ޒިޔަތަށް ނުކުރާ ތުހުމަތަކަށް ދައުވާކޮށްފައިވާތީ ދައުވާ ބާތިލުކޮށްދިނުމަށް އެދިއްޖެ

އަބްދުﷲ ޒިޔަތު ކްރިމިނަލް ކޯޓަށް ހާޒިރު ކުރަނީ --- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްސަލަ ތަހްގީގްކުރި އިރު އޭނާގެ މައްޗަށް ހިޔާނާތުގެ ކުށުގެ ތުހުމަތު ނުކޮށް ދައުވާކުރި އިރު ހިޔާނާތުގެ ދައުވާކޮށްފައި ވާތީ، ދައުވާތައް ބާތިލްކުރުމަށް އޭނާގެ ވަކީލުން ކޯޓުގައި އެދެފި އެވެ.

ޒިޔަތުގެ މައްޗަށް އުފުލާފައިވާ ހިޔާނާތުގެ 30 ދައުވާގެ ތެރެއިން މިއަދު އޮތީ 15 ދައުވާއެއްގެ އިބްތިދާއީ އަޑުއެހުމެވެ. މީގެ ކުރިން ވަނީ 15 ދައުވާގެ އިބްތިދާއީ އަޑުއެހުން ބާއްވައިފަ އެވެ.

މިއަދު ކުރިއަށް ގެންދިޔަ އިބްތިދާއީ އަޑުއެހުމުގައި ދައުލަތުން ވަނީ މައިގަނޑު ދެ ކަމެއް ފާހަގަކޮށްފަ އެވެ. އެއީ ދައުލަތުން ޒިޔަތާ ދެކޮޅަށް ހެކިބަސް ދިނުމަށް ހުށަހަޅާފައިވާ ހުރިހާ ހެކިން ސިއްރު ކުރުމަށާއި ހެކި ރައްކާތެރިކޮށްދިނުމުގެ އަމުރެއް ނެރެދިނުމަށެވެ. އަދި އެކަމަށް ޒިޔަތުގެ ވަކީލް ދެކޮޅު ހައްދަވާފައެއް ވެސް ނުވެ އެވެ. ނަމަވެސް ޒިޔަތުގެ މައްޗަށް އުފުލާފައިވާ ދައުވާއާ މެދު އޭނާގެ ވަކީލް އަހްމަދު ޔާމީން ސުވާލު އުފައްދަ އެވެ.

ޒިޔަތުގެ ވަކީލް ވިދާޅުވީ އޭނާގެ މުވައްކިލު ހައްޔަރުކޮށް ތަހްގީގް ނިމުނު އިރު ވެސް ކޮށްފައި ވަނީ ސައްހަ ލިޔުމެއް ބަދަލުކޮށް މަކަރުން ކަމެއް ކުރުންފަދަ ތުހުމަތު ކަމަށެވެ. އެހެން ކަމުން ޒިޔަތުގެ މައްޗަށް ހިޔާނާތުގެ ދައުވާ ނުކުރެވޭނެ ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ.

ޒިޔަތުގެ ވަކީލަށް ރައްދުދެއްވައި ދައުލަތުގެ ވަކީލާ ވިދާޅުވީ ފުލުހުން ތަހްގީގް ފެއްޓުމުގެ ކުރިން ޒިޔަތުގެ މައްޗަށް ކުރާ ތުހުމަތުތައް އޭނާއަށް ކިޔައިދީފައިވާ ކަމަށާއި އޭގެ ތެރޭގައި ފައިސާއަށް ހިޔާނަތްތެރިވުމުގެ ތުހުމަތުކޮށްފައިވާ ކަމަށެވެ. އަދި އެކަން ސާބިތުކުރުމަށް ފުލުހުންގެ ތަހްގީގް ވީޑިއޯތައް ހުށަހަޅާފައިވާނެ ކަމަށް ވެސް ވަކީލާ ވިދާޅުވި އެވެ.

ޒިޔަތުގެ ފަރާތުން ދެން ހުށަހަޅާފައި ވަނީ މައްސަލައިގެ ލިޔެކިޔުންތައް ހަވާލަކުރިތާ 70 ދުވަސް ފާއިތުވެފައިވާ އިރު ޝަރީއަތުގެ އަޑުއެހުމެއް ބޭއްވެފައިނެތުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފު ކަމެއް ކަމަށެވެ. އެކަމަށް ރައްދު ދެއްވައި ދައުލަތުގެ ވަކީލާ ވިދާޅުވީ ޒިޔަތު ހައްޔަރުކޮށްފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ކަމަށާއި އެހެން ކަމުން ޖިނާއީ އިޖުރާއަތުގެ ގާނޫނު އެ މުއްދަތުގައި ހިގާފައިވާ ކަމަކަށް ނުބެލެވޭނެ ކަމަށެވެ.

ދައުވާތަކުގެ އަޑުއެހުންތައް ފެށުމުގެ ކުރިން ދެ ފަރާތުން ހުށަހެޅި ކަންކަމާ ގުޅޭ ގޮތުން ގެތެއް ނިންމުމަށް މި މަހުގެ 15 ވަނަ ދުވަހު އަޑުއެހުމެއް ބާއްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

ޒިޔަތުގެ މައްޗަށް ޚިޔާނާތުގެ ދައުވާ އުފުލާފައި ވަނީ ޓޫރިސްޓް ރިސޯޓް ތަރައްގީކުރަން އެމްއެމްޕީއާރްސީން ދޫކުރި ރަށްތަކާއި ފަޅުތަކުގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބުނު ފައިސާތަކަށް ޚިޔާނާތްތެރިވި ކަމަށް ތުހުމަތު ކުރެވޭތީ އެވެ.

ޚިޔާނާތުގެ މައްސަލައެއް ސާބިތުވެ ޒިޔަތު މިހާރުވެސް އަންނަނީ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެއީ ޅ. މާބިންހުރާގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރަން ހަވާލުކުރި ކުންފުނިން އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ދިން އެއް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވެފައިވާކަން ސާބިތުވުމާ ގުޅިގެންނެވެ.

comment ކޮމެންޓް