އެތުލެޓިކޯއިން ކޮސްޓާ އަށް ހޫނު މަރުހަބާއެއް ކިޔައިފި

ޑިއޭގޯ ކޮސްޓާ އެތުލިކޯ މެޑްރިޑް އަށް އެނބުރި އައުން-- ފޮޓޯ: އޭޕީ

ސްޕެއިންގެ ފޯވާޑް ޑިއޭގޯ ކޮސްޓާ ޗެލްސީ ދޫކޮށް އެނބުރި އެތުލެޓިކޯ މެޑްރިޑަށް ދިއުމުން އެ ކުލަބުން އޭނާ އަށް ހޫނު މަރުހަބާ އެއް ކިޔައިފިއެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކޮސްޓާ އެތުލެޓިކޯ އަށް ސޮއި ކޮށްފައިވާ ކަމަށް ޗެލްސީން ވަނީ ކަށަވަރު ކޮށްދީފައެވެ. ނަމަވެސް ރަސްމީކޮށް އޭނާ އެ ޓީމާ ގުޅިފައިވަނީ މިއަދު ހުޅުވުނު ފިނި މޫސުމުގެ ޓްރާންސްފާ މާކެޓުގައެވެ.

ރަސްމީކޮށް ކޮސްޓާ އެތުލެޓިކޯގެ ސަޕޯޓަރުންނަށް ދައްކާލާފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. ކޮސްޓާ ބުނީ ކުރިއަށް އޮތީ ދަނޑުމަތިން އޭނާ ފެންނާނެ ދުވަސްތައް ކަމަށާއި ފަރިތަކުރުންތަކުގައި އުޅެ އުޅެ ވަރުބަލިވެއްޖެ ކަމަށެވެ.

"އަހަރެން މި ކުލަބަށް އެނބުރި ގެނައުމުގައި ކުލަބުން ކުރި މަސައްކަތް ފާހަގަކޮށް ޝުކުރު އަދާކުރަން. އަހަރެން މިހާރު އެންމެ ބޭނުންވަނީ ކުޅެން ދަނޑުމައްޗަށް އަރަން،" ކޮސްޓާ ބުންޏެވެ.

މި ސީޒަނުގެ ކުރީ ކޮޅު ޗެލްސީގެ ކޯޗު، އެންޓޯނިއޯ ކޮންޓޭގެ ފުރަތަމަ 11އިން ކޮސްޓާއަށް ޖާގަ ނެތްކަމަށް ބުނި ހިސާބުން ފެށިގެން، އޭނާ ވަނީ ޗެލްސީގެ ފަރިތަކުރުންތަކުގައި ބައިވެރިވުން ހުއްޓާލާފައެވެ.

2014 ވަނަ އަހަރު ޗެލްސީ އާ ގުޅުނު ކޮސްޓާ ވަނީ އެ ޓީމަށް މިދިޔަ ސީޒަންގެ ޕްރިމިއަރ ލީގު ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށް، ގިނަ ލަނޑު ތަކެއް ޖަހައިދީފައެވެ.

comment ކޮމެންޓް