މާލޭގައި ހުންނަ ހުޅުމާލޭ ފެރީޓާމިނަލް ބޮޑު ކުރުމުގެ މަސައްކަތް ފަށައިފި

މާލޭގައި ހަދާ ވަގުތީ ހުޅުމާލޭ ފެރީ ޓާމިނަލް --- ސަން ފޮޓޯ: މުހައްމަދު އަފްރާހު

މާލޭގައި ހުންނަ ހުޅުމާލޭ ޓާމިނަލް ބޮޑު ކުރުމުގެ މަޝްރޫއެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކެންޓެރްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.

އެމްޓީސީސީގެ ޓްރާންސްޕޯޓް ސާވިސްގެ އެގްޒެކްޓިވް މުހައްމަދު ނާޒިމް މިރޭ 'ސަން' އަށް ވިދާޅުވީ ހުޅުމާލޭ ފެރީ ޓާމިނަލް ބޮޑުކުރުމަށް ނިންމީ އެތަނުގެ އާބާދީ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާތީ ޓާމިނަލް ބޭނުންކުރަމުންދާ މީހުނަށް ލުއިފަސޭހަ ކަމާ އެކު ދަތުރުފަތުރު ކުރެވޭނެ ގޮތް ހެދުމުގެ ގޮތުން ކަމަށެވެ.

މާލޭގައި ހަދާ ވަގުތީ ހުޅުމާލޭ ފެރީ ޓާމިނަލް (ކ) އަދި ހުޅުމާލޭ ފެރީ ޓާމިނަލް --- ސަން ފޮޓޯ: މުހައްމަދު އަފްރާހު

ނާޒިމް ވިދާޅުވީ އެ މަޝްރޫއުގެ ތެރެއިން ނަސަންދުރާ ކުރިމަތިން ފެރީ ގާތް ކުރުމަށް އެމްޓީސީސީއަށް ލިބިފައިވާ ސަރަހައްދު ވެސް ހިޔާކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެތެރޭގެ ޖާގަ ވެސް ބޮޑު ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ވިއްސާރަ ދުވަސްތަކުގައި ޓާމިނަލް ތެރެ ފުރި ބޭރުގައި ބައެއް ރައްޔިތުން މަޑުކުރަން ޖެހޭ ކަމަށާއ މިހާރު ކުރަމުންދާ މަސަތްކަތް ނިންމާލުމުން އެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު މި ދެމުންދާ ޕްރިމިއަމް ފެރީގެ ޚިދުމަތް ދެމުން މިދަނީ ހާފް އެންޑް އަވާއިން. ނަމަވެސް މި މަޝްރޫއު ނިންމާލުމުން މި ބަލަނީ މި ހިދުމަތް 15 މިނެޓައް ބަދަލުކުރުމަށް،" ނާޒިމް ވިދާޅުވިއެވެ.

އަންނަ ޖެނުއަރީ މަސް ނިމުމުގެ ކުރިން މުޅި ޕްރޮޖެކްޓް ނިންމާލުމުން 500 ޕަސެންޖަރުންނަށް އެއްފަހަރާ ޚިދުމަތް ދެވޭނެ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

comment ކޮމެންޓް