އިސްލާމްދީނާއި އޭނާއާ ދެމެދުގެ ގުޅުން ފައްކާކުރީ މާތްﷲ ގެ ވަހްދާނިއްޔަތެވެ.

19 ޑިސެމްބަރ 2017: ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބަތުގައި ބޮޑު ޖަމާއަތުގައި ކުރި ނަމާދު-- ސަން ފޮޓޯ: މުޙައްމަދު އަފްރާޙް
  • އަސްލު ލިޔުއްވީ: އިމްތިޔާޒު އަހްމަދު އަލްމަދީނަތުލް މުނައްވަރާ
  • ތަރުޖަމާ: ޢަބްދުﷲ ފާރޫޤު ޙަސަން

1980 ވަނަ އަހަރުގެ ޙާދިޘާއެކެވެ. އެދުވަސްވަރު އަޅުގަނޑު މަސައްކަތްކުރީ ވޮޝިންޓަން ޑީ.ސީ.ގެ ކައިރީގައި އޮންނަ އަސްކަރީ ކޭމްޕެއްކަމުގައިވާ ފޯޓްމެޑުގައެވެ. އަޅުގަނޑުގެ އަންހެނުންނަކީ އެތާގެ އަސްކަރީ ހަސްފަތާލުގެ ޑޮކްޓަރެކެވެ. އަޅުގަނޑުގެ މަސްއޫލިއްޔަތަކީ ފޯޓްމެޑް ހައިސުކޫލުގެ ނުވަވަނަ ކިލާހުން ފެށިގެން ބާރަވަނަ ކިލާހާ ހަމަޔަށް ހިސާބު ކިޔަވައި ދިނުމެވެ. އަޅުގަނޑު ދުވާލަކު ފަސްގަޑިއިރު ކިޔަވައިދެމެވެ. ޖޭމްސްއަކީ އެއިން ކިލާހެއްގެ ދަރިވަރެއްނޫނެވެ.

ޖޭމްސް އެއްދުވަހަކު އަޅުގަނޑުގެ ދަރިވަރަކުގާތު ބުންޏެވެ. އަހަންނަށް މިސްޓަރ އަޙްމަދާ ބައްދަލުވެވޭނެގޮތް ހަދައިދީފާނުހެއްޔެވެ؟ އެދަރިވަރު އަޅުގަނޑު ގާތު އެ ވާހަކަ ބުންޏެވެ. އަޅުގަނޑު ވަރަށް ފަސޭހަގޮތަކަށް އަޅުގަނޑާ ބައްދަލުވެވޭވެގޮތް ޖޭމްސްއަށް ހަމަޖައްސައިދިނީމެވެ. ޖޭމްސް އަޅުގަނޑާ ބައްދަލުވާން އައިސް އެންމެ ފުރަތަމަވެސް ސުވާލުކުރާންފެށީ އިސްލާމްދީނާ ބެހޭގޮތުންނެވެ. އަޅުގަނޑު ކުރުގޮތަކަށް އެސުވާލުތަކުގެ ޖަވާބުދިނީއެވެ. ހަމައެއާއެކު ޖޭމްސްއާ ސުވާލުކުރީމެވެ. ތިޔައީ ތިމާވެށީގެ ޢިލްމުގެ ކޯހާ ބެހޭ ސުވާލުތަކެއްހެއްޔެވެ؟ ޖޭމްސް ޖަވާބުދިނެވެ. ނޫނެކެވެ. މީގެ ހަފުތާއެއްހައި ދުވަސްކުރީން އަޅުގަނޑަށް އިސްލާމްދީނާ ބެހޭ ފޮތެއް ފެނުނެވެ، ސުކޫލުގެ ލައިބްރަރީންނެވެ. އެފޮތް ކިޔައިލުމުން އަޅުގަނޑުގެ ހިތުގައި އިސްލާމްދީނާމެދު ޝައުޤުވެރިކަންއުފެދުނީއެވެ.

އަޅުގަނޑު ޖޭމްސްގާތު ބުނީމެވެ. މިޤައުމުގެ ސަރުކާރު ސުކޫލުތަކުގައި އެއްވެސް ދީނަކާ ބެހޭގޮތުން ތަފްސީލުކޮށް ވާހަކަދެއްކުމަކީ މަނާކަމެކެވެ. އެހެންކަމުން ރަނގަޅުވާނީ އަހަރެން ދެމީހުން ސުކޫލުގެ ބޭރުން ފާސްޓްފުޑް ރެސްޓޯރަންޓަކުން ބައްދަލުވުމެވެ. އެތާނގައިތިބެ ޚިޔާލު ބަދަލުކޮށްލުމެވެ. އަޅުގަނޑުމެން ދެމީހުން ބައްދަލުވާނެދުވަހަކާއި ގަޑިޔަކާ ބެހޭގޮތުން އެއްބަސްވީމުއެވެ. އެގޮތުން އަޅުގަނޑާއި ޖޭމްސާ ދެމީހުން އެތައް ބައްދަލުވުންތަކެއް ބޭއްވީމުއެވެ. މާތްﷲގެ ދީލަތިވަންތަކަމުން އެބައްދަލުވުންތަކުގެ ނަތީޖާވެސް ރަނގަޅެވެ.

ޖޭމްސް އަޅުގަނޑުމެންގެ މިސްކިތެއް ބަލައިލާން ދާހިތްވާ ވާހަކަ ބުންޏެވެ. އަޅުގަނޑު ފޯޓްމެޑުގެ ކައިރީގެ ރަށެއްކަމުގައިވާ ލައުރަލްގެ މިސްކިތަށް އޭނާ ގެންދިޔައީމެވެ. އެމިސްކިތަކީ ކުރީގެ ގެއެކެވެ. މުސްލިމުން އެގެ ގަނެގެން މިސްކިތެއްގެ ގޮތުގައި ބޭނުންކުރަނީއެވެ. އަޅުގަނޑުމެން ނަމާދުކުރަނީ ސީދާ މާތްﷲ އަށް ކަން އެނގުމުން ޖޭމްސް ވަރަށް އުފާވިއެވެ. ނަމާދުގައި އެއްވެސް ކަހަލަ މިޔުޒިކެއްގެ އެހީ ނުހޯދާކަމާއި ފުރިހަމަ ހަމަހިމޭންކަމާއި މަޑުމޮޅިކަމާއެކު މާތްﷲގެ ހަޟްރަތަށް ކުއްތަންވެ މުނާޖާ ދަންނަވާކަން އެނގުމުން ވެސް އޭނާ ވަރަށް ހިތްހަމަޖެހުނެވެ. ޖޭމްސްއަށް އަސަރުކުރުވި އެހެނިހެން ސަބަބުތަކަކީ މިސްކިތާއި ނަމާދުގެ ސާދާކަމެވެ. މިސްކިތުގައި އެއްވެސް ކުރެހުމެއްވެސް އެއްވެސް މީހެއްގެ ފޮޓޯ އެއްވެސް ނެތްކަމެވެ. އެހެންކަމުން ޖޭމްސްއަށް ޔަޤީންވީ މުސްލިމުން އަޅުކަންކުރަނީ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަކަށް ނޫންކަމެވެ.

އެދުވަސްވަރު އެތައް ފަހަރަކު އަޅުގަނޑު ހިތަށް އަރަމުން ފައިބަމުންދިޔައެވެ. ޖޭމްސްއަކީ ސޯޅައަހަރުގެ ޒުވާނެކެވެ. އެމެރިކާ ޤާނޫނުގައިވާ ގޮތުން ބާލިޣުނުވާ ކުޑަކުއްޖެކެވެ. އަޅުގަނޑަށް ވިސްނައިލެވުނެވެ. ޖޭމްސްގެ މައިންބަފައިންނަށް އަޅުގަނޑަށް ވަރަށް ބޮޑެތި މައްސަލަތަކެއް ކުރިމަތިކުރުވިދާނެއެވެ. ޚައްޞަކޮށް ފޯޓްމެޑަކީ އަސްކަރީ ކޭމްޕެކެވެ. އެތަނާ ގުޅިގެން ހުންނަނީ ނޭޝަނަލް ސިކިއުރިޓީ އެޖެންސީއެވެ. މުޅި އެމެރިކާގައި ހިނގާ ޖާސޫސީ ހަރަކާތުގެ މަރްކަޒެކެވެ. ޖޭމްސް އަޅުގަނޑުގާތު ބުނެފައިވާގޮތުގައި އޭނާގެ ބައްޕަޔަކީ ނޭޝަނަލް ސިކިއުރިޓީ އޭޖެންސީގެ އޮފިސަރެކެވެ. އެހެންކަމުން ކޮންމެފަދަ ކަމަކާވެސް އަޅުގަނޑަށް ކުރިމަތިލާން ޖެހިދާނެއެވެ. މިހުރިހާ ކަމެއް އަޅުގަނޑުގެ ސިކުނަޑިޔަށް އުނދަގޫ ކުރަމުންގެންދިޔައެވެ. ކޮންމެވެސް ވަރަކަށް ފިކުރުބޮޑުވެސްކުރުވައެވެ.

އަޅުގަނޑާއި ޖޭމްސްއާ ދެމީހުން އާދައިގެ މަތީން ބައްދަލުވަމުން ގެންދިޔައީމުއެވެ. އެއްދުވަހަކު ޖޭމްސް އަޅުގަނޑު ގާތު ބުނެފިއެވެ. " އަޅުގަނޑު އިސްލާމްވާން ބޭނުމެވެ." އަޅުގަނޑު ބުނީމެވެ. އިސްލާމްވުމަކީ ވަރަށް ސާދާ އަދި ވަރަށް ފަސޭހަކަމެކެވެ. އެހެންކަމުން އިސްލާމްވެވިދާނެއެވެ. އެކަމަކު އިސްލާމްވުމަށްފަހު އަލުން ކުފުރުވުމަކީ މާތްﷲ ގެ ޙަޟުރަތުގައި ވަރަށްބޮޑު ފާފައެކެވެ. އެކަލާނގެ ރުހިވޮޑިނުގަންނަވާކަމެވެ. އެހެންކަމުން ރަނގަޅުވާނީ އަދިވެސް އިތުރަށް އިސްލާމްދީން އުނގެނުމެވެ. ދީނާމެދު ފިކުރުހިންގައި ހިތުގައި އުފެދޭ ސުވާލުތަކުގެ ޖަވާބުހޯދުމެވެ. އިސްލާމްދީން ހިތުގައި ފުރިހަމަޔަށް ބިންވަޅުނެގި، ދީނާމެދު ޔަޤީންކަން ލިބޭންދެން މަޑުކުރުމެވެ.

ހަފްތާއެއްހައި ދުވަސްވެސްނުވަނީވެސް ޖޭމްސް އަނެއްކާވެސް އިސްލާމްވާން އެދިވާހަކަ ދައްކަންފަށައިފިއެވެ. އެފަހަރު އަޅުގަނޑު އޭނާޔަށް ޝަހާދަތުގެ ދެކަލިމަފުޅު ކިޔައިދީފީމެވެ. މާތްﷲގެ ރަޙްމަތްފުޅުން އޭނާ އިސްލާމްވެއްޖެއެވެ. ޖޭމްސް އިސްލާމްވުމުން އަޅުގަނޑުމެން ދެމީހުންގެ ކޮނޑުގައި އިތުރު އެތައް ޒިންމާއެއް އެޅުނެވެ. އެގޭތެރެއިން އެއްކަމަކީ ކޮންމެ އާދީއްތަ ދުވަހަކު ޖޭމްސް އޭނާގެ ގެއިން މިސްކިތަށް ގެނައުމެވެ. އެހެނިހެން މުސްލިމުންނާއެކު މެންދުރުނަމާދުކުރުމަށްޓަކައެވެ. އަޅުގަނޑު ކޮންމެ އާދީއްތަ ދުވަހު މެންދުރު ނަމާދަށްފަހު އޭނާއަށް އަލިފުބާ ދަސްކޮށްދޭންވެސް ފަށައިފީމެވެ. ޖޭމްސް އަލިފުބާ ދަސްކުރާން ވަރަށް ޝައުގުވެރިވިއެވެ. މާގިނަ ދުވަހެއްނުވެ އޭނާ ޢަރަބިބަހުން ޤުރްއާންކިޔަވާން ފަށައިފިއެވެ. އެނާ ވަރަށް އަވަހަށް ބަންގިވެސް ދަސްކޮށްފިއެވެ. މިސްކިތުގެ މުދިމަކަށް ވެއްޖެއެވެ. އައުމުސްލިމަކު ބަންގިދިނުމަކީ ވަރަށް އަސަރުގަދަކަމެކެވެ.

އާދައިގެ މަތީން އެއްދުވަހަކު އަޅުގަނޑު ޖޭމްސް ބަލައި އޭނާގެ ގެއަށް ހިނގައްޖައީމެވެ. އޭނާ ބޭރަށް ނިކުތްތަން ފެނިފައި އަޅުގަނޑު ވަރަށްބޮޑަށް ސިހުނެވެ. ޖޭމްސް ހުރީ ރީތި ޢަރަބި ހެދުމެއްގައެވެ. ޖޭމްސްގެ އަވަށްޓެރި ކިޔަވާކުދިންނާއި، އޭނާގެ މައިންބަފައިން ކުރީއްސުރެ އަންނަނީ އަޅުގަނޑާއި ޖޭމުސްއާބެހޭގޮތުން ޗުކުޗުކުއަޅުވަމުންނެވެ. އެހެންކަމުން އޭނާ އަޅުގަނޑުގެ ކާރުގެ ކައިރިއަށް އައުމުން ބޭއިޚްތިޔާރުގައި އަޅުގަނޑު އޭނާއާ ދިމާޔަށް ބުނެފީމެވެ. " ޖޭމްސްއެވެ. ހެދުން ބަދަލުކުރުމުގެ ބޭނުމެއްނެތެވެ. އެމެރިކާމީހުންގެ ޢާއްމު ހެދުމުގައިވެސް ނަމާދުކުރެވިދާނެއެވެ." އަޅުގަނޑު ޖެހިލުންވީކަން ޖޭމްސް ވަގުތުން ވިސްނައިގަތެވެ. އޭނާ އަޅުގަނޑާ ދިމާޔަށް ބުންޏެވެ. "ސާރ އަޙްމަދެވެ. ސާރގެ އީމާން ވަރަށް ބަލިކައްޓެވެ." އަޅުގަނޑު އޭނާއާ ސުވާލުކުރީމެވެ. " ތިޔަ ހެދުމުގައި ހުއްޓައި ފެނުމުން ބައްޕަމެން ނުޤަބޫލުވެއެއް ނުލައްވާހެއްޔެވެ؟ އޭނާ ޖަވާބުދިނެވެ. "އަޅުގަނޑުގެ ބައްޕަވެސް މަންމަވެސް މިމައްސަލައިގައި އަޅުގަނޑަކާ ނުރުހުންވެވަޑައެއް ނުގަންނަވައެވެ. އަދީ ކީއްތޯއެވެ. އަޅުގަނޑުގެ މަންމަ ކޮންމެ ދުވަހަކު އެހެން މީހުންނާ ވަކީން އަޅުގަނޑަށް ހަލާލު ކާއެއްޗެހި ތައްޔާރުކޮށްދެއްވައެވެ. އެވާހަކަ އިވުމުން އަޅުގަނޑަށް އާހިތްވަރެއް ލިބުނެވެ. މާތްﷲ ސުބްޙާނަހޫ ވަތައާލާއަށް ޝުކުރުދެންނެވީމެވެ.

(ނުނިމޭ)

comment ކޮމެންޓް