މާޒިޔާއާ އެކު ގައުމީ ޓީމު ކީޕަރު ހުސައިން ހަދާފައިވާ ކޮންޓްރެކްޓް އާކޮށްފި

މާޒިޔާގެ ކޮންޓްރެކްޓް އާކުރި ޒުވާން ކީޕަރު ހުސައިން ޝަރީފް --- ފޮޓޯ/ މާޒިޔާ

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއެކު ގައުމީ ފުޓްބޯޅަ ޓީމުގެ ޒުވާން ގޯލްކީޕަރު ހުސައިން ޝަރީފް ހަދާފައިވާ ކޮންޓްރެކްޓް އާކޮށްފި އެވެ.

މާޒިޔާ އިން ބުނީ، ކީޕަރު ހުސައިން މިފަހަރު ކޮންޓްރެކްޓް އާކޮށްފައި ވަނީ ދިގު މުއްދަތަކަށް އެ ކްލަބުގައި މަޑުކުރާ ގޮތަށް ކަމަށެވެ.

މާޒިޔާއާ ހުސައިން ގުޅިފައި ވަނީ 2016 ވަނަ އަހަރު އެވެ. ތަޖުރިބާކާރު ގޯލްކީޕަރުންތަކަކާ އެކު މަސައްކަތްކުރި ހުސައިން ވަނީ އެންމެ ފަހުން އެކުލަވާލި ސީނިއާ ގައުމީ ޓީމުންވެސް ޖާގައެއް ހޯދައިފަ އެވެ. ފާއިތުވެ ދިޔަ ދެ ސީޒަނުގައި ވެސް ހުސައިން ފެނިގެންދިޔައީ މާޒިޔާއިންނެވެ.

ނިމިގެންދިޔަ ސީޒަނުގައި ހުސައިންއަކީ މާޒިޔާ ސީނިއާ ޓީމުގެ ބަދަލު ކީޕަރެވެ. ޒުވާން ކީޕަރު ހުސައިންގެ ކުޅުން އެންމެ ފާހަގަކޮށްލެވުނީ ނިމިގެންދިޔަ ޔޫތު ޗެމްޕިއަންޝިޕްގަ އެވެ. އެ މުބާރާތުގައި ހުނަރުވެރި ކީޕަރު ހުސައިންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ އެވެ.

ކުރިއަށްއޮތް ސީޒަނަށް މާޒިޔާއިން ހޯދި އެންމެ މުހިންމު ކުޅުންތެރިޔަކީ ފާއިތުވެދިޔަ ދެ ސީޒަނުގައި ޓީސީ ސްޕޯޓްސް ކްލަބުން ވިދާލި ހަސަން ނާއިޒް (ދާދު) އެވެ. އޭނާއަކީ މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގައި އެންމެ އުންމީދީ ކުޅުންތެރިޔަކަށް ހޮވުނު ކުޅުންތެރިޔާ އެވެ.

މާޒިޔާއިން ދަނީ އެ ކްލަބުގެ މުހިންމު ކުޅުންތެރިންތަކެއްގެ ކޮންޓްރެކްޓް ވެސް އާކުރަމުންނެވެ. މާޒިޔާގެ ކޮންޓްރެކްޓް އާކުރި ކުޅުންތެރިންގެ ތެރޭގައި ޔަސްފާދު ހަބީބު (މުލަކޭ)އާއި މުހައްމަދު އިރުފާން (އިރޭ) އަދި ސަމޫހު އަލީ (ސަމުއްޓޭ) ފާހަގަކޮށްލެވެ އެވެ. އޭގެ އިތުރުން ޔޫތު ޗެމްޕިއަންޝިޕްގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނުނު މާޒިޔާގެ އަބްދުﷲ ޖުނައިދު (ޖޭންނޭ) ވެސް ވަނީ ސީނިއާ ޓީމަށް ސޮއިކޮށްފަ އެވެ.

މާޒިޔާ ދޫކޮށްދިޔަ އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިޔަކީ ފާއިތުވެދިޔަ ތިން ސީޒަނުގައި އެ ކްލަބުގައި ހޭދަކުރި ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އުމައިރު އެވެ. މާޒިޔާ ދޫކޮށް އުމައިރު ގުޅިފައިވަނީ އޭނާ ކުރިން ވެސް ކުޅުނު ކްލަބެއް ކަމަށްވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ އެވެ. އުމައިރު ވަނީ 2013 ވަނަ އަހަރު ނިއުއިން ސީޒަނުގެ ހުރިހާ މުބާރާތެއް ކާމިޔާބުކުރި އިރު، އެ ޓީމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ.

comment ކޮމެންޓް