އެސްޓީއޯ ދެ ޓަވަރު އަޅައިދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި

ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫއު، "ހިޔާ" އިފްތިތާހު ކުރުމަށް ހުޅުމާލެ ފޭސް2ގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ހިޔާ މަޝްރޫއުގެ ދަށުން އެސްޓީއޯ އިން އެޅުމަށް ނިންމާފައިވާ 15 ބުރީގެ ދެ ޓަވަރު "ޑިޒައިން އެންޑް ބިލްޑް" އުސޫލުން އަޅައިދޭނެ ބަޔަކު ހޯދުމަށް އިއުލާނު ކޮށްފި އެވެ.

އެސްޓީއޯ އިން މިމަހުގެ 24 ވަނަ ދުވަހު ކުރި އިއުލާނުގައި ބުނެފައި ވަނީ މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. ސުންގަޑިއަކީ ޖެނުއަރީ ދެވަނަ ދުވަހުގެ 11:00 ކަމަށެވެ. މަސައްކަތުގެ އަގު ހުށަހަޅަންވާނީ ދިވެހި ރުފިޔާ ނުވަތަ ޔޫއެސް ޑޮލަރުން ކަމަށް އިއުލާނުގައިވެ އެވެ.

މަސައްކަތް ހަވާލުކުރެވޭ ކުންފުނިން މަސައްކަތް ހަވާލުކުރިކަން އަންގާތާ 10 ދުވަސްތެރޭ ޕާފޯމަންސް ސެކިއުރިޓީގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ ފަސް ޕަސެންޓް ދައްކަން ޖެހެ އެވެ. އެސްޓީއޯގެ އިއުލާނުގައި ބުނީ މަސައްކަތް ހަވާލުކުރުމަށް ފަހު އެހެން ކޮންޓްރެކްޓަރަކަށް އައުޓްސޯސް ނުކުރެވޭނެ ކަމަށެވެ.

ބިޓް ހުށަހަޅަން ޖެހޭ ގޮތުގެ އިތުރު މައުލޫމާތު އެސްޓީއޯގެ އިއުލާނުގައިވެ އެވެ. އެކުންފުނީގެ އިއުލާނުގައި ބުނީ 730 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހޭނެ ކަމަށާއި 240 ދުވަހުގެ ތެރޭގައި ދެ ޓަވަރުގެ ފުރަތަމަ ފަސް ބުރި ނިންމަން ޖެހޭނެ ކަމަށެވެ.

އެސްޓީއޯ އިން ބުނީ އެކުންފުނީގެ ޓަވަރުތަކުގެ ގްރައުންޑް ފްލޯ ހާއްސަކޮށްފައި ވަނީ ޕާކިން އަށާއި ކޮމާޝަލް ބޭނުންތަކަށް ކަމަށެވެ. ފުރަތަމަ ފްލޯ އިން ހަތަރު ވަނަ ފްލޯ އަށް ހުންނާނީ އެއް ބެޑްރޫމްގެ އެޕާޓްމެންޓްތައް ކަމަށެވެ. ފަސް ވަނަ ފްލޯ އިން 14 ވަނަ ފްލޯއަށް ހުންނާނީ ދެ ބެޑްރޫމްގެ އެޕާޓްމެންޓްތައް ކަމަށެވެ. ކޮންމެ ޓަވަރެއްގައި 120 އެޕާޓްމަންޓް ހުންނައިރު ޔުނިޓެއްގެ ބޮޑުމިނަކީ 643 އަކަފޫޓެވެ.

ސަރުކާރުން ވަނީ "ހިޔާ"ގެ ނަމުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ބިޔަ މަޝްރޫއެއް އިފްތިތާހުކޮށްފަ އެވެ. އެ މަޝްރޫއުގެ ދަށުން 36 ޓަވަރުގައި 10،080 ޔުނިޓް އިމާރާތް ކުރަން ވަނީ ނިންމައިފަ އެވެ. އެ މަޝްރޫއު ކުރިއަށް ގެންދަނީ ސަރުކާރާއި ސަރުކާރު ކުންފުނިތައް އަދި އަމިއްލަ ބައެއް ކުންފުނިތައް ވެސް ބައިވެރިކޮށްގެންނެވެ. މިހާތަނަށް 10 މުވައްސަސާއަކުން ވަނީ ފްލެޓް އިމާރާތްކުރާނެކަން ހާމަކޮށްފަ އެވެ.

ހިޔާ މަޝްރޫއުގެ ދަށުން ސަރުކާރުގެ ގިނަ ކުންފުނިތަކަކުން މިހާރު ވަނީ އެކުންފުނިތަކަށް ލިބިފައިވާ ބިމުގައި ޓަވަރު އަޅައިދޭނެ ފަރާތްތައް ހޯދުމަށް އިއުލާނުކޮށްފަ އެވެ.

ޓަވަރު އަޅަން ނިންމާފައިވާ ކުންފުނިތައް:

  • ސްޓެލްކޯ އިން 15 ބުރީގެ 2 ޓަވަރު
  • ކަސްޓަމްސް އިން 15 ބުރީގެ 4 ޓަވަރު
  • އައިލެންޑް އޭވިއޭޝަން އިން 15 ބުރީގެ 3 ޓަވަރު
  • އެމްޓީސީސީ އިން 15 ބުރީގެ 2 ޓަވަރު
  • ވެމްކޯ އިން 15 ބުރީގެ ޓަވަރެއް
  • އެމްއާރްޑީސީ އިން 15 ބުރީގެ ޓަވަރެއް
  • އެމްޕީއެލް އިން 14 ބުރީގެ ތިން ޓަވަރު
  • އެމްޑަބްލިއުއެސްސީ އިން 15 ބުރީގެ ދެ ޓަވަރު
  • މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ އިން 15 ބުރީގެ ދެ ޓަވަރު
  • އިސްލާމިކް ޔުނިވާސިޓީ އިން 14 ބުރީގެ އެއް ޓަވަރު
  • އެސްޓީއޯ އިން 15 ބުރީގެ ދެ ޓަވަރު

މި ކުންފުނިތަކުގެ ތެރެއިން އެމްޓީސީސީ އިން މިހާރު ވަނީ އެކުންފުނިން އަޅާ 15 ބުރީގެ ދެ ޓަވަރު އެޅުމަށް ސިންގަޕޫރުގެ ރީ އިންޖިނިއަރިން ވޯކްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފަ އެވެ.

comment ކޮމެންޓް