ދެކުނު ކޮރެއާއާ ވާހަކަ ދައްކަން ތައްޔާރު: ކިމް ޖޮންގް އުން

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން އާއަހަރުގެ މުނާސަބަތުގައި ދެއްވި ތަގުރީރު -- ފޮޓޯ: ގެޓީ

ސޯލް (ޖެނުއަރީ 1): އުތުރު ކޮރެއާ އޮތީ ދެކުނު ކޮރެއާއާ ވާހަކަ ދައްކަން ތައްޔާރަށް ކަމަށް އުތުރުގެ ލީޑަރު ކިމް ޖޮންގް އުން ވިދާޅުވެއްޖެ އެވެ.

އާ އަހަރު ފެށުމުގެ މުނާސަބަތުގައި ޓީވީ މެދުވެރިކޮށް ދެއްވި ތަގުރީރެއްގައި ކިމް ވަނީ ކޮރެއަން ޕެނިންސުލާގައި އޮތް އަސްކަރީ ނުތަނަވަސްކަން ކުޑަ ކުރުމަށާއި އުތުރާއި ދެކުނުގެ ގުޅުންތައް ރަނގަޅު ކުރަން ގޮވާލައްވައިފަ އެވެ.

"އުތުރާއި ދެކުނުގެ މެދުގައި އޮތް އަސްކަރީ ނުތަނަވަސްކަން ކުޑަކޮށް، ކޮރެއަން ޕެނިންސުލާގައި ސުލްހަވެރި މާހައުލެއް ގާއިމު ކުރަން ޖެހޭ އަދި އެކަމަށް ދެގައުމުން މަސައްކަތް ކުރަން ޖެހޭ،" ކިމް ވިދާޅުވި އެވެ.

އަދި ދެކުނު ކޮރެއާގައި އަންނަ މަހު ބާއްވަން ހަމަޖެހިފައިވާ ވިންޓާ އޮލިމްޕިކްސް އަށް އުތުރު ކޮރެއާގެ ޑެލިގޭޝަނެއް ފޮނުވުމާ ބެހޭ ގޮތުން އެ ގައުމުން ވިސްނަމުންދާ ކަމަށް ވެސް ކިމް ވިދާޅުވި އެވެ.

އުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ޓެސްޓު ކުރަމުން ދިޔުމުގެ ސަބަބުން އދ. އާއި އެމެރިކާ އިން ވަނީ އެގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފަ އެވެ. އޭގެ ސަބަބުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ވަނީ ބަހުގެ ހަމަލާތައް ބަދަލުކުރައްވައިފަ އެވެ.

ކިމްގެ ތަގުރީރުގައި އޭނާ ވަނީ އެގައުމުން އޮތީ ކޮންމެ ވަގުތަކު ވެސް ނިއުކްލިއާ ހަމަލާއެއް ދޭން ތައްޔާރަށް ކަމަށާއި ނަމަވެސް އެފަދަ ހަމަލާއެއް ދޭނީ ގައުމަށް ނުރައްކަލަކާ ކުރިމަތިވުމުން ކަމަށް ވިދާޅުވެފަ އެވެ. އަދި އެމެރިކާގެ އަމަލުތަކަކީ "ކޮރެއަން ޕެނިންސުލާގެ ސަލާމަތާއި ސުލްހައަށް ނުރައްކާވާ ފަދަ" އަމަލުތައް ކަމަށް ސިފަ ކުރައްވައި، އެގައުމަށް ހިތްވަރު ދިނުމުގެ ބަދަލުގައި ދެކުނު ކޮރެއާއިން އެއްބާރުލުން ދޭންވީ އުތުރު ކޮރެއާއަށް ކަމަށް ކިމް ވިދާޅުވި އެވެ.

އެމެރިކާ އާއި ދެކުނު ކޮރެއާ އިން ގުޅިގެން ކޮންމެ އަހަރަކު ބާއްވާ އަސްކަރީ ތަމްރީނުތަކާ މެދު އުތުރުން ވަނީ ތަކުރާރުކޮށް ނުރުހުން ފާޅުކޮށްފަ އެވެ. އުތުރު ކޮރެއާ އިން ދެކޭ ގޮތުގައި އެއީ އެގައުމަށް އަރައިގަތުމަށް އެމެރިކާއިންވާ ތައްޔާރީތަކެކެވެ. (ރޮއިޓާސް)

comment ކޮމެންޓް