އުތުރު ކޮރެއާއަށް ތެޔޮ ފޯރުކޮށްދިނުމުގެ ތުހުމަތުގައި ދެކުނު ކޮރެއާ އިން ބޯޓެއް ހިފަހައްޓައިފި

ދެކުނު ކޮރެއާއިން ވަނީ އުތުރުގެ ބޯޓަކަށް ތެޔޮ ފޯރުކޮށްދިން ކަމަށް ތުހުމަތު ކުރެވޭ ބޯޓެއް ހިފަހައްޓާފައި -- ފޮޓޯ: އޭއެފްޕީ

ސޯލް (ޑިސެމްބަރު 30): އުތުރު ކޮރެއާއަށް ތެޔޮ ފޯރުކޮށްދިން ކަމަށް ތުހުމަތު ކުރެވޭ ބޯޓެއް ހިފަހައްޓައިފި ކަމަށް ދެކުނު ކޮރެއާއިން ބުނެފި އެވެ.

ދެކުނު ކޮރެއާގެ ޔޮންހަޕް ނޫސް އޭޖެންސީން ބުނި ގޮތުގައި ހޮންކޮންއަށް ރެޖިސްޓާކޮށްފައިވާ "ލައިޓްހައުސް ވިންމޯ" ދެކުނު ކޮރެއާގައި ބަނދަރު ކުރީ އޮކްޓޯބަރު 11ގަ އެވެ. އަދި ތެޔޮ އަޅައިގެން އޭގެ ހަތަރު ދުވަސް ފަހުން އެބޯޓު ވަނީ ޓައިވާނަށް ދިޔުމަށް ފުރާފައި އެވެ.

ނަމަވެސް ޓައިވާނަށް ދިޔުމުގެ ބަދަލުގައި އެބޯޓުން ވަނީ އުތުރު ކޮރެއާގެ ބޯޓަކަށާއި އިތުރު ތިން ބޯޓަކަށް ތެޔޮ އަޅާދީފައި އެވެ. އެގޮތުން އެބޯޓުން ވަނީ އުތުރު ކޮރެއާގެ ބޯޓަށް 600 ޓަނުގެ ތެޔޮ އަޅާދީފައި ކަމަށް ދެކުނުގެ އޮފިޝަލުން ބުންޏެވެ.

ނިއު ޔޯކް ޓައިމްސްގައިވާ ގޮތުން އެބޯޓުން އެހެން ބޯޓުތަކަށް ތެޔޮ އަޅައިދިންކަން ފަޅާ އެރީ އެމެރިކާގެ ޓްރެޝަރީން ނޮވެމްބަރު މަހު އާއްމު ކުރި ސެޓެލައިޓު ފޮޓޯތަކުންނެވެ. އަދި އެބޯޓު ހިފެހެއްޓީ މިދިޔަ މަހު އެބޯޓު އަނެއްކާ ވެސް ދެކުނު ކޮރެއާއަށް ދިޔުމުން ކަމަށާއި އެބޯޓު އަދި ވެސް އޮތީ އެގައުމުގެ ބެލުމުގެ ދަށުގައި ކަމަށް ދެކުނުން ބުންޏެވެ.

ދެކުނު ކޮރެއާ އިން އެފަދައިން ބުނެފައި ވަނީ ޗައިނާއިން އުތުރު ކޮރެއާއަށް ތެޔޮ ވިއްކަމުންދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތުހުމަތު ކުރެއްވި ފަހުންނެވެ. ޗައިނާއިން ވަނީ އެތުހުމަތުތައް ދޮގުކޮށްފަ އެވެ. އަދި ދެކުނު ކޮރެއާއިން ހިފެހެއްޓި ބޯޓާ ޗައިނާއާ އެއްވެސް ގުޅުމެއް އޮތް ކަމެއް ދެކުނުން ހާމަކޮށްފައެއް ނުވެ އެވެ.

އުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ޓެސްޓު ކުރަމުން ދިޔުމުގެ ސަބަބުން އދ.އިން ވަނީ އެގައުމަށް ތެޔޮ ފޯރުކޮށްދޭ މިންވަރު 90 ޕަސެންޓުން މަދު ކުރުމަށް މިދިޔަ ހަފްތާގައި ފާސްކޮށްފަ އެވެ. (ބީބީސީ)

comment ކޮމެންޓް