ނޭނގި ހިތާ ކުޅެލީ - 15

ސަވާނާ އެހެން ބުނީ ކޮންމެހެން ނަބީލާއަށް އެފަދަ އިހުސާސްތަކެއް ކުރުވާކަށް ނޫނެވެ. ލިވިއާއާއި އެކު އެކަނިވަގުތުކޮޅެއް ހޭދަކުރުމަށެވެ. ލުކުމާންގެ ވާހަކަ އަހާހިތުންނެވެ. ނަމަވެސް ނަބީލާއަކަށް އެކަމެއް ނެގުނެވެ. މިއަދު ފެނުނު މަންޒަރުތައް ނަބީލާގެ ހިތުގައި އެތައް ވަހުމަކާއި ޝައްކުތަކެއް އިތުރުކޮށްލާފައިވާއިރު ލިވިއާ ފެނުމުންވެސް މިއަދު ވީ ފޫއްސެކެވެ. ލިވިއާފަދަ ޅަ ޒުވާން އަންހެންކުއްޖަކުވެސް އިމާދުއްދީންއާއި ފްލާޓްކުރީއެވެ. އެދެމީހުން ފިތިގެން ތިބެ ހީހީފައި އެބަލަން ތިބީ ކޯންޗެއްކަމެއްވެސް ނޭގެއެވެ. ދަރިފުޅާއިއެކު ވަގުތުތައް ހޭދަކޮށްލަން ހުސްކޮށްގެން އައުމުން ރީތިގޮތުގައި އޭނަ ނެރެލައިފިއެވެ.

ނަބީލާގެ ލޮލުން ވެއްޓުނު ކަރުނަތިކި ފޮހެލާފައި ހިނގައިގަތް ވަގުތު މީހެއްގެ ގައިގާ އަޅައިގަތުމުން އިސްއުފުލައި ބަލައިލެވުނެވެ. އިމާދުއްދީން ފޯނު ކަންފަތުގައި ޖަހައިގެން މާ ވަރަކަށް ހިނިއައިސްފަ ހުރެ ތިމާގެ އަންހެނުންގެ ގައިގާ ލައިގަތްއިރުވެސް އެނގުނުކަމަކަށް ނުވިއެވެ. އިމާދުއްދީން ސަވާނާއޮތް ކޮޓަރީގެ ދޮރު ހުޅުވާލާފައި ވަނުމުން ނަބީލާ ހުރީ ހިނގައިގަންނަންވެސް ނޭގިފައެވެ. އެތަނަށް މިގަޑީގައި އައި ސަބަބަކާއިމެދު ސުވާލު އުފެދުނެވެ. އެހާނުގަޑިއެއްގައި އައީ ލިވިއާ އުޅޭކަން އެނގިގެންކަމަށް ނުވާނެބާވައވެ. ލިވިއާ އިނުމުން އަޅާނުލާ ދޫކޮށްލާކަށްވެސް ނަބީލާ ނޭދުނެވެ. އޭރު ބޮލުގައިވި މަޑުމަޑު ރިހުން ގަދަވެ ކޮޅަށް ހުރުން ދަތިވާންފެށިއެވެ. ލިވިއާއާއި އިމާދުއްދީންއަށް ފާރަލާ އެމީހުން އުޅޭ ނޫޅޭގޮތް ބަލާފައި ނޫނީ ގެއަކަށް ނުދާނެއެވެ. ވިސްނާލާފައި ދިޔައީ ފާމަސީއަކަށްގޮސް ކިޔޫގައި މަޑުކޮށްލިއެވެ. ތަދުކަނޑުވާ ބޭސްގަނެލުމަށްފަހު ދާންވެގެން އައިއިރު އިމާދުއްދީންއާއި ލިވިއާ އެކީގައި ކަހަލަ ގޮތަކަށް އަންނަތަން ފެނުނެވެ. ނުދަންނަ ބަޔަކަށް އެދެމީހުންއައީ އެކީގައި ކަމެއް ޝައްކުނުވާހާ ފަހަތުގައި ލިވިއާ ހުއްޓަސް ނަބީލާއަށް ޝައްކުކުރެވުނެވެ.

ނަބީލާ އެއްފަރާތެއްގައި ބަލަން ހުއްޓާ ދެމީހުން އެއްކޮށް ގޮސް ކާރަކަށް އަރައިފިއެވެ. އެ ދިޔައީ ކޮންތާކަށްބާވައެވެ. ސަވާނާ އެކަނިކޮށްލާފައި އެހެން ދިޔުމުން ނުރުހުންވެފައި ސަވާނާގެ ހާލު ބަލައިލާން ހިތް ބާރުއެޅިއިރު އަނެއްކޮޅުން އެންގީ އެދެމީހުން ދިޔަތަނެއް އޮޅުން ފިލުވުމަށެވެ. ނަބީލާ ކާރެއް ހުއްޓުވާފައި އެރިއިރު ހިތުގެ ތެޅުން ބޭރަށްވެސް އިވެއެވެ. ހިތުގެ ވިންދު އެހާ އަވަހެވެ. މޭޕްލްވިލާއާއި ހަމަޔަށް ފޯރިއިރު އިމާދުއްދީންގެ ކާރެއްނެތެވެ. ގެ ހުރީ ތަޅުލާފައެވެ. އޭގެ މާނައަކީ އެދެމީހުން ދިޔައީ އެހެން ތާކަށެވެ. އެދޭތެރޭގައި އޮތް ގުޅުމާއިމެދު އެތައް ސުވާލުތަކެއް ހިތުގައި އުފެދި ހިތް ނުތަނަވަސްވިއެވެ. މިފަދަ ކަމެއް ހިނގާކަން އެނގިއްޖެއްޔާ ސަވާނާ ދެކޭނީ ކިހިނެއްހެއްޔެވެ؟ ލިވިއާ ރީތިކުއްޖަކަށްވިޔަސް ލަދެއް ހަޔާތެއްނެތް އަންހެނެކެވެ. ތިމާގެ ބައްޕަގެ އުމުރުގެ ފިރިހެނަކާއި ހިތާވެގެން ފަހަތުގައި ޖައްސާލާފައެވެ. ނޫނީ ލިވިއާއަށް އިމާދުއްދީންގެ އުޅުން ނޭގެނީބާވައެވެ. އިމާދުއްދީން އެކުއްޖާގެ ބޮލަށް ވަދެ ހައްލާލައިގެން އުޅެނީ ނޫންބާވައެވެ. އޭނަ ޖެހޭނީ ލިވިއާއާއި ވާހަކަދައްކާށެވެ. ބޮނޑިއެއް ބުއިމުގެ ކުރިން އެކުއްޖާއަށް ވިސްނައިދޭނެއެވެ. އަންހެނަކަށް ދެރަގޮތެއްވާތަން ބަލާކަށް އޭނަ ނުހުންނާނެއެވެ.

ލުކުމާން ގެނައި ލިލީ މާ ބޮނޑި މޭޒުމަތީގައި ބޭއްވިއެވެ. ކަޅުފެހިކުލައިގެ ޓީޝާޓަކާއި ޖިންސެއްލައިގެން ހުރިއިރު އިސްތަށިގަނޑު އޮތީ ކޮންމެވެސް ވަރަކަށް ތެތްކޮށެވެ. ދެންމެ ފެންވަރާލައިގެން އައިކަހަލައެވެ. ތާޒާކަމުން ސްނޯކޮޅެއްފަދައެވެ. އެމީރުވަސް ސަވާނާގެ ނޭފަތާއި ހަމަޔަށްވެސް ފޯރިފަދައެވެ. ސަވާނާ އޮތީ ދެލޯ ބޮޑުކޮށްގެން ބަލާށެވެ. ލޮލަށް ފެނުނު މަންޒަރު ގަބޫލުކުރަން ދަތިވެފައެވެ. ލުކުމާން ފެނުމުން މިހުރިހާދުވަހު ހިމޭންކަން ޚިޔާރުކޮށް މާޔޫސީވެފައިވާ ހިތަށް އާ ދިރުމެއް ލިބުނުފަދައެވެ. ހިތް ތެޅިގަތީ އާދަޔާ ޚިލާފުބާރަށެވެ. އެހިތަށް ލިބުނު އުފާވެރިކަމާއިއެކު އެ ދެލޮލުގެ ބެބުޅުން އިތުރުވިއެވެ. ދެލޯ ދިއްލިގެން ދިޔައެވެ.

"ހައި ސަވާނާ. ކިހިނެއް ހާލު...." ލުކުމާން އެނދު ކައިރީ ހުއްޓިލަމުން ސުވާލުކޮށްލިއެވެ.

"ފައިން..."

"ފުރާޅަށް އަރާ ސްޓަންޓް ޖައްސަނިކޮށް ޑެއާ ޑެވިލް ވެއްޓުނީއޭ ލިވީ ބުނި...." ލުކުމާންގެ ޖުމްލައިން ސަވާނާއަށް އާއެކޭ ބުނުމުގެ ގޮތުން ބޮލުން އިޝާރާތްކޮށްލެވުނީއެވެ.

"ގަސްގަހަށާއި ފުރާޅަށް އަރާވަރަށްވުރެ ބޮޑުކުއްޖެއްކަމަށް އަހަރެން ހީކުރީ. މަރުވީމަ ދެރަވާނެ މީހުން ތިބޭނެކަން ހަދާން ކުރާނެނަމަ. ލިވީބުނި ސަވާނާގެ ރިބް ފްރެކްޗާ ވެފައޯ ކިރިޔާ ގުޑުވާލިޔަސް މަރުވެދާނެއޭ. ސޯ އަހަރެން ހިތަށް އެރީ މަރުވުމުގެ ކުރިން ކައިވެނިކުރަން ވާނެ ނޫންހެއްޔޭ. އޭރުންނޭ އަހަރެންގެ އަންބަކަށް ސުވަރުގޭގައިވެސް ސަވާނާ ވާނީ.................." ލލުކުމާންގެ ވާހަކައިން ސަވާނާ ހިނިގަނޑު ފަޅައިގެން ނުދިޔައީ ހަމަ ކިރިޔާއެވެ.

"ބަލިއެނދުގައި ތިބޭ މީހުން ކައިވެނިކުރޭތަ؟ " ސަވާނާ އަހައިލިއެވެ.

"ނުވާންވީ އެއްވެސް ސަބަބެއްނެތް. އަހަރެން މިއައީ ފޯމުވެސް ހިފައިގެން. ކުރީ ފޯމު އޮންނާނީ ބާތިލުވެފައެއްނު..............." ލުކުމާން ހުރީ އެކަމަށް ކެތްތެރިކަން ކުޑަވެފައިބާވައެވެ. ސަވާނާ ހައިރާންވިއެވެ. އޭނަ ބަލިވުން އެއްކައިރީގައި އޮތްވާ ލުކުމާންގެ މަންމަ ނިޔާވީ ދާދި ފަހުންނެވެ. ވީއިރު އެހުރިހާކަމެއް ހަނދާން ނައްތާލާފައި ކައިވެނިކުރަން ލުކުމާން ވިސްނަނީ ކީއްވެހެއްޔެވެ. އެންމެ ދެރައީ އަދި އޭނައަށް ލުކުމާންގެ ހާލުވެސް އަހައިނުލެވޭކަމެވެ. ލުކުމާންގެ މަންމަ ނިޔާވުމުން ތައުޒިޔާކިޔަންވެސް އޭނަ ޖެހޭނެއެވެ.

"ލޫކް ކިހިނެއްތަ. މިހުރިހާ ވާހަކައެއް ދެއްކިއިރުވެސް އަދި ހާލު އަހާނުލެވޭ. ވަރަށް ދެރަވި މަންމަ......މަންމަ ނިޔާވި ޚަބަރުލިބުނީ އަދި ކިރިޔާ. ލިވީ ބުނީމަ.. އައިމް ސޯ ސޮރީ. ފެމިލީ އެންމެނަށް ތައުޒިޔާ...."

"ވެލް......ތެންކްސް...." ލުކުމާން ނުތަނަވަސްގޮތަކަށް ހީލިއެވެ. އިސްތަށިގަނޑުގައި އަތް ހިންގައިލިއެވެ. ސަވާނާއާއި ހަތަރުކަޅި ހަމަނުކުރަން ކުރެވުނުހާ މަސައްކަތެއްކުރިއެވެ. އެވާހަކަދެއްކުމުން ދެރަވީކަން ޔަގީނެވެ. މަންމަމަތިން ހަނދާންވީއެވެ. ހީވީ ކުށްވެރި އިހުސާސްކުރެވިގެން އުޅޭހެންނެވެ.

"މަންމަ ނިޔާވެގެން އުޅެނިކޮށް މެރީކުރާކަށް ނުވާނެއްނު....."

"ނޫނޭ. ހިތާމަތަކެއް ދިމާވިޔަސް ލައިފްއާއިގެން ކުރިއަށް ދާންޖެހޭނީ. މަންމަވެސް ބޭނުންވާނީ އެގޮތް. އެހެންނޫނަސް އޮފީސްމީހުންނާއި އާއިލާ މީހުންގެ ފަރާތުން ކިހާ މަލާމާތެއް ކުރިމަތިވާނެ. އެހެންވީމަ އެހުރިހާ ދެރައަކުން ސަލާމަތްކޮށްދޭން އަހަރެން މިހިރީ ކައިވެނި އަވަސް ކުރަން ބޭނުންވެފައި. ބައްޕަ ހުއްދަދޭނެކަމާއިމެދު އަހަރެން ޝައްކެއްނުކުރަން. ހަމައެކަނި ތިކުއްޖާގެ ހުއްދަ ބޭނުމީ. ސަވާނާ މެރީ މީ. ލަސްކުރަންޏާ އަނެއްކާ އެހެން ހާދިސާއެއް ހިގާފާނެ....."

ސަވާނާގެ ހިތް އުފަލުން ފޮޅުނެވެ. ހަގީގަތުގައި ލުކުމާންއާއި ކައިވެނިކުރަން އެއްބަސްނުވާންވީ އެއްވެސް ސަބަބެއްނެތެވެ. ލުކުމާން ކައިވެންޏަށް ހާޟިރުނުވީ މަގުބޫލު އުޒުރަކާއިލައިގެންނެވެ. މަންމަ ނިޔާވެގެންނެވެ. ލުކުމާން މަންމަދެކެވާ ލޯތްބާއިމެދުވެސް ސަވާނާގެ ހިތް ތައުރީފުން ފުރުނެވެ. މަންމަ ނިޔާވުމުން ލުކުމާން އަނބުރައިގަނެގެން ވެއްޓޭނީ އެހިތުގައި މަންމައަށްޓަކާ ހާދަ ލޯތްބެއް އޮތީމައެވެ. ކޮންމެ ކޮންމެ މީހަކަށް އެހާ އަސަރެއް ނުވެސް ކުރާނެއެވެ. އެމަންމައާއި ބައްދަލުނުވެ ދުނިޔެއާއި ވަކިވެގެން ދިޔަކަން ކިތަންމެހާވެސް ދެރައެވެ.

"ވިލް ތިންކް....." ސަވާނާ އޮތީ ލުކުމާންގެ މޫނަށް ބަލަހައްޓައިގެންނެވެ. އެއްލޮލާއިއެކު ބެންޑޭޖްކޮށްފައިވާތީ މޫނުގެ ބޮޑުބައިވަނީ ފޮރުވިފައެވެ. ފެންނަން އޮތް ދެލޮލުގައި ހުރި މައުސޫމްކަމުގެ ސަބަބުން ލުކުމާންގެ ހިތުގައި ހަމްދަރުދީ އުފެދޭގޮތްވިއެވެ. ސަވާނާއަށް މިފަދަ ބޮޑު އަނިޔާއެއް ދިނުމަކީ އިންސާފެއްވެސް ނޫނެވެ. ނަމަވެސް މާޒީގެ ހަދާންތައް އޭނަގެ ހަނދާނުގެ މަޑިކިލަބުގައި ކޮށްޓާލުމާއިއެކު އަތް މުށްކަވައިލެވިއްޖެއެވެ. ހިތް ހިލައަށްވުރެ ހަރުކޮށްލިއެވެ. އޭނަ ޖެހޭނީ ހަމްދަރުދީއާއި ކުލުނު ހިތުން ނެރެލާށެވެ. ހަރުކަށިކަން އިސްކުރާށެވެ. އަންހެނެއްފަދައިން ޖަޒުބާތީވެގެން އޭނައަށް އޭނަގެ މިޝަން ފުރިހަމައެއް ނުކުރެވޭނެއެވެ. ދިރިއުޅުމުގެ މަގުސަދަކީ އެންމެ ކަމެކެވެ.

"ނޫން ސަވާނާ. ތިންކްކުރާނެކަމެއް ނެތް. މިއީ ގާތްގަނޑަކަށް ވެފައި އޮތް ކައިވެންޏެއް. އަހަންނަށް ނާދެވުނުކަމީ އަދި އެހެންކަމެއް. އަހަރެން ބޭނުމީ މިހާރުވެސް މިކަންތައް ފުރިހަމަކޮށްލަން....." ލުކުމާންއަށް އަމުރުވެރިކޮށް ވާހަކަދެއްކުނުކަން އިހުސާސްކުރެވުނީ ސަވާނާ ބަލަން އޮތްގޮތުންނެވެ.

ސަވާނާ ޖަވާބުދޭން އުޅެނިކޮށް ދޮރުހުޅުވައިލުމާއިއެކު ދެމީހުންނަށްވެސް ބަލައިލެވުނީ ދޮރާއި ދިމާލަށެވެ. ސަވާނާގެ ޑޮކްޓަރާއި ނަރުހުންނެވެ. ލުކުމާން ބޭރުގައި މަޑުކޮށްލަދޭން ނަރުހުން އެދުމުން ލުކުމާން ވަގުތުން ދެކޮޅުހެދިއެވެ. އޭނަ ކޮންމެހެން ރޫލްސްތަކަށް އެއްބަސްވާންޖެހޭނެ ކަމަށް ނުދެކޭކަމަށް ބުނީ ގަސްތުގައި ޑޮކްޓަރު ރުޅިއަރުވައިލުމަށެވެ. އޭނަގެ ބޮޑާކަން ތިރިކޮށްލުމަށެވެ. ލުކުމާން ޑޮކްޓަރަށް ކިޔާނަން އޮޅުން ފިލުވަން ނަރުހަކާއި ސުވާލުކުރިއެވެ.

"ޑޮކްޓަރ އިޒިކް....."

"ބަންގާޅީއެއްތަ؟ " ލުކުމާން ނުލަފާގޮތަކަށް ހީލިއެވެ. ނަރުސްކުއްޖާ ރަކި ހުނުމަކާއިއެކު ބުނީ ޑޮކްޓަރަކީ ރާއްޖެއަށް ނިސްބަތްވާ ޒުވާނެއްކަމުގައެވެ. ލުކުމާނަކީ ބަންގްލާދޭޝްމީހުންގެ ހައްގުގައި ވަލާކާތުކުރާ ޒުވާނެކެވެ. އެމީހުންނާއި ދިމާލަށް ދުވަހަކުވެސް އެއްޗެކޭ ބުނެފައިވާ މީހެއްނޫނެވެ. ނަސްލީ ތަފާތުކުރުންތައް ދެކެ އޭނަ ނަފްރަތުކުރެއެވެ. ނޯކަރުންނާއިމެދު އޯގާތެރިވާން ޖެހޭނެކަމަށް ލުކުމާން ދެކެއެވެ. ނިކަމެތި ހާލުގައި ބޮޑުވެފައިވާތީ އޭނަވެފައިވަނީ ބޮޑާކަމެއް ނެތް ސާދާ ޒުވާނަކަށެވެ. އިޒިކްއާއި ދިމާކޮށްލުމުގެ ނިޔަތުގައި އެހެން ބުނެފައިވެސް ލުކުމާން އެކަމާއި އަމިއްލަ ނަފުސް ކުށްވެރިކުރިއެވެ. އިޒިކްގެ މޫނުމަތިން އިތުރު އަސަރެއްނުފެނުނެވެ. ސަވާނާގެ ކައިރިން ހާލު އޮޅުން ފިލުވައިލިއެވެ. ސަވާނާ އޮތީ ލުކުމާން ވާހަކަދެއްކިގޮތުން ކުޑަކޮށް ލަދުގެންފައެވެ. ޑޮކްޓަރ އިޒިކް ފުރަތަމަ ދުވަހުންފެށިގެން އޭނައާއި އަޅާލާ އޯގާތެރި ޑޮކްޓަރެއްގެ ގޮތުގައި ފާހަގަވެފައިވެއެވެ. ވީއިރު ސަވާނާގެ ލޯބިވެރިޔާ އެގޮތަށް ވާހަކަދެއްކުމަކީ އޭނަގެ އަގުވެސް ވެއްޓޭނެކަމެކެވެ.

އިޒިކް ސަވާނާގެ މޫނުމަތީގައިވާ ބެންޑޭޖްތައް ނެއްޓިއެވެ. ފާރުތައްހުރީ މުޅިންހެން ހިކިފައެވެ. ނަމަވެސް އެރީތި މޫނަށް ވެފައިވާ ވަރު ބޮޑުކަމާއެވެ. ހަނދުގައި ލައްގަނޑެއް ހުއްޓަސް ހަނދުގެ ފުރިހަމަކަމުން އިންސާނުންގެ ހިތްތަކަށް ފިނިކަން ލިއްބައިދޭ ނޫންހެއްޔެވެ؟ އެދޮންދޮން ނިތްކުރީގައި ފުންލަކުނެއް ހުއްޓަސް އަދި އެކުއްޖާގެ ލޯބި ވަށް މޫނު ފެންނަލެއް ހިތްގައިމެވެ. ލުކުމާންގެ ތޫނު ނަޒަރު މޫނަށް ހުއްޓިފައިވާކަން އެނގުމުން ލަދުންގޮސް ފިލަން ބޭނުންވި ވަގުތެކެވެ.

"ތިހާ މޮޅު ޑޮކްޓަރެއްނަމަ ފަރުވާދީ ނިންމާއިރު މޫނުގައި ލަކުނެއް ލައްވައިގެން ނުވާނެއްނު. މިއޮތް ރީތި މޫނުކޮޅު ހަލާކުކޮށްލީ. ބަލާލަ. މިހިރަ ޑީޕް ސްކާއެއް. އަހަރެމެން ކައިވެނި ކުރަންވާއިރަށް އެ ލަކުނު ހުރެގެނެއް ނުވާނެ. މި މޫނުކޮޅު ބިއްލޫރިކޮޅެއްހާ އޮމާންކުރަން ޖެހޭނެ އިނގޭ. ތީނަގެ ޒިންމާއެއް އެއީ............" ލުކުމާންގެ ވާހަކަތަކުން އިޒިކް ޚިޔާރުކުރީ މަޑުމައިތިރިކަމެވެ. އިޒިކް މިފަހަރު ލުކުމާންއަށް ބަލައިލިގޮތުން ކޮންމެވެސް ވަރަކަށް ރުންކުރުވެ ވަރުގަދަ އެއްޗެއް ބުނެލަފާނެހެން ހީވިއެވެ. ފުންނޭވާއެއް ދޫކޮށްލުމަށްފަހު އޭނަ ފައިލްގައި އެއްޗެއް ލިޔަންފެށިއެވެ. އިޒިކް ސަވާނާގެ މޫނުގައި ދެން ބޭސް އެޅުމުގެ ބޭނުމެއްނެތް ކަމަށާއި ބޭސް ހާކާލާފައި ބަހައްޓަން ބުނެލިއެވެ.

"ކިހާ ދުވަހެއްނަގާނެ މޭގެ ކަށިގަނޑު ހީލްވާން؟ " ލުކުމާނު އަހައިލިއެވެ.

"ސިކްސް ވީކްސް....."

"ކަނޑައެޅިގެން ދޮގެއް... ބަރާބަރު އަހަރަކުން މުޅިން އެއްކޮށް ރަގަޅުވެ ފިޓްވާނީ...." ލުކުމާން ބުނެލީ އެއް ބުމަ އަރުވާލަމުންނެވެ.

"ތިހާ މޮޅަށް ތިބޭފުޅާއަށް އެނގޭއިރު އަހަނީ ކީއްވެ...." އިޒިކް އާއި ލުކުމާންގެ ހަތަރުކަޅި ބައްދަލުވިއެވެ. އިޒިކް ކޮންމެވެސް ތާކުން ދުށް ލޮލެއްހެން ހީވިނަމަވެސް އެއީ ކޮންތާކުންކަމެއް ވިސްނަ ވިސްނާނޭގުނެވެ. އެވަގުތަކީ ލިވިއާވެސް އެތަނަށް ވަދެލިވަގުތެވެ. އިޒިކް ފެނުމުން ލިވިއާ ކޮންމެވެސް ވަރަކަށް ފަރިވެލާފައި އިޒިކްއަށް ހިނިތުންވުމެއްދިނެވެ.

"ކުރިން ދުވަހު ކެފޭއަކުން ދުށިން ކޮފީ ސާވްކުރަން ހުއްޓާ. އެތާ އޯނަރުތަ؟ "އިޒިކް ކަމެއް ހަނދާންވިކަހަލަ ގޮތަކަށް ބުނެލުމުން ލުކުމާން ހޭންފެށިއެވެ. އެލޯ އޭނައަށް ފެނުނީ އެދުވަހުކަން ޔަގީނެވެ. މުށިކުލައާއި ފެއްސާއި ދޭތެރޭގެ ކުލައެއް ހުރި ލޮލެކެވެ. އިޒިކް އާއްމުކޮށް އެކަހަލަ ކެފޭތަކަށް ނުވެސް ވަދެއެވެ. ނަމަވެސް އެކުވެރިއަކާއިއެކު އެކެފޭއަށް ވަދެފައި ތަނުގެ ހިމޭންކަމާއިއެކު މީހުން މަދުކަމުން ވާހަކަދައްކާލަން ރަގަޅު ހިތްހަމަޖެހޭ ތަނަކަށްވިއެވެ. ޒުވާން ރީތި ފިރިހެނަކު ވޭޓަރަކަށް ހުރިއިރު ކޭޝިއަރުކަން ކޮށް ހުރިހާކަމެއް ކުރީވެސް އޭނައެވެ. ހިތާމަވެރި އެކަނިވެރި ޒުވާނެއްހެން ހީވިއެވެ.

"ނޫނޭ އެތާ ވޭޓަރަކަށް ހުންނަނީ. ޖައްސާލަންވާނެ ކޮފީ އަކަށް. ސަވާނާގެ ޑޮކްޓަރުވީމަ ފްރީ ކޮފީއެއް ލިބިދާނެ....." ލުކުމާންގެ އެ ޖުމްލައިން ލިވިއާގަތީ އަމަށަކު ލަދެއްނޫނެވެ. ސަމާސާއަކަށް ހަދައިގެންވެސް ދެން ލުކުމާން ތިމާގެ އަގު އެންމެންގެ ކުރިމަތީގައި ވައްޓާލާކަށް ނުޖެހޭނެއެވެ. ލުކުމާންއަކީ ވޭޓަރެއްނޫނެވެ. ކިޔަވައިގެން ހުރި ތައުލީމީ ޒުވާނެކެވެ. ކުންފުންޏެއްގެ އެމްޑީއެކެވެ. ލުކުމާންގެ ބަދުނަސީބަކީ ހަމައެކަނި އޭނަ މުއްސަދިނުވިކަމެވެ. އެނޫނީ ހުރިހާ ނިއުމަތެއް ދެއްވާފައިވެއެވެ. ލިވިއާ ވަގުތުން އެކުށް ރަގަޅުކޮށްލަދިނެވެ.

"ލޫކް. ތިކަހަލަ ފޭކް ވާހަކަ ދައްކާކަށް ނުވާނެ. ތިމަންނައަކީ ކުންފުންޏެއްގެ އެމްޑީއޭ ބުނަންވީނު..އިންނަން އުޅެނީ ރާއްޖޭގައި ހުރި އެންމެ މުއްސަދި ވިޔަފާރިވެރިޔާގެ އަންހެން ދަރިއާއި........." ލިވިއާ ލުކުމާންގެ އަތުގައި ޖަހައިލީ ގާތްކޮށެވެ.

އިޒިކްއަށްވެސް އޭނަ ލުކުމާންއަކީ ތިމާގެ ކުއްޖެއްކަން އެންގީ ހިތުގައި އެހެން ކަހަލަ އެދުމެއް އޮތީމައެވެ. މިހާރަކަށްއައިސް ލުކުމާންއަކީ އޭނަގެ ހަޔާތަށް އެންމެ އެކަށޭނަ ބައިވެރިޔާކަމާއިމެދު ލިވިއާގެ ހިތުގައި ޝައްކު އުފެދިފައިވެއެވެ. ހަމައެކަނި މައްސަލައަކީ އޭނަ ހިތްހަމަޖެހޭފަދަ މުއްސަދިކަމެއް ލުކުމާންގެ ނެތުމެވެ. ލުކުމާން ކުރިމަގު ބައްޓަންކުރަން ބޭނުންވާ ގޮތާއި ލިވިއާގެ ޚިޔާލު ތަފާތުވުމެވެ. އެހެންވެ އެހެން މަންޒިލެއް ހޯދުމަށް އޭނަގެ ހިތް ސިއްރުސިއްރުން ބޭނުންވާތާ ކިތަންމެ ދުވަހެކެވެ. މަޑުމަޑުންގޮސް އެހެން ފަރާތްތަކަށް ހިތްކިޔަން ފެށިކަމެއް ލުކުމާންއަކަށް އަދިވެސް ނޭގޭނެއެވެ. އެކަންވަނީ ހިތުގެ އެންމެ ފުންމިނުގައި ފޮރުވާފައެވެ. އެހާ ބަލިވެފައި އޮތްއިރުވެސް ސަވާނާގެ ދެލޮލުގައިވި އުޖާލާކަމާއި ރީތިކަން ލިވިއާގެ ހިތަށް އުދަގޫކުރުވިއެވެ. އިޒިކް ޚާއްސަގޮތަކަށް ބެލިކަންވެސް އޭނަ ފާހަގަކުރިއެވެ. ހިތުގައި ބިރުވެރިކަމެއްވެސް އުފެދުނެވެ. ސަވާނާ އެހެން ފަރާތަކަށް ހިނގައްޖެއްޔާ އޭނަގެ ނަސީބުގެ ތަރި އޮއްސިގެން ނުދާނެ ކަމެއް ނޭގެއެވެ.

އިމާދުއްދީންގެ ހިތުގައި ލިވިއާ ރަސްކަން ކުރާންފެށުމުން ދެމީހުން އެކީ އުޅޭވަގުތު ގިނަވާންފެށިއެވެ. ލިވިއާ އަމިއްލައަށް ކައްކައިގެން ކާން ބޭނުންނުވާތީ ދާހިތްވަނީ ރެސްޓޯރެންޓްތަކަށެވެ. ހެދުނު ނާސްތާއިން ފެށިގެން ރޭގަނޑު ކެއުންވެސް ލިވިއާ ނަގަނީ ބޭރުންނެވެ. ޚަރަދު ކިތަންމެ ބޮޑުވިޔަސް އިމާދުއްދީން ހުރީ ހުރިހާ ހަރު މުދަލެއް ވިއްކައިގެންވެސް އޭނަގެ މަލިކާގެ ހިތް އުފާކޮށްދޭށެވެ. ތިމާގެ މުއްސަދިކަން ދައްކައިގެން ލިވިއާގެ ހިތް އަތުލެވިއްޖެކަމުގައި އޭނަ ހީކުރާއިރު ލިވިއާގެ ވަނީ އަދި އެހެން ޕްލޭނެކެވެ. އިމާދުއްދީން އޭނައާއިހެދި އުޅޭތީ އޭނަ ފޫހިވިޔަސް ލިބޭ ފައިދާ ބޮޑުކަމުން ބޭރުފުށުން ހިތާވާކަމަށް ހެދިގެން ހުންނަނީއެވެ. އިމާދުއްދީންގެ ބޮލަށް ވަދެގެން އޭނަ ޔުނިވާސިޓީއަށް ވަންނަން ފައިސާ ހޯދިއެވެ. ޑޮލަރު އެކައުންޓެއްވެސް ހުޅުވިއެވެ. ބޭރު ގައުމެއްގާ ތައުލީމް ހާސިލުކުރުމުގެ ހުވަފެންވެސް އެންމެފަހުން ހަގީގަތަކަށްވަނީއެވެ.

އިމާދުއްދީން ކުރިއަށްވުރެ އޮފީހަށް ދާ ވަގުތު ގިނަވާންފެށިއެވެ. އޭނަގެ ކެބިންއަށް އިރުއިރުކޮޅާ ލިވިއާ ގެނެސްގެން ކުރިމަތީގައި ބައިންދައިގެން އިނުމަށްވުރެ ހިތްހަމަޖެހޭ އެއްވެސް ކަމެއް އޭނަގެ ނެތެވެ. ލިވިއާ ތަންތަނަށް ދާހިތްވާ ކުއްޖެއްކަމުން އޭނަ އޮފީހުން އަންނަގޮތަށް އެކުވެރިންތަކާއިއެކު ކޮފީއަށް ނޫނީ ބީޗަށް ނުދާ ދުވަހެއް ނުދާނެއެވެ. މިހާރަކަށް އައިސް ޖިމަށް ދިޔުމުގެ ނަމުގައި ނުވައެއްޖަހާއިރު ގެއިން ބޭރަށްދާނެއެވެ. ޗުއްޓީ ދުވަހެއްވިއްޔާ ހަތަރުދަމު އިމާދުއްދީން އުޅެނީ ގޭގައެވެ. ލިވިއާގެ ހިޔަނިކަމުގައިވެގެން ފަހަތުގައެވެ.

ވާރޭ ބޯކަމާއިއެކު ބާރު ގުގުރީގެ އަޑު ދޭތެރެއަކުން އިވިލާއިރު ގައިގެ ލޯލިތައް ކޮޅަށް ޖެހޭހާވެއެވެ. ވިދުވަރުގެ ތޫނު އަލި ދޭތެރެއަކުން އުދަރެހުން ފެނިލައެވެ. ފިނިކަމުން ލިވިއާވެސް ހުރީ މޫސުމާއި ގުޅޭފަދަ ހެދުމެއްލައިގެންނެވެ. ޖިންސަކާއިއެކު އަތް ދިގު ކަނޑު ނޫކުލައިގެ ހެދުމެއްގައި ހުރިއިރު މޮޑެލްއެއްފަދައެވެ. އެހާ ފަރިގޮތެއް ހުއްޓެވެ. ބެލްކަންޏަށް ނުކުމެ ވާރޭވެހޭ މަންޒަރުބަލަން ގެއްލިފައި ހުއްޓާ ސިހުނީ އިމާދުއްދީންގެ އަޑު ކަންފަތުގައި ޖެހިފައެވެ.

"ލިވީ. ބިރެއްނުގަނޭތަ. ހާދަ ވަރަކަށޭ ގުގުރާ ވިދަނީ........."

"ކޮންމެވެސް ވަރަކަށް ބިރުގަނޭ. މާލެ ސަރަހައްދަށް ޔެލޯ އެލާޓް ނެރެފަޔޯ އޮތީ. އެއްޗެއް ގެނެސްދެންތަ؟ ކޮފީ ޖޫސް ނޫނީ ސައިތަ؟ " ލިވިއާ ފަރި ހިނިތުންވުމެއް ހަދިޔާކުރިއެވެ.

"ރަގަޅުވާނީ ފިނި ކޯކްތަށްޓެއް. އައިސްކިއުބް އަޅާފައި..."

"މިހާ ފިނިއިރުވެސް....." ލިވިއާ ހީލަމުން އެސްފިޔަތައް ހިއްލައިލާފައި ބަލައިލީ ފަރިގޮތަކަށެވެ.

"ހޮޓް އަންހެންކުދިން ތިބޭތަންތާ ފިނިވާންވީ ސަބަބެއްނެތް. ލިވީ އަދިވެސް ނުބުނަމެއްނު. ލޯބިވެރިޔެއް ހޯދަން ނުވިސްނަންތަ؟ " އިމާދުއްދީން ލިވިއާގެ އަތްތިލަމަތީގައި އަތްބޭއްވީ ގަސްތުގައެވެ. އެ އަތް ހޫނުކަމުން އަލިފާންފަދައެވެ. ހީފިލިއެވެ. ފޫހިވެގެންގޮސް އަތްދަމާފައި މޫނުމަތީ ޖަހާފާނަމޭވެސް ހިތަށް އަރައެވެ. އޭނަ އެވަރުންވެސް ކެތްކުރިއެވެ.

"ތަންކޮޅެއް އުމުރުން ދުވަސްވީ މީހުންނަށް މާ ހިތްކިޔާ. އެމީހުންގެ މާ ތަޖުރިބާ ހުންނާނެޔޯ. އެކަހަލަ ބައިވެރިޔަކަށް ސާޗް މިކުރަނީ.." ލިވިއާގެ ތުންފަތްމަތީގައި ލާނެތް ހިންޏެއްވިއެވެ.

"ތިޔަބުނީ ހަމަ ރަގަޅަށް. ވިސްނޭ އަންހެންކުއްޖެއް ތީ. އެނގޭތަ. ލިވީފަދަ އަންހެންކުއްޖެއް މިދުނިޔޭގައިމަދުވާނެ. ފަތްމިންޏެއްފަދަ. އެކަމަކު ހަމަ އެކަނި ބަލައިލަން ރީތިވެގެންވެސް އަދި ކަމަކުނުދާނެ. ހަރުދަނާ ވިސްނުންތޫނު ކެރޭ މުރާލި ސްޓައިލިޝް އަންހެންކުއްޖަކު އަންބަކަށް ވެއްޖެއްޔާ ފިރިހެނަކު ފޫއްސެއްނުވާނެ. އެކުދިންނަށް އެނގޭނެ ފިރިހެނުންގެ ހިތްތައް ހަމަޖައްސާދޭން....." އިމާދުއްދީންގެ ހިތުގައިވާ އެއްޗެއް ބަންޑުންކޮށްލާހިތުން ހުރެވެނީއެއް ނޫނެވެ. އޭނަގެ ހުރިހާ ހުވަފެންތަކުގައި ކުލަޖެހޭފަދަ ބައިވެރިޔެއްކަމުގައި ލިވިއާވެފައި ވެއެވެ. އަދިވެސް ޖެހިލުންވަނީ މުޅިން ލިވިއާގެ ހިތް ނޭގޭތީއެވެ. ދެކޮޅުހަދާފާނެތީއެވެ. އޭނަ ޖެހޭނީ ނިކަން ވިސްނައިގެން ފަހަރަކު ފިޔަވަޅެއް ކުރިއަށް އަޅާށެވެ.

ލިވިއާ ރުޅިގަދަވިއެވެ. އިމާދުއްދީން ހީކުރަނީ ކީކޭހެއްޔެވެ؟ އޭނައެއް ދުވަހަކު ނުލިބޭނެއެވެ. އޭނައަކީ ލުކުމާންގެ ހައްގެކެވެ. އެކަމަކު އޭނަ އަދި ކެތްކުރަންޖެހޭނެއެވެ. މި މުސްކުޅި ބޭގަނޑުގެ ހުރިހާ މުދާގަނޑެއް ދޮވެލާފައި ނޫނީ އޭނަ ހުއްޓައެއްނުލާނެއެވެ. މިގެވެސް އޭނަ އަތުލައިގަންނާނެއެވެ. ކައިވެނިކުރަންވެސް އެއްބަސްވާނީއެވެ. ޝަރުތެއްގެ މަތިންނެވެ. އޭނަ ކައިވެނިކުރާނީ ކިޔަވާ ނިމިގެންނެވެ. ޑިގްރީ ހަދާ މޮޅުމީހަކަށްވެގެންނެވެ. ހުރިހާ ޚަރަދެއްކޮށް އޭނަގެ ނަމުގައި އެޕާޓްމެންޓެއްވެސް ދޭންވާނެއެވެ. ހުރިހާ އެއްޗެއް މިލްކުވުމަށްފަހު އޭނަ ކައިވެނިކުރާނީ އިމާދުއްދީންއަކާއި ނޫނެވެ. އޭނަގެ ލޯބިވެރިޔާއާއެވެ. ލިވިއާއަށް ނޭގެނީ އެފަދަ ގޮތްގޮތަށް މީހުންނަށް ލަނޑުދިނުމާއި ކެހިވެރިވުމަކީ ދީނުގައި ހުއްދަކަމެއްނޫންކަމެވެ. ފައިސާއާއި މުދަލުގެ ދަހިވެތިކަމުގައި ކައިވެނިކޮށް މީހުންނަށް ކެހި ދިނުމުން ކޮންމެވެސް ޒަމާނެއްގައި އެކަމުގެ ސަޒާ ލިބިދާނެކަމެވެ.

ލިވިއާ ދެތަށި ކޯކްހިފައިގެން އައިއިރު އިމާދުއްދީން އިނީ ސޯފާސެޓްގައި ހަމަޖެހިލައިގެންނެވެ. ލިވިއާ ތަށިދިއްކޮށްލުމުން އަތުގައި ހިފާލުމުން ލިވިއާ އަތްދަމައިގަތެވެ.

"ނަބީލާއަށް ފެނިއްޖެއްޔާ ވާނީ ކިހިނެއް...."

"ފެނުނަސް ކީއްތަވާނީ. އަހަރެން ބޭނުންވެގެން ގެނެސްފައި ހުރި އަންހެނެއްނޫން. ނަންނި ގެ މަންމަވީމަ ނަންނިއަށްޓަކާ ގެނައީ. އެއްގޮތަކަށްވެސް ކަމުދާ ޒާތުގެ މީހެއްނޫން. ލިވީ ބުނެބަލަ. ނަބީލާ ލާފައި އެހުންނަ ހެދުންތައް ކަމުދޭތަ؟ ދުނިޔޭގެ އެއްވެސް މަޖަލެއް އުފަލެއް އޭނަ ބޭނުމެއްނުވޭ. ހަރުކަށިކަމުން އަހަރެން ހަމަ ބޯ ގޮވާވަރުވޭ. ޓީވީ ބަލައިގެން ނުވޭ. ލަވައަޑުއެހުން މަނާ، ދެނަމާދު ދޭތެރޭގައި ގުރުއާން ޖަހަން ޖެހޭ. އެހެންގޮސް ބައިވަރު ރޫލްސްތަކެއް ހަދާފައި ހުންނަނީ. ދީނުގައިވެސް އޮވޭ ދޯ މޮޑެރޭޓްކޮށް އުޅެން. ހުރިހާ އުފަލެއް ދޫކޮށްލާފައި މިސްކިތުގައި ތިބެން އޮވޭތަ.................." އިމާދުއްދީން ބޯ ހޫރާލިއެވެ. ލިވިއާ ކައިރީގައި ސޯފާގައި ފިތިގެން އިށީންގޮތަށް އެކި ސުވާލުތައްކުރަން ފެށިއެވެ. އެހެން މީހަކާއި ކައިވެނިކުރަން ވިސްނާހެއްޔޭވެސް އަހައިލިއެވެ.

"ލިވިއާ އިންނަން އެއްބަސްވެއްޖެއްޔާ...." އިމާދުއްދީންގެ އެޖުމްލައިން ލިވިއާ ބާރަށް ހޭންފެށިއެވެ.

"ދެއަންބަށް މީހަކާއި އިންނާކަށް ނުކެރޭނެ....."

"އަހަރެން އޭނަ ވަރިވެސް ކޮށްފާނަން..." އިމާދުއްދީން ފޯރި އައެވެ.

"ރިއަލީ؟" ލިވިއާއަށް އިމާދުއްދީންގެ ދެލޮލަށް ބަލައިލެވުނެވެ. އުމުރު ދެބައިވެފައި ހުއްޓަސް ހުތުރުމީހެއްނޫނެވެ. މިހާ މުއްސަދި މީހަކަށް ކިތަންމެ ރީތި އަންހެންކުދިނެއްވެސް ވެދާނެއެވެ. ބޮޑު ތަނަވަސް ގެއަކާއި ކާރާއި ރީތި ގަހަނާއާއި ހެދުން އަދި ބޭނުން ކޮންމެ އެއްޗެއް ލިބެންޏާ އެކަމަށް ފުރަގަސްދޭނީ މޮޔައެކެވެ. ކޮންމެވެސް ދުވަހަކުން ލޯބިވާ މީހެއްވެސް ހޯދިދާނެއެވެ. އޭގެ ކުރިން މުއްސަދިކަން މިލްކުކުރަން މިފަދަ ގުރުބާނީއެއްވެސް ވެވިދާނެއެވެ. ލިވިއާ ދެ ޚިޔާލެއްގައިހުރެފައި އެއްލޯ މަރާލައިފިއެވެ. އިމާދުއްދީންގެ ހިތް އުފަލުން އުދުއްސައިގަތެވެ.

ލިވިއާ ކޮޓަރިއަށް ވަންތަނާ ކޮންމެވެސް މީހަކު ދޮރުގައި ޓަކިދޭންފެށިއެވެ. ދޮރު ހުޅުވައިލިއިރު ދޮރުމަތީގައި ހުރީ ނަބީލާއެވެ. ލިވިއާ ހުރީ ނިދާ ހެދުމުގައެވެ. އެތަނަށްވެރިވެފައިވާ ރަންކުލައިގެ އަލީގައި ލިވިއާ ފެންނަލެއް ކިތަންމެހާވެސް ނަލައެވެ. ފިރިހެނުން ހިތް ދީވާނާވާރުވެއެވެ.

"ލިވިއާ. ހާދަ އަވަހަށް ނިދަން އުޅެނީ.." ނަބީލާ ކުޑަކޮށް ހީލިއެވެ.

"ފަތިހު ބީޗަށްދާން ޕްލޭންކޮށްފައި އޮތީމަ. ނަބީލާ ދައްތަ ކަމަކުތަ؟ " ލިވިއާ އެތެރެއަށް ވަންނަން ތަންދެއްކިއެވެ.

"އާނ އަހަންނަށް އުދަގޫވާފަދަ މަންޒަރުތަކެއް ފެންނާތީ ހިތަށް އެރީ ނަސޭހަތެއް ދޭނީއޭ. އަހަރެންގެ ދަރިފުޅުގެ އެންމެ ގާތް އެކުވެރިޔާއަށް ވީހިނދު ހަމަ ދަރިއެއްގެ ގޮތުގައި ދެކެވެނީ. ލިވީ ހިތް ބުރަ ނުކުރައްޗޭ. ދަރިއަކަށް ދޭނެ ނަސޭހަތް މިދެނީ. ލިވިއާ އިމާދުއްދީންއާއި އޮތް ގުޅުން އަހަންނަށް ކަމަކުނުދޭ....."

"ވަޓް؟" ލިވިއާ ދެލޯ ބޮޑުކޮށްލިގޮތުން ހީވަނީ އޭނަ ނުކުރާކަމެއް ބޮލުގައި އެޅުވީހެންނެވެ.

"އެއީވެސް ފިރިހެނެއް. ފިރިހެނުންގެ ފާޑު ލިވިއާއަށް ނޭގުނަސް އަހަރެން މިހިރީ ދުވަސްވެ ވަރަށް ގިނަ ތަޖުރިބާކޮށްފައި ކަމަށް ވާތީ މިހެން މިބުނަނީ. އެއްވެސް ފިރިހެނަކަށް އިތުބާރުކުރާކަށް ނުވާނެ. ރީތި އަންހެންކުއްޖެއް ފެނިއްޖެއްޔާ އެންމެންވެސް ބޭނުންވާނެ. ވަގުތީ އުފަލާއި މަޖަލަށްޓަކާ އެކަން ކުރާނީ. ޅަ ސިކުނޑިއެއްވީމަ ހެޔޮނުބައި ވަކިކުރަން ނޭގޭނެތީ މިބުނީ. ތިކަންތައް ހުއްޓާލާ.............." ނަބީލާ ސީދާ މައުޟޫއަށް ވާހަކަ ގެންދިއުމުން ލިވިއާގެ ހިތް ބިރުގަންނަގޮތްވިއެވެ. އެހާ ސާފުކޮށް ނަބީލާ އެވާހަކަ ބުނީ ކިހާވަރަކަށް އެނގިގެން ބާވައެވެ.

(ނުނިމޭ)

comment ކޮމެންޓް