ޑިޕްލޮމެޓުންނާ ބައްދަލު ކުރުން މަނާކުރާ ސާކިއުލާ ބާތިލެއް ނުކުރަން: ހޯމް މިނިސްޓްރީ

ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ޖަލްސާއެއްގައި ވާހަކަފުު ދައްކަވަނީ --- ސަންފައިލް ފޮޓޯ

ކައުންސިލަރުން ބޭރުގެ ޑިޕްލޮމެޓުންނާ ބައްދަލުކުރުން މަނާކޮށް ނެރުނު ސާކިއުލާ ބާތިލު ނުކުރާ ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.

ހޯމް މިނިސްޓްރީގެ ހުއްދައަކާ ނުލައި ކައުންސިލުތަކުން ޑިޕްލޮމެޓުންނާ ބައްދަލު ނުކުރުމަށް އަންގައި ލޯކަލް ގަވަމެންޓް އޮތޯރިޓީ އިން ސާކިއުލާއެއް ނެރުނީ މި މަހުގެ 11 ވަނަ ދުވަހު އެވެ.

މިއަދު ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައި ވަނީ އެ ސާކިއުލާ ހޯމް މިނިސްޓްރީން ބާތިލުކޮށްފައިވާ ކަމަށެވެ.

ހޯމް މިނިސްޓްރީން މިއަދު ކުރި ޓުވީޓެއްގައި ބުނެފައި ވަނީ ބޭރުގެ ޑިޕްލޮމެޓުންނާ ބައްދަލުކުރުމާ ގުޅޭ ގޮތުން އެލްޖީ އިން ނެރުނު ސާކިއުލާ ބާތިލުކޮށްފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ފަތުރަނީ ދޮގު މައުލޫމާތު ކަމަށެވެ.

ނަމަވެސް އެލްޖީއޭގެ ސާކިއުލާ އިތުރަށް ތަފްސީލުކޮށްދީ އެ އޮތޯރިޓީ އިން ވަނީ ކައުންސިލްތަކަށް ސިޓީއެއް ފޮނުވައިފަ އެވެ.

އެ ސިޓީގައި ބުނެފައި ވަނީ ސަރުކާރުގެ ކަމާ ގުޅުން ހުރި މިނިސްޓްރީތަކާ ގުޅިގެން ކުރާ ކަމެއްގައި ހޯމް މިނިސްޓްރީގެ ހުއްދަ ހޯދަން ނުޖެހޭނެ ކަމަށެވެ. ނަމަވެސް ބައްދަލުވުން ނުވަތަ ހިންގާ ހަރަކާތެއްގެ ޔައުމިއްޔާ ތިން ދުވަހުގެ ތެރޭގައި ހޯމް މިނިސްޓްރީ އަށް ފޮނުވުމަށް ސިޓީގައި ވަނީ އެދިފަ އެވެ.

އަދި އެހީދޭ ޖަމާއަތްތަކާ ހުއްދަ ނުހޯދާ ބައްދަލު ކުރެވޭނެ ކަމަށް ވެސް ސިޓީގައި ވަނީ ބުނެފަ އެވެ.

އެލްޖީއޭގެ ސާކިއުލާގައި ބުނެފައި ވަނީ ގާނޫނު އަސާސީ އާއި ސުޕްރީމް ކޯޓުގެ ނިންމުމާ ހިލާފަށް ބައެއް ކައުންސިލުތަކުން ބޭރުގެ ޑިޕްލޮމެޓުންނާއި ޖަމިއްޔާ ޖަމާއަތްތަކުގެ މެމްބަރުންނާ ބައްދަލު ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ނިންމުމުގައި ބުނެފައި ވަނީ ލޯކަލް ކައުންސިލްތައް ހިންގަންވާނީ ދައުލަތުގެ މަރުކަޒީ ބާރުގެ ދަށުން ކަމަށެވެ.

"ލޯކަލް ކައުންސިލުތަކަކީ ސަރުކާރުގެ ހިދުމަތުގެ ފަށަލައެއް ކަމަށް ވެފައި ކައުންސިލުތަކުގެ އަމަލުތަކާއި ކުރައްވާ މުއާމަލާތްތައް ރައްދުވާ ފަރާތަކީ ދިވެހި ސަރުކާރު،" އެލްޖީއޭގެ ސާކިއުލާގައި ބުނެފައިވެ އެވެ.

ބޭރުގެ އެކިއެކި ފަރާތްތަކާއި ޖަމިއްޔާ ޖަމާއަތްތަކާއި ކައުންސިލުތަކުން ބައްދަލު ކުރަމުންދާ ނަމަ ރާއްޖޭގެ ޚާރިޖީ އަދި ދާހިލީ ސިޔާސަތުތަކަށް ބުރޫއަރައި ރާއްޖެ އިން ބައިވެރިވެފައިވާ މުއާހަދާތަކާއި އެއްބަސްވުންތަކާ ފުށޫ އަރާ ގޮތް ވެދާނެ ކަމަށް ސާކިއުލާގައި ވަނީ ބުނެފަ އެވެ.

އިންޑިއާގެ ސަފީރު އަކިލޭޝް މިޝްރާއާ ބައްދަލު ކުރުމުން ގއ. އަތޮޅު ކައުންސިލަރުން ވަނީ ތިން މަސް ދުވަހަށް ސަސްޕެންޑް ވެސްކޮށްފަ އެވެ.

comment ކޮމެންޓް