އައިޑީބީ އިން އެސްޓީއޯ އަށް 100 މިލިއަން ޑޮލަރުގެ ފެސިލިޓީއެއް ނަގަން ސޮއިކޮށްފި

އައިޓީއެފްސީ އިން އެސްޓީއޯ އަށް 100 މިލިއަން ޑޮލަރުގެ ފައިނޭންސް ފެސިލިޓީދޭ އެއްބަސްވުމުގައި ސޮއި ކުރުމަށް ފަހު ސަލާމް ކުރަނީ -- ފޮޓޯ/ އެސްޓީއޯ

އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ) އިން އެސްޓީއޯ އަށް 100 މިލިއަން ޑޮލަރުގެ އިސްލާމިކް ފައިނޭންސް ފެސިލިޓީއެއް ދޭން ނިންމައިފި އެވެ.

އައިޑީބީގެ އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕޮރޭޝަން (އައިޓީއެފްސީ) އާއި އެސްޓީއޯ އާ ދެމެދު 100 މިލިއަން ޔޫއެސް ޑޮލަރުގެ ފައިނޭންސް ފެސިލިޓީއެއް ނެގުމުގެ އެއްބަސްވުމެއްގައި ސޮއިކުރީ މިއަދު އެވެ.

އެއްބަސްވުމުގައި އެ ބޭންކުގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަޒީމް ނޫރުދާލީ އެވެ. އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރެވެ.

އެސްޓީއޯ އިން އާންމުކުރި ބަޔާނެއްގައި ބުނެފައި ވަނީ، އެ އެއްބަސްވުމުގެ ދަށުން، އެސްޓީއޯ އިން އިމްޕޯޓް ކުރާ ތެލުގެ ބާވަތްތަކަށް އެއް އަހަރު ދުވަހުގެ މުއްދަތަށް އައިޓީއެފްސީ އިން ފައިނޭންސްކޮށް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އައިޓީއެފްސީގެ މައިގަނޑު މަގުސަދަކީ އޯއައިސީ މެމްބަރު ގައުމުތަކުގެ ދެމެދުގައި އޮންނަ ވިޔަފާރި ގުޅުން ރަގަޅުކޮށް، އެގައުމުތަކުގެ އިގްތިސާދު ކުރިއެރުވުމަށް އެހީތެރިވެދިނުން ކަމަށް އެސްޓީއޯ އިން ބުންޏެވެ.

އޯއައިސީ މެމްބަރު ގައުމެއްގެ ހައިސިއްޔަތުން ރާއްޖެއަކީ ވެސް މެދުކެނޑުމެއްނެތި އައިޓީއެފްސީގެ ފަންނީ އަދި މާލީ އެހީތެރިކަން ލިބެމުންދާ ގައުމެކެވެ.

އައިޓީއެފްސީގެ މަސައްކަތް ފަށައިގެން މިހާތަނަށް އައިއިރު މީގެ ކުރިން ވެސް އެސްޓީއޯއަށް އެ ކޯޕަރޭޝަނުން މިފަދަ ފެސިލިޓީސް މެދުވެރިކޮށް ފައިނޭންސް ހަމަޖައްސަވައި ދީފައިވާ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

comment ކޮމެންޓް