދުވީ އެމްޑީޕީންނެވެ.

ރައީސް ޔާމީން ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ދުވަހު ނަޝީދާ ސަލާމް ކުރައްވަނީ-- ފޮޓޯ/ ރައީސް އޮފީސް

ހަގީގަތުގައި ސިޔާސީ ގޮތުން ސަރުކާރާ އެއްކޮޅަށް ބުރަބޮޑުވެފައި އޮތް ކޯލިޝަން ބަލަބަލާ ތިއްބައި އަނެއް ކޮޅަށް ބަދަލުވީ އެވެ. ރައީސް މައުމޫނަށް ތާއީދުކޮށް އެމްޑީޕީން މަސައްކަތް ކުރާނެއޭ އެއްވެސް މީހަކު ހިޔެއް ނުކުރެ އެވެ. "ތެލާއި ފެނާ އެއްނުވާ ގޮތަށް ރައީސް ނަޝީދާއި ރައީސް މައުމޫނު ނުގުޅޭނެ" އޭ މީހުން އޭރު ބުންޏެވެ.

އޭގެ ފަހުން އެމްޑީޕީގެ އެންމެ ބޮޑު ހަތުރެއްގެ ގޮތުގައިވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބެވެ. ޕާޓީތައް ގުޅިގެން ބޭއްވި އެއްވުންތަކުގައި ވެސް އެންމެ ގިނައިން ފާޑުކިޔާ އެއް ބޭފުޅަކަށް އަދީބުވި އެވެ. ދައުލަތުގެ ފައިސާ ބޭނުންކުރާ ވާހަކަ އެވެ. ނަޝީދު ޖަލަށްލީ އަދީބު އަޑީގައި ހުރެގެން ކަމަށް ބުނެ އެވެ.

ނަމަވެސް މިއަދު އަދީބުގެ ދިފާއުގައި ނަޝީދު ވަނީ ވާހަކަފުޅު ދައްކަވައިފަ އެވެ.

" އަދީބަށް އެކަށީގެންވާ ބޭސްފަރުވާ ދޭންޖެހޭ. ބޭސްފަރުވާ ނުދިނުމަކީ އިންސާނިއްޔަތާ ހިފާފުވުން" ރައީސް ނަޝީދު

އަދީބުގެ ފަރާތުން ސިޔާސީ ސަޕޯޓެއް ނުވަތަ ފައިސާގެ އެހީތެރިކަމެއް ލިބެން ނެތް ނަމަ ރައީސް ނަޝީދު ޖަލަށްލީ ކަމަށް ބުނާ މީހަކަށް ތާއީދުކޮށް ވާހަކަ ދައްކާނެ ކަމާ މެދު ސުވާލު އުފެދެ އެވެ. މިހާރު އަދީބު ފައިސާ އަށް ހިޔާނާތްވި ވާހަކައެއް ވެސް ނުދައްކަ އެވެ. ރައީސް ނަޝީދާއި ޝައިހު އިމްރާން އަދި ކާނަލް ނާޒިމް ޖަލަށް ލީ އަދީބު އެކޭ ވެސް ނުކިޔަ އެވެ.

ރުޅިވެކަން އެއް ފަރާތްކޮށް ހުރިހާ ފަރާތްތަކާ ގުޅިގެން މަސައްކަތް ފެށި އެންމެ ބޮޑު ބޭނުމަކަށް ވާނީ އެ ޕާޓީ އަށް ވެރިކަން ހޯދުން ނޫން ދެން ކޮން ކަމެއްހެއްޔެވެ؟ ރައީސް ޔާމީން ވެރިކަމުން ދުރުކޮށް އެހެން ޕާޓީއަކަށް ވެރިކަން ދޭން އެމްޑީޕީން އެހާ ބުރަ މަސައްކަތެއް ކޮށްފާނެ ކަމާ މެދު ސުވާލު އުފެދެ އެވެ. ވާގޮތެއް އެނގޭނީ ކޯލިޝަން ކެންޑިޑޭޓެއް ކަނޑައަޅަން ބާއްވާ މަޝްވަރާތައް ނިމުމުންނެވެ. އޭރުން އެމްޑީޕީން ބޭނުންވާ ގޮތް ވެސް ޔަގީންވާނެ އެވެ.

comment ކޮމެންޓް