އުރީދޫގެ ސީއެފްއޯ އަކަށް މެލޭޝިޔާގެ ބޭފުޅަކު ހަމަޖައްސައިފި

އުރީދޫގެ ޗީފް ފައިނޭންޝަލް އޮފިސަރ --- ތަވަބަލަން ޕޫބަލަސިންހަމް --ފޮޓޯ / އުރީދޫ

އުރީދޫގެ ޗީފް ފައިނޭންޝަލް އޮފިސަރ (ސީއެފްއޯ)ގެ މަގާމަށް މެލޭޝިޔާގެ ތަވަބަލަން ޕޫބަލަސިންހަމް އައްޔަނުކޮށްފިއެވެ.

ތަވަބަލަން އެ މަގާމަށް އައްޔަން ކުރެއްވިއިރު ވަތަނިއްޔާ އިންޓަނޭޝަނަލް އެފްޒެޑް-އެލްއެލްސީ ގެ ފަރާތުން ބޯޑު ޑައިރެކްޓަރުގެ މަގާމަށް އައްޔަން ކުރައްވާފައިވެސް ވަނީ އޭނާއެވެ.

އެސޯސިއޭޝަން އޮފް ޗާޓާޑް ސަރޓިފައިޑް އެކައުންޓަންޓްސް (އޭސީސީއޭ) ގެ މެންބަރުކަންވެސް ކުރައްވާ ތަވަބަލަން އަކީ މުވާސަލާތީ ދާއިރާގައި 17 ހަރުގެއަ ތަޖުރިބާ ލިބިފައިވާބޭފުޅެކެވެ. އަދި ތަވަބަލަން އުރީދޫ މޯލްޑިވްސް އާއި ގުޅިވަޑައިގަތުމުގެ ކުރިން މަސައްކަތް ކުރައްވާފައިވަނީ އުރީދޫ މިޔަންމަރގެ ފައިނޭންޝަލް ކޮންޓްރޯލަރުގެ މަގާމުގައި ކަމަށްވެސް ރާއްޖޭގެ އެންމެ ބޮޑު އެއް މުވާސަލާތީ ކުންފުނިން ވަނީ ބުނެފައެވެ.

ތަވަބާލަން ޕޫބަލަސިންހަމް ސީއެފްއޯގެ މަގާމަށް ހަމަޖައްސާފައިވަނީ ކުރީގެ ސީއެފްއޯ ރަމަނަތަން ސިވަކުމާރް އެމަގާމުން އިސްތިއުފާ ދިނުމާ ގުޅިގެން ކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.

އުރީދޫއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުރީގެ ސީއެފްއޯ އަދި އެކްޒެކެޓިވް ޑައިރެކްޓަރުގެ މަޤާމުގައި ރަމަނަތަން ހުންނެވިއިރު އޭނާ ވަނީ ކުންފުނީގެ ކާމިޔާބީތަކާއި ކުރިއެރުމުގައި ވަރަށް މުހިއްމު ދައުރެއް އަދާކޮށްފައި ކަމަށެވެ.

އުރީދޫ އިން ބުނީ އަލަށް އައްޔަން ކުރެވުނު ސީއެފްއޯއާ އެކު އެކުންފުންޏަށް އިތުރު ކާމިޔާބީތަކެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

comment ކޮމެންޓް