ލުކާކޫ ނުލައި ކުޅުނު މެޗުން މޮޅުވެ، ޔުނައިޓެޑް އަލުން ދެވަނައަށް

އިނގިރޭސި ޕްރިމިއާ ލީގުގައި އެވަޓަން ކޮޅަށް ޔުނައިޓެޑުން ޖެހި ދެވަނަ ލަނޑަށްފަހު، އެ ޓީމުގެ ޕޮގްބާއާއި ލިންގާޑް އުފާފާޅުކުރަނީ: އެ މެޗުން ޔުނައިޓެޑް މޮޅުވީ 2-0 ގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ

އަނިޔާގެ ލިސްޓު ދިގު މެންޗެސްޓާ ޔުނައިޓެޑުން އެވަޓަން އަތުން މޮޅުވެ، އަލުން އިނގިރޭސި ޕްރިމިއާ ލީގު ތާވަލުގެ ދެވަނައަށް ޖެހިލައިފި އެވެ.

ރަށުން ބޭރުގައި ރޭ ކުޅުނު ލީގު މެޗުގައި އެވަޓަންގެ މައްޗަށް ޔުނައިޓެޑުން ކުރި ހޯދީ 2-0ގެ ނަތީޖާއަކުންނެވެ. އެ މެޗަށް ޔުނައިޓެޑުން ނުކުތް އިރު، އަނިޔާގެ ސަބަބުން ނުކުޅެވޭ ކުޅުންތެރިންގެ ލިސްޓުގައި އެ ޓީމުގެ ބެލްޖިއަމް ފޯވަޑް ރޮމެލޫ ލުކާކޫ ހިމެނެ އެވެ. އެންމެ ފަހުން ޔުނައިޓެޑް ކުޅުނު މެޗުގައި އޭނާގެ ބޮލަށް ވަނީ އަނިޔާވެފަ އެވެ.

ޕްރިމިއާ ލީގުގެ ތާވަލުގެ އެއްވަނާގައި އަދި ވެސް އޮތީ މެންޗެސްޓާ ސިޓީ އެވެ. ސިޓީއަށް 21 މެޗުން 59 ޕޮއިންޓް ލިބިފައިވާ އިރު، އަލުން ދެވަނައަށް ޖެހިލި ޔުނައިޓެޑަށް 22 މެޗުން ލިބިފައި ވަނީ 47 ޕޮއިންޓެވެ. ކުޅުނު 21 މެޗުން ލިބުނު 45 ޕޮއިންޓާ އެކު ތާވަލުގެ ތިންވަނާގައި ޗެލްސީ މިވަގުތު އޮތް ނަމަވެސް، މާދަމާ ރޭ ރަށުން ބޭރުގައި އާސެނަލްއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެ ނަމަ، ޗެލްސީއަށް އަލުން ދެވަނަ މަގާމު ލިބޭނެ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު އެވަޓަންގެ ފަރާތުން ނުރައްކާތެރި ކުޅުމެއް ފެނިގެންދިޔަ އެވެ. އެވަޓަނުން ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ވެސް ތަނަވަސްކޮށްފަ އެވެ. ޔުނައިޓެޑުގެ ތާރީހުގައި އެ ކްލަބަށް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްދިން ކުޅުންތެރިޔާ އަދި މިހާރު އެވަޓަނަށް ކުޅެމުންދާ ފޯވަޑް ވޭން ރޫނީ ފޮނުވާލި އެ ހަމަލާ، ނަމެންޔާ މަޓިޗް ގައިގައި ޖެހި ވަނީ ބުލޮކްވެފަ އެވެ.

މެޗުގެ 38 ވަނަ މިނެޓުގައި ޔުނައިޓެޑަށް ލީޑު ހޯދުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ޕެނަލްޓީ އޭރިއާ ބޭރުން ފްރާންސް މިޑްފީލްޑަރު ޕައުލް ޕޮގްބާ ފޮނުވާލި ބާރު ހަމަލާ، އެވަޓަންގެ ޓޮމް ޑޭވިސް ގައިގައި ޖެހިފައި ދިޔައީ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ޔުނައިޓެޑުގެ ކުޅުން ރަނގަޅުކޮށް، އެ ޓީމުން ދިޔައީ އެވަޓަންގެ ގޯލަށް ނުރައްކާކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 57 ވަނަ މިނެޓުގައި ޔުނައިޓެޑުން ވަނީ ލަނޑެއްޖަހައި ލީޑު ހޯދައިފައެވެ. ކައުންޓާ އެޓޭކެއްގައި ޕޮގްބާ ދިން ބޯޅައަކުން ޔުނައިޓެޑަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ފްރާންސް ފޯވަޑް އެންތޮނީ މާޝިއަލް އެވެ.

ގިނަ ހަމަލާތަކަކަށް ފަހު، ޔުނައިޓެޑުން ލީޑު ފުޅާކުރީ މެޗު ނިމެން ނުވަ މިނެޓަށް ވެފައި ވަނިކޮށެވެ. އެވަޓަންގެ މޭސަން ހޮލްގޭޓަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ޕޮގްބާ ދިން ބޯޅައަކުން ޔުނައިޓެޑަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ އިނގިރޭސި މިޑްފީލްޑަރު ޖެސޭ ލިންގާޑެވެ.

ލިވަޕޫލުން ރޭ ރަށުން ބޭރުގައި ބޭންލީއާ ދެކޮޅަށް ކުޅުނު މެޗުން 2-1ގެ ނަތީޖާއަކުން ވަނީ މޮޅުވެފަ އެވެ. އެ މެޗަށް ލިވަޕޫލް ނުކުތީ އެ ޓީމުގެ ސްކޮޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެންނެވެ. އެގޮތުން އެ މެޗުގައި ލިވަޕޫލުގެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ ފިލިޕް ކުޓީނިއޯއާއި މުހައްމަދު ސަލާހު ފެނިފައެއް ނުވެ އެވެ.

އެ މެޗުގެ 61 ވަނަ މިނެޓުގައި ލިވަޕޫލަށް ލީޑު ހޯދައިދިނީ ސާޑިއޯ މާނޭއެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށް ވެފައި ވަނިކޮށް ބާންލީއަށް ޔޯހަން ގުޑްމުންޑްސަން ނަތީޖާ ހަމަހަމަކޮށްދިން ނަމަވެސް، ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައި އެސްޓޯނިއާ ޑިފެންޑަރު ރެގްނާ ކްލެވަން ވަނީ ލިވަޕޫލަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފަ އެވެ.

comment ކޮމެންޓް