ބެންޒެމާ އަނިޔާގައި، ޒިދާނަށް ހިތްހަމަޖެހުން

ރެއާލް މެޑްރިޑްގެ ފޯވާޑް ކަރިމް ބެންޒެމާ -- ފޮޓޯ: އޭޕީ

ލަދުވެތި ގޮތަކަށް ވާދަވެރި ބާސެލޯނާ އަތުން 0-3 އިން ބަލިވި މެޗުގައި ރެއާލް މެޑްރިޑްގެ ފޯވާޑް ކަރިމް ބެންޒެމާ އަރިކައްޓަށް ލިބުނު އަނިޔާގެ ސަބަބުން ތިން ހަފްތާއަށް ކުޅުމާ ދުރަށް ދާން ވަނީ ޖެހިފައެވެ.

މީގެ ސަބަބުން އޭނާ އަށް ފުރަތަމަ އެގާރައިން ޖާގަދިނުމަށް ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާން އަށް ކުރިމަތިވަމުން އައި ޕްރެޝަރު މިވަނީ ކުޑަވެފައެވެ.

ބާސާ އާ ދެކޮޅަށް ދެއްކި ދަށް ކުޅުމުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވަމުން އާއި ބެންޒެމާއަށް މި ސީޒަނުގައި މާ އެދެވޭ ކުޅުމެއް ދެއްކޭ ގޮތްވަނީ ނުވެފައެވެ. ނަމަވެސް ޒިދާން ވަނީ ބެންޒެމާ އަށް އިތުބާރުކޮށް ރެއާލްގެ ގިނަ މެޗުތަކުގައި ފުރަތަމަ އެގާރައިން ޖާގަ ދީފައެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ބެންޒެމާ މި މަހުގެ ފަހު އަނިޔާއިން އެނބުރި އައުމުން ޓީމުން ޖާގަ ދޭނެއެވެ. ނަމަވެސް ރެއާލް އިން ދަނީ ބެންޒެމާ އާ ވާދަކުރާނެ އިތުރު ސްޓްރައިކަރެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެ ކުޅުންތެރިޔާ ރެއާލް އަށް ގެންނާނީ މި ޓްރާންސްފާ މާކެޓުގައި ކަމެއް ނޫނީ އަންނަ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި ކަމެއް އަދި ޔަގީނެއް ނޫނެވެ.

ބެންޒެމާއަށް ނުކުޅެވުމުން އެކަމުގެ ފައިދާ އެންމެ ބޮޑަށް ކުރާނީ ގަރެތު ބޭލް އަށާއި އިސްކޯގެ އިތުރުން މާކޯ އަސެންސިއޯ އަށެވެ.

comment ކޮމެންޓް