އިންޑޮނޭޝިއާގެ ބޯޓެއް ބަންޑުންޖަހާލުމުގެ ސަބަބުން އަށް މީހަކު މަރުވެއްޖެ

އިންޑޮނޭޝިއާގައި ބޯޓެއް ބަންޑުން ޖަހާލުމުގެ ސަބަބުން އަށް މީހަކު ވަނީ މަރުވެފައި -- ފޮޓޯ: ގެޓީ

ޖަކާޓާ (ޖެނުއަރީ 2): ސާޅީސްއަށް މީހުންނާ އެކު ދަތުރު ކުރަމުން ދިޔަ އިންޑޮނޭޝިއާގެ ބޯޓެއް ބަންޑުން ޖަހާލުމުގެ ސަބަބުން އަށް މީހަކު މަރުވެއްޖެ އެވެ.

އަންގޫރާ އެކްސްޕްރެސް ކިޔާ އެބޯޓު ބަންޑުން ޖަހާލީ ބޯނިއޯ ކައިރިން ދަތުރު ކުރަމުން ދަނިކޮށް ކަމަށާއި އެ ހާދިސާ ހިނގި ވަގުތު ބޯޓުގައި ތިބި 13 މީހަކު ހޯދައި ފެނިފައި ނުވާ ކަމަށް އިންޑޮނޭޝިއާގެ ސާޗް އެންޑް ރެސްކިއު އޭޖެންސީން ބުންޏެވެ.

އެ އޭޖެންސީގެ ތަރުޖަމާނު ގަސްތީ އަންވަރު މަލްޔަދީ ވިދާޅުވި ގޮތުގައި ބޯޓު ބަންޑުން ޖަހާލަން މެދުވެރިވި ސަބަބު އަދި ޔަގީންވެފައި ނުވެ އެވެ. ނަމަވެސް ފުލުހުން މިހާރު ދަނީ އެ ހާދިސާ ތަހުގީގު ކުރަމުން ކަމަށް މަލްޔަދީ ވިދާޅުވި އެވެ.

އިންޑޮނޭޝިއާގައި މިދިޔަ އަހަރުގެ ފުރަތަމަ ދުވަހު ވެސް އެފަދަ ހާދިސާއެއް ހިނގާފައިވެ އެވެ. އެގޮތުން ވެރިރަށް ޖަކާޓާ ކައިރިން ދަތުރު ކުރަމުން ދިޔަ ފެރީއެއްގައި ރޯވި އެހާދިސާގައި 20 މީހަކު މަރުވެފައިވެ އެވެ. (އޭޕީ)

comment ކޮމެންޓް