މުޖޭ އަދި އައްމަޑޭ ވެސް މާޒިޔާ އަށް

މުޖްތާޒް މުހައްމަދު(މުޖޭ)(ކ) އާއި އަހުމަދު ހަސަން (އައްމަޑޭ) މާޒިޔާ އަށް ސޮއި ކުރުމުގެ ތެރެއިން-- ފޮޓޯ: މާޒިޔާ

އަންނަ ސީޒަނަށް ޓީމު އިތުރަށް ވަރުގަދަ ކުރުމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ކްލަބުން އަހުމަދު ހަސަން (އައްމަޑޭ) އަދި މުޖްތާޒު މުހައްމަދު (މުޖޭ) އެ ކްލަބަށް ގެނެސްފިއެވެ.

ނިމުނު ސީޒަނުގައި ގްރީން ސްޓްރީޓްސް މެދުތެރެއިން މޮޅު ކުޅުމެއް ދެއްކި އައްމަޑޭ އަކީ 2016 ވަނަ އަހަރު ވިކްޓަރީ އިން ވިދާލި ކުޅުންތެރިޔެކެވެ. އޭނާގެ މޮޅު ކުޅުމުގެ ސަބަބުން މިދިޔަ އަހަރު އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރި ގްރީން އިން ވަނީ އޭނާ އެ ކުލަބަކަށް ގެނެސްފައެވެ.

މުޖޭ އެންމެ ފުރަތަމަ ފެނިގެން ގޮސްފައިވަނީ ކްލަބް ވެލެންސިއާ އިންނެވެ. އެއީ 2013 އަދި 2014 ވަނަ އަހަރުއެވެ. އޭގެ ފަހުން ވޭތުވެދިޔަ ތިން އަހަރުވެސް ކުޅެފައިވަނީ ކްލަބް އީގަލްސް އަށެވެ. އެގޮތުން 2016 ވަނަ އަހަރު އީގަލްސް އިން ޕްރެޒިޑެންޓްސް ކަޕް ކާމިޔާބު ކުރި އިރު، މުބާރާތުން އެންމެ ވިދާލި އެއް ކުޅުންތެރިޔަކީ މުޖޭ އެވެ. މީގެ އިތުރުން އޭނާ ވަނީ ގައުމީ ޓީމަށާއި ގައުމީ 23 އަހަރުންގެ ދަށުގެ ޓީމަށް ވެސް ކުޅެދީފައެވެ.

މާޒިޔާއިން ދަނީ އެ ކްލަބުގެ މުހިންމު ކުޅުންތެރިންތަކެއްގެ ކޮންޓްރެކްޓް ވެސް އާކުރަމުންނެވެ. މާޒިޔާގެ ކޮންޓްރެކްޓް އާކުރި ކުޅުންތެރިންގެ ތެރޭގައި ޒުވާން ގޯލު ކީޕަރު ހުސައިން ޝަރީފް އާއި، ޔަސްފާދު ހަބީބު (މުލަކޭ)އާއި މުހައްމަދު އިރުފާން (އިރޭ) އަދި ސަމޫހު އަލީ (ސަމުއްޓޭ) ފާހަގަކޮށްލެވެ އެވެ. އޭގެ އިތުރުން ޔޫތު ޗެމްޕިއަންޝިޕްގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނުނު މާޒިޔާގެ އަބްދުﷲ ޖުނައިދު (ޖޭންނޭ) ވެސް ވަނީ ސީނިއާ ޓީމަށް ސޮއިކޮށްފަ އެވެ.

ކުރިއަށްއޮތް ސީޒަނަށް މާޒިޔާއިން ހޯދި އެންމެ މުހިންމު ކުޅުންތެރިޔަކީ ފާއިތުވެދިޔަ ދެ ސީޒަނުގައި ޓީސީ ސްޕޯޓްސް ކްލަބުން ވިދާލި ހަސަން ނާއިޒް (ދާދު) އެވެ. އޭނާއަކީ މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގައި އެންމެ އުންމީދީ ކުޅުންތެރިޔަކަށް ހޮވުނު ކުޅުންތެރިޔާ އެވެ.

މާޒިޔާ ދޫކޮށްދިޔަ އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިޔަކީ ފާއިތުވެދިޔަ ތިން ސީޒަނުގައި އެ ކްލަބުގައި ހޭދަކުރި ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އުމައިރު އެވެ. މާޒިޔާ ދޫކޮށް އުމައިރު ގުޅިފައިވަނީ އޭނާ ކުރިން ވެސް ކުޅުނު ކްލަބެއް ކަމަށްވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ އެވެ. އުމައިރު ވަނީ 2013 ވަނަ އަހަރު ނިއުއިން ސީޒަނުގެ ހުރިހާ މުބާރާތެއް ކާމިޔާބުކުރި އިރު، އެ ޓީމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ.

comment ކޮމެންޓް