ބޭރުގެ ފަރާތްތައް މީރާގައި ރަޖިސްޓްރީކޮށްފައި ވޭތޯ ބެލުމަށް އިލްތިމާސްކޮށްފި

މީރާ -- ސަންފޮޓޯ/ އަލީ ނަސީރު

ރާއްޖޭގައި ވިޔަފާރިކުރާ ބޭރުގެ ފަރާތްތަކުން މީރާގައި ރަޖިސްޓްރީކޮށްފައި ވޭތޯ ބެލުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީން މިއަދު އަންގައިފި އެވެ.

ޑެޕިއުޓީ ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރު ސޮއިކުރައްވައި، މިއަދު ޢާންމުކުރި ސާކިއުލާއެއްގައި ބުނެފައި ވަނީ، ރާއްޖޭގެ ޓެކްސްގެ ގާނޫނުތަކުގެ ދަށުން މީރާގައި ރަޖިސްޓްރީ ކުރަން ޖެހޭ ބޭރުގެ ބައެއް ފަރާތްތަކުން ރަޖިސްޓްރީނުކޮށް، ރާއްޖޭގައި ވިޔަފާރި ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މީރާ އިން ބުނީ، ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން، ދާއިމީ މަރުކަޒެއް (ޕާމަނަންޓް އެސްޓެބްލިޝްމެންޓް) މެދުވެރިކޮށް ރާއްޖޭގައި ވިޔަފާރިކުރާ ދިވެހީން އަދި ބޭރުގެ ފަރާތްތަކުން، ޓެކްސް ނެގުމާ ބެހޭ އާންމު ގާނޫނުގައިވާ ގޮތުގެ މަތިން މީރާގައި ރެޖިސްޓްރީކުރަން ޖެހޭ ކަމަށެވެ. އަދި ޓެކްސްއާ ބެހޭ އެހެނިހެން ގާނޫނުތަކުގެ ދަށުން ފުރިހަމަކުރަންޖެހޭ އެހެެނިހެން ކަންކަން ވެސް ކުރުން ލާޒިމުވާނެ ކަމަށް މީރާ އިން ބުންޏެވެ.

މީރާ އިން ބުނީ، ބޭރުގެ ފަރާތަކުން ރާއްޖޭގައި ވިޔަފާރީގެ އެއްވެސް ކަހަލަ ހަރަކާތެއް ހިންގުމަށް އައްޔަނުކުރުމުގެ ކުރިން، އެފަރާތަކީ މީރާގައި ރަޖިސްޓްރީކޮށްފައިވާ ފަރާތެއްތޯ ބެލުމަށް އިލްތިމާސްކުރާ ކަމަށެވެ.

މީގެ އިތުރުން، ބޭރުގެ އެފަދަ ކުންފުންޏެއްގެ އަހަރީ ފައިދާއެއް މިލިޔަން ރުފިޔާއަށް ވުރެ ބޮޑުވާ ނަމަ، އެފަރާތަކީ ޖީއެސްޓީއަށް ރެޖިސްޓްރީކޮށްފައިވާ ފަރާތެއްތޯ ބެލުމަށް ވެސް މީރާ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

comment ކޮމެންޓް