ދަގަނޑޭގެ ދުނިޔޭގެ ރެކޯޑެއް!

އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަންގެ ޕްލޭއޯފްގައި 2016 ވަނަ އަހަރު ލާއޯސްއާ ދެކޮޅަށް ކުޅުނު މެޗުގައި ރާއްޖޭގެ ކެޕްޓަން އަޝްފާގު، ލާއޯސްގެ ކުޅުންތެރިއެއް ކައިރިން ނައްޓާލުމަށް މަސައްކަތްކުރަނީ -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މިހާރު ކުޅެމުންދާ ކުޅުންތެރިންގެ ތެރެއިން މެޗުގެ ނިސްބަތުން ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްދީފައިވާ ކުޅުންތެރިންގެ ލިސްޓުގެ އެއްވަނާގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ހިމެނިއްޖެ އެވެ.

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަދި ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްދީފައިވާ ކުޅުންތެރިޔާ، ދަގަނޑޭ ހިމެނިފައިވާ އެ ލިސްޓަކީ އިންޑިއާގެ 'ޓައިމްސް ނައު ނިއުސް'އިން އާންމުކުރި ލިސްޓެކެވެ.

ގައުމީ ޓީމަށް ކުޅުނު 78 މެޗުން 52 ލަނޑު ޖެހި ދަގަނޑޭއަށް އެ ލިސްޓުގެ އެއްވަނަ ލިބެނީ ނިސްބަތުން މެޗަކަށް 0.67 ލަނޑު ޖަހައިގެންނެވެ. ދަގަނޑޭއާ އެންމެ ގާތުން ވާދަކުރަނީ ބްރެޒިލް ތަރި ނޭމާ އެވެ. ބްރެޒިލް ގައުމީ ޓީމަށް ކުޅުނު 83 މެޗުން 53 ލަނޑު ޖެހި ނޭމާ، ނިސްބަތުން 0.64 ލަނޑު ޖަހާފައިވާ ކަމަށް ތަފާސް ހިސާބުތައް ދައްކަ އެވެ.

އިންޑިއާގެ 'ޓައިމްސް ނައު ނިއުސް'އިން އާންމުކުރި ލިސްޓު ---

އެ ލިސްޓުގެ ތިންވަނާގައި ސްޕެއިން ގައުމީ ޓީމަށް 98 މެޗުން 59 ލަނޑު ޖެހި މިޑްފީލްޑަރު ޑޭވިޑް ސިލްވާ ހިމެނޭ އިރު، ހަތަރުވަނާގައި ހިމެނެނީ ބޮސްނިއާ އެންޑް ހެޒެގޮވީނާ ގައުމީ ޓީމަށް 89 މެޗުން 52 ލަނޑު ޖެހި އެޑިން ޖެކޯ އެވެ.

މެޗުގެ ނިސްބަތުން ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ ގަދަ ދިހައެއްގައި އިންޑިއާގެ ސުނިލް ޗެތުރީ ވެސް ހިމެނެ އެވެ. އޭނާ ހިމެނެނީ އެ ލިސްޓުގެ ފަސްވަނާއިގަ އެވެ. އެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، އިންޑިއާ ގައުމީ ޓީމަށް 97 މެޗުން 56 ލަނޑު ޖެހި ޗެތުރީ، ނިސްބަތުން މެޗަކަށް 0.58 ލަނޑު ޖަހާފައިވެ އެވެ.

ގަދަ ދިހައެއްގައި ދެން ހިމެނެނީ ޕޮލެންޑް ފޯވަޑް ރޮބާޓް ލެވަންޑޯސްކީ އާއި ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއާއި އާޖެންޓީނާގެ ތަރި ލިއޮނެލް މެސީއާއި ގާނާގެ އަސަމޮއާ ޖިއާންގެ އިތުރުން އެމެރިކާގެ ކްލިންޓް ޑެމްޕްސީ އެވެ.

comment ކޮމެންޓް