އިސްލާމްދީނާއި މީޑިޔާ - 4

.

މީޑިޔާއަށް މަގުދައްކާ އުސޫލުތައް

އިސްލާމީ އުސޫލުގެ މައްޗަށް ބިނާވެފައިވާ މިޑިޔާއަކީ މުޖްތަމަޢު ރަގަނޅުގޮތުގައި ދަމަހައްޓަން މަގުދައްކާ އުސޫލުތައްވެސް އެކަށައަޅައިދޭ ވަސީލަތެކެވެ. މިދެންނެވި މަގުދެއްކުން ބިނާވެފައިވަނީ އަފްރާދުންނާއި މުޖްތަމައަށްޓަކައި އެކުލަވައިލެވިފައިވާ އިލާހީ ނަޒަރިއްޔާތުތަކުގެ ގިއުގަނޑުގެ ތެރޭގައެވެ. އެއުސޫލުތަކުގެ މަޤްސަދު ވަރަށް ތަނަވަހެވެ.

މަޝްހޫރު އައުމުސްލިމާ އަދި މުސަންނިފާ މާސްލީ ވިން ޑޭވްސް ޚަބަރާއި މައުލޫމާތު ފަތުރުމުގެ އިސްލާމީ އުސޫލު ނުވަތަ އިސްލާމީ މީޑީޔާއާ ބެހޭ ގޮތުން ލިޔުއްވައިފައިވެއެވެ.

  1. އިސްލާމްދީނަކީ ދަޢުވަތުގެ ދީނެވެ. އެހެންކަމުން އެދީން ޤަބޫލުކުރާމީހުންގެ ކޮނޑުގައި އެދީން އަޅުވާ މަސްއޫލިއްޔަތަކީ އެންމެހައި އިންސާނުންނާ ހަމަޔަށް އެދީން ގެންގޮސް ދިނުމެވެ.
  2. އިސްލާމްދީނަކީ ޙައްޤުދީނެވެ. ތެދުވެރި ދީނެވެ. ޢިލްމާއި، ހޭލުންތެރިކަމާއި، ބުއްދިވެރިކަމުގެ ދީނެވެ. އިލާހީ ވަޙީގެ ޒަރީޢާއިން ތެދުމަގާއި މަޢުރިފަތުގެ ނާރެހެއްގެ މަޤާމު ލިބިފައިވާ ދީނެވެ. އެހެންކަމުން ތަފާތު ވަސީލަތްތަކުގެ ބޭނުންހިފައިގެން އެދީން ޚިޔާރުކުރުމުގެފަރާތަށް އިންސާނިއްޔަތު މިސްރާބު ޖެއްސުވޭތޯ މަސައްކަތް ކުރާން ޖެހެއެވެ.
  3. ޞައްޙަ އިސްލާމީ ފިކުރަކީ އިންސާނުންނަށް އެބައިމީހުންގެ ޙަޔާތުގެ މަޤްސަދު އޮޅުންފިލުވައިދޭ ފިކުރެވެ. އެހެންކަމުން އެއަލިކަމުގެ ނޫރުން އެހެންމީހުންގެ ހަޔާތުގެ މަގަށްވެސް އަލިކޮށްދޭންޖެހޭނެއެވެ.

މުސްލިމު ސްކޯލަރުންނާއި، މުފައްކިރުން ދެކެވަޑައިގަންނަވާ ގޮތުގައި އިލެކްޓްރޯނިކް މީޑިޔާއާއި، ޕްރިންޓް މީޑިޔާއާއި، ސައިބަ މީޑިޔާއަކީ އިސްލާމްދީން ފެތުރުމަށާއި، އިސްލާމީ އުންމަތް ބަދަހިކޮށް ވަރުގަދަކޮށް ކުރިއަރުވައި ތަރައްޤީކުރުމަށް ބޭނުންކުރެވިދާނެ މުހިންމު ވަސީލަތެކެވެ. އެބޭކަލުންގެ ނަޒަރުގައި މީޑިޔާއާމެދު އަޅައިނުލައި ދޫކޮށްލުމާއި، މީޑިޔާޔަށް ދޭ ސަމާލުކަން ކުޑަކޮށްލުމަކީ ނުހަނު ޒިންމާދާރުކަން ކުޑަ އަމަލެކެވެ.

އިސްލާމްދީނަކީ ޤިޔާމަތާއި ޖެހެންދެން ދެމެހެއްޓެވުމަށްޓަކައި މާތްﷲ ފޮނުއްވައިފައިވާ ދީނެވެ. މީޑިޔާގެ ޒަރީއާއިން އިސްލާމީ ޞައްޙަ މަޢުލޫމާތު ފެތުރުމާއި، އިސްލާމްދީނުގެ ދިފާއުގައި ހެއްކާއި ދަލީލު ދެއްކުމަކީ ބައިނުލްއަޤްވާ ދީނެއްގެ ގޮތުގައި އެދީން ކުރިއަރުވައި ދެމެހެއްޓުމަށްޓަކައި މުސްލިމުން އަދާކުރާން ޖެހޭ މަސްއޫލިއްޔަތެކެވެ. އިސްލާމްދީނުގެ ނަބިއްޔާ ފުރައުއްތަވެ ސުވަރުގެވަޑައިގަތުމަށްފަހު އެކަމަކީ އިސްލާމީ އުންމަތުން އުފުލަންޖެހޭ މަސްއޫލިއްޔަތެކެވެ. މުސްލިމުން އެމީހުންގެ ދުޝްމަނުންނާ ކުރިމަތިލާން ޖެހެނީ ހަމައެކަނި ކަނޑިބަޑިފަދަ އާދަވެގެން ބޭނުންކުރާ މުސްކުޅި ހަތިޔާރުތައް ހިފައިގެން އެކަންޏެއްނޫނެވެ. އަދި ކީއްތޯއެވެ. ކަރުދާހާއި، ގަލަމާއި، މައުލޫމާތު ފެތުރުމުގެ ދާއިރާގައިވެސް ދުޝްމިނުންނާ ކުރިމަތިލައި ހިތްވަރާއި، ސާބިތުކަމާއި ހީވާގިކަން ދައްކަންޖެހެއެވެ. އިސްލާމްދީނަށް ކުރިމަތިވެފައިވާ ކޮންމެ ގޮންޖެހުމަކަށް ޖަވާބުދޭން ޖެހެއެވެ. އެއީ މުސްލިމުންނާ މަތިކުރައްވައިފައިވާ މުޤައްދަސް ވާޖިބެކެވެ.

މިވަގުތު މުސްލިމުންގެ އަތުގައި ބައިނަލްއަޤްވާމީ ފެންވަރުގެ އެއްވެސް މީޑިޔާއެއް ނެތެވެ. ޔަހޫދީންނާއި ނަސާރާއިންނާއި، ހިންދޫންފަދަ އިސްލާމްދީނަށް އިއުތިރާޟުކުރާ ފަރާތްތަކުން އުފައްދާ ފިތުނަތަކާއި، އެބައިމީހުންގެ ރޭވުންތަކާއި، އެބައިމީހުންގެ ޕްރޮޕެގަންޑާތަކަށް ރޭވުންތެރިކަމާއެކު ބުއްދިވެރި ޖަވާބުތަކެއް ދެމުންގެންދެވޭނެ އެކަށޭނަ ވަސީލަތެއްނެތެވެ. އިސްލާމީ ތަހްރީކުތަކުން މިމައްސަލަ ހަނދާން ބަހައްޓަންޖެހެއެވެ. މުސްލިމުންގެ ޢިލްމުވެރިންނާއި، މުފައްކިރުން މިކަމުގައި ގޮތްތަކެއް ވިސްނައިވަޑައިގަންނަވަން ޖެހެއެވެ. އެބޭކަލުންގެ ޤާބިލިއްޔަތު ބޭނުންކުރައްވާން ޖެހެއެވެ. އޭގެ އިތުރަށް އިސްލާމީ މުއްސަނދި ޤައުމުތަކުން މާލީ ގޮތުންވެސް މިކަމަށް އެހީވާންޖެހެއެވެ. މިޒަމާނުގައި ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ފުރިހަމަޔަށް ކުރިމަތިލެވޭނީ އޭރުންނެވެ. މުސްލިމުން ކުރާންޖެހޭ ކަމަކީ ހަމައެކަނި މީޑިޔާގައި ބަސްވިކޭ އަދި ނުފޫޒުހުރި ބަޔަކަށް ވާން މަސައްކަތްކުރުމެއްނޫނެވެ. އަދި ކީއްތޯއެވެ. މުސްލިމުންގެ މީޑިޔާތަކުގެ މިސުރާބު ރަނގަޅުކޮށް ސީދާމަގުގައި ހަލުވިފިޔަވަޅުތަކެއްވެސް އަޅާންއެބަޖެހެއެވެ. ބާރުހުރި މަތީފެންވަރުގެ އިސްލާމީ މީޑިޔާއެއް އުފެއްދުމަށެވެ. ޚާއްޞަކޮށް ޓެލެވިޒަނާއި، ފިލްމާއި، އިންޓަރނެޓާއި، ނޫސްތަކުގެ ދާއިރާއިންނެވެ. ހުޅަނގުގެ ބައިނަލްއަޤްވާމީ ތަހްޒީބާ ވަރުންއެޅޭބަޔަކަށްވެވޭވީ އޭރުންނެވެ.

އެކަށީގެންވާ އަމަލީ ޗާޓެއް ހެދުން

އިސްލާމީ ޤައުމުތަކުގައި ޚަބަރުފަތުރާ ވަރުގަދަ އެޖެންސީތަކާއި ނިއުސްޗެނަލްތަކާއި އިލެކްޓޯނިކް މީޑިޔާއާއި ޕްރިންޓު މީޑިޔާއާއި، ސައިބަރމީޑިޔާގެ ހުރިހާ ވަސީލަތްތަކެއް އެކަށީގެންވާ އަދަދަކަށް ހުރުމުގެ ބޭނުންތެރިކަމާމެދު މުސްލިމުންގެ މުފައްކިރުންގެ އިތުރަށް އޯ.އައި.ސީ އިން ވެސް އަންނަނީ ވަރަށް ކުރީއްސުރެ ވާހަކަ ދައްކަމުންނެވެ. އެއިދާރާތަކަކީ ޔަހޫދީންނާއި ހުޅަނގުގެ މީޑިޔާގެ ވަސީލަތްތަކުން މުސްލިމުންނާއި އިސްލާމްދީނާ ދެކޮޅަށް އަރުވާ ޙަޤީޤަތާ ޚިލާފު އަޑުތަކަށް އެބައިމީހުންގެ އަނގަ ބަންދުކޮށްލެވޭފަދަ ޖަވާބުތަކެއް ދެވޭފަދަ އިދާރާތަކަކަށް ވާންޖެހޭކަމަށްވެސް އަންނަނީ އެއްބަސްވަމުންނެވެ. ނަމަވެސް މިހާތަނަށް އެކަމާބެހޭގޮތުން އެކަށީގެންވާފަދަ މަސައްކަތްތަކެއް ކުރެވިއްޖެއެކޭ ދެންނެވޭކަށެއް ނެތެވެ. އެކަންވެސް އޮންނަނީ އުންމަތުގެ އިރު މެދުންލަނބައިލިފަހުން ދައްކައިއުޅޭ ޙަޤީޤަތަކަށް ނެހެދޭ ވާހަކަތަކުގެ ލިސްޓުގައެވެ. މިހާރުގެ ބަހުރުވައިން ދަންނަވާނަމަ މުސްލިމުން ތަޅުވާ ހުސްއަނގަތަކުގެ ފަންވަތުގައެވެ.

މިހިސާބަށް މިވާހަކަ ލިޔެވުމުން ދަންނަވައިލަން ބޭނުންވާ ވާހަކައެއް އެބައޮތެވެ. އާދެ، ޙަޤީޤަތަށް ދަންނަވާނަމަ މުސްލިމުންގެ މަހާސިންތާތަކުގައި މިވާހަކަތައް ދައްކާތާ އަހަރުތަކެއް މާޒީވަމުންދާއިރުވެސް މިކަން ހަޤީޤާތަކަށް ނުވެގެން އުޅެނީ އިސްލާމީ ޤައުމުތަކުގެ އަސްކަރީ ޑިކްޓޭޓަރުންނާއި، ވިރާޘީ ރަސްކަންކުރައްވާ ރަސްރަސްކަލުން ހިތްޕުޅުގެ އަޑީން ރުހިވަޑައިގަންނަވާ ކަމަކަށް މިކަން ނުވާތީއެވެ. އަދި ކީއްތޯއެވެ؟ އެބޭފުޅުން ބިރުފުޅުގެންވަޑައިގަންނަވާ ކަމަކަށް ވާތީއެވެ. މިސުރާއި، ސައުދީއަރަބިޔާއާއި، ބަހްރައިނާއި އެކުވެރި އަރަބި އިމާރާތުން އަލްޖަޒީރާއާ ހުރެ ހަމަނިދިނުނިދިގެން އުޅޭތަން ތިޔަބޭފުޅުން ދެކެވަޑައިގަންނަވާނޫއެވެ.

ކޮންމެއަކަސް އިސްލާމްދީން ދިފާއުކޮށް ކުރިއެރުވުމަށާއި، މިއުންމަތުގެ މަސްލަހަތު ރައްކާތެރިކުރަން މިވަގުތު އެންމެ ބޮޑަށް ބޭނުންވެފައިވާ އެއްކަމަކީ ކުރީންވެސް ދެންނެވިފަދައިން ބާރުގަދަ މީޑީޔާއެކެވެ. މުސްލިމުންގެ އަތުގައި މިހާރުހުރި މީޑިޔާތަކުގެ މިސުރާބު ސީދާކުރުމާއި ވަރުގަދަކުރުމެވެ. މިރޮނގުން ކުރެވިދާނެ މަސައްކަތްތަކެއްގެ ގޮތުގައި ވަރަށް ކުރީއްސުރެ ދެކެވެމުން އަންނަ " ބާވާހަކަތަކެއް" މިތާނގައި އާކޮށްލާނަމެވެ.

  1. އިސްލާމީ ޤައުމުތަކުގައި ވަރުގަދަ މީޑިޔާ އިންސްޓިޓިއުޓެއް ނުވަތަ އިންސްޓިޓިއުޓުތަކެއް އުފައްދަން ޖެހެއެވެ. ޒަމާނާ އެއްގޮތަކަށް ތައުލީމު ލިބިގެންތިބި އިސްލާމީ ފިކުރުގެ ޒުވާނުންނާއި، ފަންނީ މާހިރުންތަކެއް ވީހައިވެސް އަވަހަކަށް އުފައްދުމަށްޓަކައެވެ. ހުޅަނގާއި ޔަހޫދީންގެ ނޫސްވެރިންނާއި، މައްސަލަތައް ތަޙްލީލުކުރާ މީހުނާ ވަރުންއަޅައިލެވޭފަދަ މުސްލިމުން އުފެއްދުމަށްޓަކައެވެ. އަދުގެ ދުނިޔޭގައި ހިނގަމުންދާ ކަންތައްތައް އެކަންކަމުގެ ޙަޤީޤީ ސޫރައިގައި ދުނިޔެއަށް ހާމަކުރުމަށްޓަކައެވެ.
  2. ހުޅަނގާއި ޔަހޫދީންގެ ނުފޫޒުގެ ދަށުގައި މިދެންނެވިފަދަ އިދާރާތަކެއް ހުރި ވާހަކަ ކުރީންވެސް ވަނި ދެންނެވިފައެވެ. އެ އިދާރާތަކުންގެންދަނީ މުސްލިމުންގެ ފިކުރާއި އަމަލަށް ވަރަށް ނޭދެވޭ ނުފޫޒުތަކެއް ފޯރުވަމުންނެވެ. އަދި ކީއްތޯއެވެ. ފުއްޓައްކެއް ޖަހައިލާހައި ފަސޭހައިން ދުނިޔޭގެ ޢާއްމު ޚިޔާލުވެސް ގެންދަނީ ބަދަލުކުރަމުންނެވެ. އެހެންކަމުން އިސްލާމީ އުންމަތަށް ފަރުދީ ގޮތުންނާއި، އިޖްތިމާޢީގޮތުން މިހާރުގެ ހާލަތު އޮންނަގޮތާއި ދުޝްމިނުންގެ ރޭވުންތަކުގެ ޚަބަރުދީ ވަގުތުން ވަގުތަށް މައުލޫމާތު އާކޮށްދޭން ޖެހެއެވެ.
  3. ސަރުކާރުތަކުގެ ފެންވަރުގައްޔާއި އަމިއްލަ ފެންވަރުގައިވެސް ދީނީ ދަޢުވަތު ފަތުރާ ޗެނަލްތަކެއް އުފައްދަންޖެހެއެވެ. އެތަންތަން ވާންޖެހޭނީ ޙައްޤުދީނުގެ ދައުވަތު ފެތުރުމުގެ މަސައްކަތް ހަލުވިބާރުމިނެއްގައި މިޒަމާނާ ކުފޫހަމަވާފަދަ ޢިލްމީ ފެންވަރެއްގައި ކުރެވޭ އިދާރާތަކެއް ކަމުގައެވެ. ދުޝްމިނުން ދުނިޔޭގެ ލޯމަތީގައި ދަމަމުންގެންދާ ޕްރޮޕެގަންޑާގެ ފަރުދާތައް ފަޅައިލެވޭފަދަ އުރައްޕު ހުރި އިދާރާތަކަކަށެވެ.
  4. މީޑިޔާގެ ދާއިރާއަށް އިސްލާމީ އުންމަތުން މިހާރު ވަންނަ ގިނަ ޒުވާނުންނަކީ ޑަކްޓަރުކަމާއި، އިންޖިނިއަރުކަމާއި، މިނޫންވެސް މަތީމަޤާމުތަކާއި ބޮޑެތި މުސާރަތައް ލިބޭފަދަ ދާއިރާތަކަށް ކުރިމަތިލުމުގެ ޤާބިލުކަން ނުހުންނަ ކުދިންނޭ ދަންނަވައިފިނަމަ އަޅުގަނޑާ ދިމާޔަށް އިނގިލިމަޅާނެ އެތައް ބަޔަކު ތިބޭނެކަން އެނގެއެވެ. ނަމަވެސް ހަޤީޤަތާ އެއްގޮތަށް ދަންނަވާނަމަ އިސްލާމީ އުންމަތުގެ މީޑިޔާއަށް ބޭނުންވަނީ "ޓޮޕްޓެންގެ" މޮޅު ދަރިވަރުން ނެރުމެވެ. ޤާބިލު ކުދީން ހޯދުމެވެ. އެފަދަ ކުދީން މާސްމީޑިޔާއަށާއި، ނޫސްވެރިމުގެ އެކި ދާއިރާތަކަށް ޝައުޤުވެރިކުރުވަން ޖެހެއެވެ. ޚާއްޞަ އިނާޔަތްތަކާއި އުޖާލާ މުސްތަޤްބަލެއްގެ ޔަޤީންކަން ދީގެންނެވެ.
  5. ނޫސްވެރިކަމުގެ ދާއިރާގައި މިހާރު މަސައްކަތްކުރާ ފަރާތްތަކަށާއި، މިދާއިރާއިން ތައުލީމު ހާސިލުކުރާ ކުދީންނަށް އަމާޒުކޮށްގެން މަސައްކަތު ބައްދަލުވުންތަކާއި މަހާސިންތާތައް އިންތިޒާމުކުރަން ޖެހެއެވެ. މީޑިޔާގެ ދާއިރާއިން އިތުރު މައުލުމާތާއި ތަޖްރިބާ ހޯދައިދިނުމުގެ އިތުރަށް އިސްލާމީ ރޫޙު އުފެއްދުން އަމާޒަކަށް ހަދައިގެންނެވެ. މިއީ، ދީނީ ޚިދުމަތަށް ޚާއްޞަކުރެވިފައިވާ އިދާރާތަކުން އަޅާނުލައި ތިބޭ ވަރަށް ވުރެ މުހިންމުކަމެކެވެ.
  6. ހުޅަނގުގެ ފިކުރާއި، ތަހްޒީބާއި، ފަލްސަފާއިން މުޅި އިންސާނީ މުޖްތަމަޢުގެ ފިކުރުވަނީ ކިލަނބުކޮށް އޮޅުންބޮޅުންކޮށްފައެވެ. ފުރިހަމަ ދިރާސާތަކާއި، އައުހޯދުންތަކާއި، ދަލީލުތަކުން އެކަންކަމުގެ ޙަޤީޤަތް މީހުންނަށް އޮޅުން ފިލުވައި ދޭންޖެހެއެވެ.
  7. ޔަހޫދީންނާއި ހިންދީންނާއި، ހުޅަނގުގެ މީޑިޔާއިންނާއި، ލޮބީތަކުންނާއި ތަޙްޤީޤީ އިދާރާތަކުން އިސްލާމްދީނުގެ ތަފާތު ޙުކުމްތަކާއި، އެކިއެކި އުނގަންނައި ދިނުންތަކާއި، އިރްޝާދުތަކާ ބެހޭގޮތުން އުފައްދާ ޝައްކުތަކާއި ވަސްވާސްތަކާއި އަރުވާ އޮޅުންތަކަކީ ކުށްވެރިކުރުމުގެ ބަޔާންތަކުންނާއި، ދެކޮޅަށްކުރާ މުޒާހާރާތަކުން އެކަންކަމަށް ޙައްލު ހޯދޭނެކަންކަމެއް ނޫނެވެ. ދިވެހީންގެ ބުނުމެއްގައިވާ ފަދައިން ދަގަނޑު ކެނޑޭނީ ދަގަނޑުންނެވެ. ނުވަތަ އެކަތައިންނެވެ. ޢިލްމީ އަދި ފިކުރީ މައިދާނުގައި އުފައްދާ ޝައްކުތަކާއި ވަހުމުތަކާއި އިއުތިރާޟުތައް ފިލުވައިލެވޭނީވެސް ޢިލްމީ އަދި ފިކުރީ ބަހުރުވައިން މަންޠިޤީ ހަމަތަކުގެ މަތީން ޖަވާބުދީގެންނެވެ. މިކަމުގައި އިސްލާމީ މީޑިޔާއަށް ބޭނުންވާ އުފެއްދުންތައް ތައްޔާރުކޮށްދެއްވުމަކީ އިސްލާމީ މުފައްކިރުންނާއި، ދަންނަބޭކަލުންނާއި މުޞަންނިފުންނާއި، މުސްލިމުންގެ ތަހްރީކީ އިދާރާތަކުގެ މަސްއޫލިއްޔަތެވެ.

ޚުލާސާއެއްގެ ގޮތުން ދަންނަވާނަމަ މީޑިޔާއަކީ އިންސާނީ ހަޔާތުގެ ހުރިހާ ދައުރުތަކެއްގައިވެސް ބޭނުންތެރި މުހިންމު ބާރެކެވެ. މީޑިޔާގެ ބޭނުންތެރިކަން ދުވަހެއް ދުވަހަކަށް މިދަނީ އިތުރުވަމުންނެވެ. ސަބަބަކީ ކުރީންވެސް ދެންނެވިފައިވާ ފަދައިން ފިކުރިއްޔާތާއި ނަޒަރިއްޔާތައް ދިރުވައި ހައްދައި އާލާކުރުމާއި މީހުންގެ ފިކުރުތަކާއި ޚިޔާލު ވަކި އަތަކަށް އަނބުރައިލުމުގައި މީޑިޔާއިން އަދާކުރާ މުހިންމު ދައުރެވެ.

އިސްލާމްދީން ވަނީ މީޑިޔާއެއްގައިވެސް ތަބާވުން ލާޒިމު ނުހަނު އަސާސީ އުސޫލުތަކެއް ބަޔާންކޮށްދީފައެވެ. މުސްލިމުންނަށް އިރްޝާދުދީ މަގުދައްކައިދީފައެވެ. އޭގެތެރެއިން ބައެއްކަންތައް ތިރީގައި މިދަންނަވަނީއެވެ.

  1. އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަނުކުރުމާއި، އެއްބަޔަކު އަނެއްބަޔަކަށް އައިބު ނުކިޔުމާއި، އެއްބަޔަކު އަނެއްބަޔަކަށް ނުރުހެވޭފަދަ ލަޤަބުތަކުން ގޮވައިނެހެދުން (އަލްޙުޖުރާތު : 11)
  2. އީމާންކަމުގެ އަހްލުވެރީންގެ މެދުގައި ހުތުރުކަންބޮޑު ފާފައިގެ ވާހަކަތަކާއި އެފަދަ އަމަލުތަކުގެ ވާހަކަ ނުފެތުރުން (އައްނޫރު : 19)
  3. ދޮގު ވާހަކަތައް ފަތުރައި ފިތުނަ އުފައްދައި ނެހެދުން (އަލްއަޙްޒާބު : 60)
  4. ތަޤްވާވެރިވުމުގެ މައްޗަށް އެކަކު އަނެކަކަށް އެހީވެ ވާގިވެރިވުމާއި، ފާފަވެރިވުމާއި، ޢަދާވާތްތެރިވުމަށް އެކަކު އަނެކަކަށް އެހީވެ ވާގިވެރިވެ ނެހެދުން (އަލްމާއިދާ :2)
  5. މީސްތަކުން އަނދިރިކަމުގެ ތެރެއިން އަލިކަމުގެ ތެރެއަށް ނެރުން. (އަލްބަޤަރާ : 257)
  6. ސީދާވެގެންވާ ބުނުމަކުން ބަސްބުނުން. (ދޮގުވާހަކަ ނުފެތުރުން) (އަލްއަޙްޒާބު : 70)
comment ކޮމެންޓް