ކޭބަލް ޓީވީގެ ވާދަވެރިކަން ބޮޑުވަނީ، ނަތީޖާ ކިހިނެއް ވާނެބާ؟

ދިރާގު ޓީވީ އަށް އާ ޗެނަލްތަކެއް އިތުރުކުރުމަށް ބޭއްވި ހަފްލާއެއްގެ ތެރެއިން -- ސަން ފޮޓޯ: ފަޔާޒު މޫސާ

ކޭބަލް ޓީވީ އަކީ ގޭގޭގެ ސިޓިންރޫމްތައް ފަޅުވިލުވައިދޭ ގާތް އެކުވެރިޔާ އެވެ. ދިވެހިންގެ ދިއިއުޅުމާ ސީދާގޮތުން ގުޅިފައިވާ ހިދުމަތެކެވެ. މުޅި ރާއްޖެއަށް ކޭބަލް ޓީވީގެ ހިދުމަތް ދިނުމުގެ ހުއްދަ ފަސް ފަރާތަކަށް ދީފައިވާ ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުގެ ވެބްސައިޓުގައިވެ އެވެ.

މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ދާދި ފަހަކާ ޖެހެންދެންދެން ޓީވީ ބަލަމުން ގޮސްފައި ވަނީ މީޑިއާ ނެޓް މެދުވެރިކޮށެވެ. އަދި ވެސް ގޭގޭގެ ސިޓިންރޫމްގައި އެންމެ މަގުބޫލީ މީޑިއާ ނެޓެވެ. ނަމަވެސް ދިރާގު ޓީވީ އާއި ޕީއެސްއެމްގެ ޕީއެސްއެމް ކަނެކްޓް ތައާރަފް ކުރި ފަހުން މި އިންޑަސްޓްރީ އަށް ވެސް ވަނީ ވާދަވެރިކަން އައިސްފަ އެވެ.

ކުރިން މީޑިއާނެޓް އެކަނި މުޅި އިންޑަސްޓްރީ މޮނޮޕޮލައިޒްކޮށްގެން ހިދުމަތް ދެމުން ދިޔައިރު ކަސްޓަމަރުންގެ އެންމެ ބޮޑު ޝަކުވާ އަކަށް ވެފައިވަނީ ޚިދުމަތުގެ އަގެވެ. ޕެކޭޖުތަކުގައި ގިނަ ޗެނަލްތައް ހިމެނުނު ނަމަވެސް އާންމުކޮށް ބަލާ އުޅެނީ ދެތިން ޗެނަލަކަށްވެފައި އެތައް ސަތޭކަ ޗެނަލް އަކަށް ފީ ދައްކަން ޖެހޭތީ އެވެ.

މި އިންޑަސްޓްރީ އަށް ވާދަވެރިކަން އައުމާ އެކު އެންމެ ބޮޑު އުއްމީދެއް ކުރެވެނީ ކުރިއަށް ވުރެ އަގު ހެޔޮކޮށް ހިދުމަތް ދޭނެ ކަމަށެވެ. މީގެ އިތުރުން ކަސްޓަމަރުން ބޭނުންވާ ވަކި ޗެނަލްތަކެއް އެކަނި ސަބްސްކްރައިބްކޮށްގެން އެ ޗެނަލްތައް ބަލައިލުމުގެ ހިދުމަތް ލިބޭނެ ދުވަހަކީ ވެސް ކޭބަލް ޓީވީގެ ހިދުމަތް ހޯދާ ރައްޔިތުންނަށް ލިބޭނެ ވަރަށްބޮޑު ފަސޭހައެކެވެ. އަވައްޓެރި ބައެއް ގައުމުތަކާއި އާންމުކޮށް ދިވެހިން ގޮސްއުޅޭ ގައުމުތަކުގައި ކޭބަލް ޓީވީގެ ހިދުމަތްދޭ އޮޕަރޭޓަރުން ކަސްޓަމަރުންނަށް ދިނުމަށް މި އުކުޅު ބޭނުންކުރެ އެވެ.

ކޭބަލް ޓީވީގެ ހިދުމަތް ދިނުމަށް އިތުރު ކުންފުނިތައް މާކެޓަށް ނިކުތުމާ އެކު އެ މާކެޓަށް އަތުވެދާނެ ބަދަލު ބަލާލުމަށް ހިދުމަތްދޭ އޮޕަރޭޓަރުންނާ ވާހަކަ ދައްކާލީމެވެ.

ދިރާގުޓީވީން މިހާރު ޑިޒްނީގެ ޗެނަލްތައް ބަލައިލެވޭނެ-- ފޮޓޯ: ދިރާގު

މި މާކެޓްގައި މިހާރު ފައިހަމަކޮށްފައިވާ ޓެލެކޮމިއުނިކޭޝަން ކުންފުނި ދިރާގުން ބުނީ މާކެޓަށް ގިނަ ކުންފުނިތަށް އަންނަ ވަރަކަށް ކަސްޓަމަރުންނަށް އޭގެ ފައިދާ ލިބޭނެ ކަމަށެވެ. އެގޮތުން ހިދުމަތުގެ އަގު ދަށްވެ، އިތުރު ހިދުމަތްތައް ލިބޭނެ ކަމަށް އެކުންފުނިން ބުނެ އެވެ.

"ގިނަ ޗެނަލްތައް ލިބޭނެ. އައިޕީ ޓީވީއާ އެކު ހަމައެކަނި ޓީވީ ޗެނަލްތަކުގެ އިތުރުން އޮން ޑިމާންޑް ކޮންޓެންޓްސް ބަލާލެވޭނެ،" ދިރާގުން ބުންޏެވެ. ދިރާގުން ފޯރުކޮށްދޭ އައިޕީޓީވީގެ ހިދުމަތް މިވަގުތު ލިބެނީ އެކުންފުނިން ބްރޯޑްބޭންޑް އިންޓަނެޓްގެ ހިދުމަގަތް ގާއިމްކޮށްފައިވާ ރަށްތަކަށް އެކަންޏެވެ.

ނަމަވެސް އެހެން މީޑިއަމްތައް މެދުވެރިކޮށް އިތުރު ރަށްރަށަށް އެ ހިދުމަތް ދޭން ފެށުމަށް ދިރާގުން އަންނަނީ ތައްޔާރުވަމުންނެވެ.

"އޯޑިއަންސް ވަރަށް ބަލައިގަންނަ ހިދުމަތެއް މިއީ. އޭޕްރީލް މަހު އަޅުގަނޑުމެން ފެށީ. މިހާރު ރެޒިޑެންޝަން 5000 ކަސްޓަމަރުން އެބަތިބި." ދިރާގުން އަންނަނީ ކަސްޓަމަރުންނަށް ކަމުދާނެ ފަދަ ޓީވީ ޗެނަލްތައް ވެސް ތައާރަފު ކުރަމުންނެވެ. އެގޮތުން ޑިޒްނީގެ ޗެނަލްތައް މިދިޔަ ހަފްތާ ވަނީ ތައާރަފްކޮށްފަ އެވެ. ދިރާގުން މިހާރު އިންޓްރޯ ޕެކޭޖުގެ ނަމުގައި 60 ޗެނަލާއި ބޯނަސް 30 ޗެނަލް ދޫކުރެ އެވެ. އަންނަ އަހަރު ތެޜޭގައި އިތުރު ޕެކޭޖުތައް އެކުންފުނިން ތައާރަފު ކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ޕީއެސްއެމް ކަނެކްޓް---

ރީ ބްރޮޑްކާސްޓް ކުރުމުގެ ހުއްދަ ލިބިފައިވާ ދައުލަތުގެ މީޑިއާ ޕީއެސްއެމް އިން ވަނީ "ޕީއެސްއެމް ކަނެކްޓް"ގެ ނަމުގައި ހިދުމަތް ދޭން ފަށައިފަ އެވެ. މި ވަގުތު ހިދުމަތް ދެނީ ވައިފައި ޓީވީތަކަށާއި ޓެބްލެޓް އަދި ސްމާޓް ފޯނުތަކަށެވެ. އުރީދޫ އާއި އާރުއޯއެލްގެ ބްރޯޑްބޭންޑް އިންޓަނެޓް ބޭނުންކުރާ ފަރާތްތަކަށް ވެސް އެ ހިދުމަތް މިހާރު ހިލޭ ލިބެ އެވެ. ވިޔަފާރި އުސޫލުން ޕީއެސްއެމް އިން ކޭބަލް ޓީވީގެ ހިދުމަތް ދޭން ފަށާނީ އަންނަ އަހަރުގެ ތެރޭގަ އެވެ. އަގުހެޔޮކޮށް ގިނަ ޗެނަލްތަކެއް ފޯރުކޮށްދިނުމަކީ އެކުންފުނީގެ އަމާޒެވެ. މިހާރު 60 ޗެނަލް ޕީއެސްއެމް ކަނެކްޓް މެދުވެރިކޮށް ބަލާލެވޭނެ އެވެ.

މީޑިއާ ނެޓުން "އެންޓީވީ އެޗްޑީ" ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: މީޑިއާ ނެޓު

މި މާކެޓްގައި އެންމެ ދުވަސްވީ ކުންފުނި މީޑިއާ ނެޓުން ބުނީ އެކުންފުނިން އަބަދު ވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ކަމަށެވެ.

"އަޅުގަނޑުމެން އަބަދުވެސް މި ބަލަނީ ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ދުވަހުން ދުވަހަށް ބަލާއިވެސް ރަނގަޅުކުރަން. ކަސްޓަމަރުން ހިތްހަމަޖެހޭ ފަދަ ކޮލެޓީ ހިދުމަތެއް ދިނުމަށް،" އެކުންފުނީގެ ފަރާތުން ވާހަކަ ދެއްކި އޮފިޝަލަކު ބުންޏެވެ.

މީޑިއާ ނެޓުން ބުނީ ކުންފުނީގެ ހިދުމަތުގެ އަގަށް ބަދަލު ގެންނަން އަދި ނުނިންމާ ކަމަށެވެ. ފާހަގަ ކޮށްލަން ޖެހޭ ކަމަކީ އާ ޗެނަލްތައް ތައާރަފްކޮށް ޕެކޭޖުން ލިބޭ ޗެނަލްތައް އިތުރުކުރި ނަމަވެސް މީޑިއާ ނެޓުގެ ބިލަށް އޭގެ ބަދަލު ނުގެންނަ ކަމެވެ. އެގޮތުން މި އަހަރުގެ ކުރީކޮޅު ވެސް އެ ކުންފުނިން ވަނީ ބައެއް ސްޓޭންޑާޑް ޗެނަލްތައް އެޗްޑީ ޗެނަލްތަކަށް ބަދަލުކޮށްފަ އެވެ. ނަމަވެސް އަގަކަށް އެއްވެސް ބަދަލެއް ނުގެނެ އެވެ. މީޑިއާނެޓުން އަންނަނީ "އޯޕަންޓީވީ"ގެ ނަމުގައި ފޯނުން ޓީވީ ބަލައިލެވޭ ހިދުމަތެއްވެސް ފޯރުކޮށްދެމުންނެވެ.

ކޭބަލް ޓީވީގެ މާކެޓަކީ ޒަމާނަށް އަންނަ ބަދަލާ އެކު އޭގެ ޑިމާންޑަށް ވެސް ބޮޑު ބަދަލެއް އަންނަމުންދާ މާކެޓެކެވެ. ކަސްޓަމަރުން އެންމެ ބޭނުންވާ ކޮންޓެންޓް ބަލައިލުމުގެ ހިދުމަތަކީ އެ މީހުން މިހާރުއެންމެ ބޭނުންވާ ކަންތައް ކަން ބައެއް ސާވިސް ޕްރޮވައިޑަރުން ފާހަގަކުރެ އެވެ. ހިދުމަތް ބޭނުން ކުރާ މީހުންގެ އެދުމަކީ ހެޔޮއަގެއްގައި ރަނގަޅު ހިދުމަތެއް ލިބުމެވެ.

comment ކޮމެންޓް