އާންމު ސިއްހަތަށް ވިސްނައި، ފްރާންސްގެ ސްކޫލުތަކުގައި މޮބައިލް ފޯނު މަނާ ކުރަނީ

ކުދިންގެ އާންމު ސިއްހަތަށް ވިސްނާފައި މި އަހަރު ފްރަންސްގެ ސްކޫލުތަކުގައި މޮބައިލްފޯނު ބޭނުންކުރުން މަނާކުރާނެ ކަމަށް އެ ގައުމުގެ އެޑިއުކޭޝަން މިނިސްޓަރު ޖީން މައިކަލް ވިދާޅުވެއްޖެއެވެ.

މި ފެށުނު 2018 ވަނަަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން މި ގަވައިދު ތަންފީޒު ކުރަން ނިންމާފައިވާއިރު ޕްރައިމަރީ ސްކޫލުތަކާއި ސެކަންޑްރީ ސްކޫލުގެ ދަރިވަރުންނަށްވެސް ސްކޫލުތެރޭ ފޯނު ބޭނުން ކުރުން މަނާކުރާނެއެވެ.

މިހާރުވެސް ފްރާންސްގެ ކްލާސްރޫމްތަކުގައި މޮބައިލް ފޯނު ބޭނުންކުރުމަކީ މަނާ ކަމެކެވެ. ނަމަވެސް ސެޕްޓެމްބަރުން ފެށިގެން ކްލާސްރޫމްތަކުގެ އިތުރުން ކޮރިޑޯތެރޭގައްޔާއި ބްލޭކް، ލަންޗް ގަޑިތަކުގައިވެސް މޮބައިލްފޯނު ބޭނުންކުރުން މަނާކުރާނެއެވެ.

ފްރާންސްގެ ސްކޫލު ދަރިވަރުންގެ ތެރެއިން 12 އަހަރާއި 17 އަހަރާ ދެމެދުގެ 93 ޕަސެންޓް ކުދިންނަކީ މޮބައިލް ފޯނު ގެންގުޅޭ ކުދިންނެވެ.

"ކުދިންނަށް ލިބޭ ހުސްވަގުތު ތަކުގައި ފިޒިކަލް އެކްޓިވިޓީތަކުގައި ނޫޅެ ކޮންމެ ކުއްޖަކުވެސް އިންނަނީ ފޯނާ ކުޅެން. ތައުލީމީ ނަޒަރަކުން ބަލާއިރު މިއީ އެހާ ރަނގަޅު ކަމެއް ނޫން،" ފްރާންސްގެ އެޑިއުކޭޝަން މިނިސްޓަރު ޖީން މައިކަލް ވިދާޅުވިއެވެ.

"ހުރިހާ އެންމެން ގުޅިގެން މަސައްކަތް ކުރަން އެބަޖެހޭ ކްލާސްރޫމްތަކުގައި އަދި ސްކޫލުގައިވެސް ކުދިންގެ ކޮންސެންޓްރޭޝަން ގެއްލޭ ކަންތަކުން އެކުދިން ރައްކާތެރި ކުރުމަށާއި، ސްކްރީންތަކަށް އަބަދު ބަލަހައްޓައިގެން ތިބޭނަމަ ލޮލަށް ލިބިދާނެ ގެއްލުމަކުން ސަލާމަތް ކުރުމަށް،" ޖީން ވިދާޅުވިއެވެ.

ނަމަވެސް ޓެކްނޮލަޖީގެ މި ޒަމާނުގައި ސްކޫލުތަކުގައި މޮބައިލް ފޯނު މަނާކުރުމަކީ ވާނެކަމެއް ނޫން ކަމަށް ބައެއް ބެލެނިވެރިންނާއި ސްކޫލު ޕްރިންސިޕަލުން ވެސް ދަނީ ބުނަމުންނެވެ.

comment ކޮމެންޓް