ޕިކް ޕޯސްޓްގެ ހިދުމަތްދޭ އިތުރު ސްޓޭޝަނެއް ހުޅުވައިފި

ޕޯސްޓް އޮފީހުން ގާއިމުކުރި ޕިކް ޕޯސްޓްގެ ހިދުމަތްދޭ ސްޓޭޝަނެއް--ފޮޓޯ/ ޕޯސްޓް އޮފީސް

ރާއްޖޭގެ ޕޯސްޓް ލިމިޓެޑުން ދެމުން އަންނަ ހިދުމަތް ހަލުވި ކަމާއެކު ރައްޔިތުންނަށް ވީހާވެސް ފަސޭހަ ކަމާއެކު ފޯރުކޮށްދިނުމަށް އެތަނުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ޕިކް ޕޯސްޓްގެ ހިދުމަތްދޭ އިތުރު ސްޓޭޝަނެއް ހުޅުވައިފިއެވެ.

މިއަދު ޕިކްޕޯސްޓް ދޭ ސްޓޭޝަނެއް ހުޅުވާފައިވަނީ ޕޯސްޓް ބިލްޑިންގ އެވެ.

ސެލްފްސާވިސްގެ ހިދުމަތް ފޯރުކޮށްދޭ ޕިކް ޕޯސްޓްތަކަކީ ޕޯސްޓްގެ ޑެލިވަރީ ނިޒާމް ޒަމާނީކޮށް ލުއިފަސޭހަ ކަމާއެކު އަވަހަށް ކަސްޓަމަރުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް ގައިމު ކޮށްފައިވާ ޕޯސްޓްތަކެކެވެ.

މިއަދު އަލަށް ހުޅުވި ޕިކްޕޯސްޓް ސްޓޭޝަނަކީ ހަފްތާއަކު ހުރިހާ ދުވަހު 24 ގަޑިއިރު ހިދުމަތް ދޭނެ ތަނެއްކަމަށް ޕޯސްޓް އޮފީހުންވަނީ ބުނެފައެވެ.

ޕޯސްޓް އޮފީހުން ބުނީ ދުވަހެއް ދުވަހަކަށް ޕޯސްޓް މެދުވެރިކޮށް ގެންނަ ތަކެތި އިތުރުވަމުންދާއިރު ކަސްޓަމަރުންނަށް ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމުގެ މަސައްކަތް އެ އޮފީހުން ކުރަމުންދާ ކަމަށެވެ. އެގޮތުން މިއަދު ގައިމު ކުރިފަދަ ޕިކް ޕޯސްޓް ނިޒާމުގެ އިތުރު ސްޓޭޝަން މާލެއާ ހުޅުމާލޭގައި އަވަސް މުސްތަގުބަލެއްގައި ގައިމު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެކުންފުނިން ބުންޏެވެ.

ޕޯސްޓް އޮފީހުން ބުނީ އެ މަސައްކަތުގެ ދަށުން ކައިރި މުސްތަގުބަލެއްގައި ހުޅުމާލޭގައި ޕިކް ޕޯސްޓް ސްޓޭޝަނެއް ގާއިމު ކުރާނެކަމަށެވެ.

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް އިން ސެލްފްސާވިސްގެ ހިދުމަތް ފަށައި ފުރަތަމަ ޕިކް ޕޯސްޓް ސްޓޭޝަނެއް ގާއިމު ކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ނުވަ ވަނަ ދުވަހުއެވެ.

comment ކޮމެންޓް