އިރާގާއި ސީރިއާގައި މިހާރު އުޅެނީ އައިއެސްގެ ހާހަކަށްވުރެ މަދު ހަނގުރާމަވެރިން: އެމެރިކާ ކޯލިޝަން

ބަގްދާދު (ރޮއިޓާސް) – އިރާގާއި ސީރިއާގައި މިހާރު ހަރަކާތްތެރި ވަމުންދަނީ އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ހާހަކަށްވުރެ މަދު ހަނގުރާމަވެރިން ކަމަށް އައިއެސްއާ ދެކޮޅަށް އެމެރިކާ އިސްވެ އޮވެ އުފައްދާފައިވާ ބައިނަލްއަގުވާމީ ކޯލިޝަނުން ބުނެފި އެވެ.

އެމެރިކާ އިސްވެ އޮވެ އުފެއްދި ބައިނަލްއަގްވާމީ ކޯލިޝަނުން އައިއެސް ޖަމާއަތާ ދެކޮޅަށް ވައިގެ ހަމަލާތަކެއް ދޭން ފެށީ، 2014 ވަނަ އަހަރުން ފެށިގެން އައިއެސްގެ ބާރު އިރާގުގައި ގަދަވެ އެގައުމުގެ ތިން ގުނައަށް އެ ޖަމާއަތް ފެތުރިގެން ދިއުމާ ގުޅިގެންނެވެ.

އެގޮތުން، ކޯލިޝަންގެ ތެރެއިން އެމެރިކާގެ އަސްކަރީ ފައުޖުތަކުން ވަނީ ހަނގުރާމައިގެ މައިދާނުގައި އިރާގު ސަރުކާރުގެ އަސްކަރިއްޔާ އަށާއި ކުރުދީން އަދި ސީރިއާގައި ހަރަކާތްތެރިވި އަރަބި ގުރޫޕު ތަކަށް ލަފާ ދިނުމުގައި ހަރަކާތްތެރިވެފަ އެވެ.

އަދި އިރާގު އަދި ސީރިއާގެ ސަހަރުތަކާއި ވާދީތަކުން އައިއެސްގެ ހަނގުރާމަވެރިން ބަލިކޮށް ފައްސާލުމަށް އިރާގު އަދި ސީރިއާގެ އަސްކަރިއްޔާ އާއި ބޭރުގެ އެހީތެރިކަމާއެކު ކުރިއަށްގެންދިޔަ ކުރިމަތިލުންތަކަށްފަހު އައިއެސްގެ މައްޗަށް ނަސްރު ލިބިފައިވާ ކަމަށް އިރާގާއި ސީރިއާ އިން ވަނީ މީގެ ހަފްތާތަކެއް ކުރިން އިއުލާން ކޮށްފައެވެ.

"ކޯލިޝަންގެ ފަރާތުން ލިބުނު އެއްބާރުލުމާއި އިރާގު އަދި ސީރިއާގައި ކާމިޔާބު ކަމާއެކު ހަރަކާތްތެރިވި ޕާޓްނަރުންގެ ސަބަބުން، އަހަރެމެން ޖޮއިންޓް އޮޕަރޭޝަން ހިންގި ސަރަހައްދުގައި މިހާރު ހަރަކާތްތެރިވަމުން ދަނީ 1000 އަށްވުރެ މަދު އައިއެސްގެ ޓެރަރިސްޓުން،" އީމެއިލް މެދުވެރިކޮށް އެމެރިކާގެ ކޯލިޝަނުން ރޮއިޓާސް އަށް ފޮނުވި ބަޔާނުގައި ބުނެފައިވެ އެވެ.

އޭގެ ތެރެއިން ގިނަ މީހުން ހޯދުމުގެ މަސައްކަތް އިރުމަތީ ސީރިއާ އާއި ހުޅަނގު އިރާގުގެ ހަނަފަސް ސަހަރާތަކުގައި ކުރަމުންދާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

ނަމަވެސް އެމެރިކާ އިސްވެ އޮވެ އުފެއްދި ކޯލިޝަންގެ އެ އަދަދުގައި ސީރިއާގެ ރައީސް ބައްޝާރުލް އައްސަދުގެ ސަރުކާރާއި އޭނާއާ ގުޅިފައިވާ ގައުމުތަކުގެ ބާރުގެ ދަށުގައިވާ ސީރިއާގެ ހުޅަނގުގެ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ހަނގުރާމަވެރިންގެ އަދަދެއް ނުހިމެނެ އެވެ.

އެ ކޯލިޝަނުން ބުނި ގޮތުގައި، ވޭތުވެދިޔަ ތިން އަހަރު ކުރިއަށްދިޔަ ކުރިމަތިލުން ތަކުގައި އައިއެސްއާ ގުޅިގެން ހަނގުރާމަ ކުރަމުންދާ ގިނަ ހަނގުރާމަވެރިން ވަނީ މަރުވެފައި ނުވަތަ ހައްޔަރު ކުރެވިފަ އެވެ. ނަމަވެސް ބައެއް ހަނގުރާމަވެރިން އެހެން ގައުމުތަކަށް ފިލައިގެން ގޮސްފައިވާ ކަމަށްކުރި ސުވާލަކަށް ސީދާ ޖަވާބެއް ދީފައެއް ނުވެއެވެ.

"އަހަރެމެންގެ ޕާޓްނަރުންނާއެކު މަސައްކަތް ކުރަމުން މިދަނީ އައިއެސްގެ ބާކީ ތިބި ހުރިހާ ޓެރަރިސްޓުން މަރައި ނުވަތަ ހިފައި ހައްޔަރު ކުރަން. އަދި އެމީހުންގެ ނެޓްވޯކު ހަލާކުކޮށްލައި އެމީހުންގެ ބާރު ނެތިކޮށްލަން. އަދި ބޯޑަރު ހިއްސާ ކުރާ ގައުމުތަކަށް އެ ހަނގުރާމަވެރިން ފިލައިގެން ދިއުން ހުއްޓުވުމަށް ވެސް މަސައްކަތް ކުރަން،" ކޯލިޝަނުގެ ބަޔާނުގައި ބުނެފައިވެ އެވެ.

އައްސަދުގެ ސަރުކާރަށް އެންމެ ބޮޑަށް އެއްބާރުލުންދޭ ރަޝިއާއިން މިއަދު ވަނީ އިސްލާމިކް ސްޓޭޓްއާ ދެކޮޅަށް ސީރިއާގައި ކުރަމުންދިޔަ ބޮޑު ހަނގުރާމަ މިހާރު ނިމިފައިވާ ކަމަށެވެ. ރަޝިއާގެ ފޮރިން މިނިސްޓަރު ސާގޭ ލޮވްރޮވް ވިދާޅުވީ، ސީރިއާގައި މިހާރު ހިންގާ އެންމެ ބޮޑު ހަރަކާތަކީ އިސްލާމިސްޓް ގުރޫޕެއް ކަމަށްވާ ނުސްރާ ފުރަންޓް ބަލިކޮށްލުން ކަމަށެވެ.

comment ކޮމެންޓް