މި ކުއްޖާގެ އުފަންދުވަހު ހަދިޔާއަށް ލިބުނު ހުރިހާ ފައިސާއެއް ފަގީރުންނަށް ކާންދިނުމަށް

އިނގިރޭސިވިލާތުގެ މެންޗެސްޓާއަށް ނިސްބަތްވާ އުމުރުން ނުވަ އަހަރުގެ މޮލީ އަކީ ނަމޫނާއެކެވެ. އެ އަންހެން ކުއްޖާގެ ނުވަ ވަނަ އުފަންދުވަހު ހަދިޔާގެ ގޮތުގައި ލިބުނު ފައިސާ ހޭދަކުރީ ފަގީރުންނަށް ކާން ދިނުމަށެވެ.

އޭނާގެ އުފަންދުވަހު ލިބުނު ފައިސާ ހޭދަކުރަން ބޭނުންވީ ކޮންމެވެސް ބަޔަކަށް އެހީ ދިނުމަށެވެ. އެހެންކަމުން މަންމަ އާއެކު ނިކުތީ މަގުމަތީ ހާލުގައި ޖެހިފައި ތިބޭ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

މެންޗެސްޓާގެ ނޫހަކަށް މައުލޫމާތު ދެމުން މޮލީ ބުނީ މަގުމަތީ ހިނގާއިރު ވަންނާނެ ގެދޮރުނެތް، ކާއެއްޗެއް ނުލިބި ސަލާންޖަހާ މީހުން ފެންނަ ކަމަށާއި އެމީހުންނަށް އެހީ ފޯރުކޮށްދޭތަން ވެސް ފެންނަ ކަމަށެވެ.

"އަހަރެން ވެސް ބޭނުންވީ އެގޮތަށް އެހީދޭން. މަންމަ ކައިރީ އެހުމުން ބުނީ މައްސަލައެއް ނެތްކަމަށް،" މޮލީ ބުނެފައިވެ އެވެ.

މޮލީ ވަނީ އުމުރުން 23 އަހަރުގެ ޒުވާނަކަށް އެހީތެރިވެދީފަ އެވެ. އެގޮތުން ސޫޕާއި ބައެއް ބާވަތްތަކުގެ ކާނާ އަދި ބޯނެ އެއްޗެއް މޮލީ އެކުއްޖާއަށް ހަދިޔާ ކުރިއެވެ.

އިނގިރޭސިވިލާތަކީ ނިސްބަތުން ބޯހިޔާވަހިކަމެއް ނެތް ނިކަމެތިން ގިނަ ގައުމެކެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުން އެގައުމުގައި ގެދޮރުނެތް، މަގުމަތިވެފައިވާ ނިކަމެތިންގެ އަދަދު 300000 އަށް އަރަ އެވެ. މެންޗެސްޓާގައި ގެދޮރުނެތް 154 މީހުން އުޅެ އެވެ.

comment ކޮމެންޓް