ޖީސަސްގެ ކަކުލު ލިގަމެންޓަށް ވަނީ އަނިޔާވެފައި: ސިޓީ

ކްރިސްޓަލް ޕެލަސްގެ ޓައުންސެންޑް ކައިރިން ނައްޓާލުމަށް ސިޓީގެ ޖީސަސް މަސައްކަތްކުރަނީ: ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗުގައި ޖީސަސްއަށް ވަނީ އަނިޔާވެފައި --- ފޮޓޯ/ އޭޕީ

އިނގިރޭސި ޕްރިމިއާ ލީގުގައި ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗުގައި ގެބްރިއަލް ޖީސަސްގެ ކަކުލުގެ ލިގަމެންޓަށް އަނިޔާވެފައިވާކަން މެންޗެސްޓާ ސިޓީން ކަށަވަރުކޮށްދީފި އެވެ.

މިދިޔަ އާދީއްތަ ދުވަހު ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅެ، ލަނޑެއްނުޖެހި އެއްވަރުވި މެޗުގައި ޖީސަސްއަށް އަނިޔާވެފައި ވަނީ ފުރަތަމަ ހާފުގެ ތެރޭގަ އެވެ. އެ މެޗަށް ފަހު ވާހަކަ ދައްކަމުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ، ޖީސަސްއަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާއަށް ދެ މަހެއްހާ ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހިދާނެ ކަމަށެވެ.

ސިޓީން ވަނީ މިހާރު ޖީސަސްއަށް ލިބުނު އަނިޔާގެ ތަފްސީލު ދީފަ އެވެ. ޖީސަސްގެެ ލިގަމެންޓަށް އަނިޔާވެފައިވާ ކަމަށާއި އޭނާ އިތުރު ޓެސްޓުތައް ހަދަން ޖެހޭ ކަމަށް ސިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ޖީސަސް ވަނީ ސޯޝަލް މީޑިއާގައި އޭނާއަށް ލިބުނު އަނިޔާއާ ގުޅިގެން މެސެޖެއް ހިއްސާކޮށްފަ އެވެ. އެ މެސެޖުގައި އޭނާ ބުނެފައި ވަނީ، އަނިޔާ އެހާ ގޯސް ނޫން ކަމަށެވެ.

"މިއަދު އަހަރެން ހެދި ޓެސްޓުތަކުން ދައްކަނީ މީޑިއަލް ކޮލޭޓަރަލް ލިގަމެންޓަށް ކުޑަ އަނިޔާއެއް ވެފައިވާ ކަމަށް. އެހާ ބޮޑު އަނިޔާއެއް ނޫން ކަން އެއީ ނަސީބެއް. އަހަރެން ސާޖަރީއެއް ހަދާކަށް ނުޖެހޭ. ވީހާވެސް އަވަހަކަށް ކުޅުމުގެ ތެރެއަށް އެނބުރި އަންނާނެކަމުގެ ޔަގީންކަން ދެން. އަހަރެންނަށް ސަޕޯޓަރުން ދެމުންދާ ތަރުހީބަށް ޝުކުރު އަދާކުރަން. ބާއްޖެވެރި އާ އަހަރުގެ ތަހުނިޔާ އަރިސްކުރަން،" އޭނާގެ މެސެޖުގައި ބުނެފައިވެ އެވެ.

ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗުގައި ޖީސަސްގެ އިތުރުން ސިޓީގެ ބެލްޖިއަމް މިޑްފީލްޑަރު ކެވިން ޑި ބްރޭނާއަށް ވެސް ވަނީ އަނިޔާވެފަ އެވެ.

comment ކޮމެންޓް