ގާބިލު ފަރާތަކުން ކުރިމަތިނުލާތީ އެމްއެންޔޫއަށް ޓަވަރު އަޅައިދޭނެ ބަޔަކު ހޯދަން އަލުން އިއުލާނުކޮށްފި

ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫއު، "ހިޔާ" އިފްތިތާހް ކުރުމަށް ހުޅުމާލެ ފޭސް2 ގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ހިޔާ މަޝްރޫއުގެ ދަށުން ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން އެޅުމަށް ހަމަޖެހިފައިވާ 15 ބުރީގެ ދެ މިކްސްޑް ރެޒިޑެންޝަލް ޓަވަރު އެޅުމަށް މީގެ ކުރިން ކުރި އިއުލާނާ ގުޅިގެން އެކަށީގެންވާ އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާތީ، ޓަވަރުތައް އަޅައިދޭނެ ބަޔަކު ހޯދަން އަލުން އިއުލާނުކޮށްފިއެވެ.

އެމްއެންޔޫއިން މިއަދު ކުރި އިއުލާނުގައި ބުނީ، ޓަވަރު އަޅައިދޭނެ ފަރާތެއް ހޯދަން އެ ޔުނިވާސިޓީއިން މިމަހުގެ ހަވަނަ ދުވަހު ކުރި އިއުލާނާ ގުޅިގެން އެކަށީގެންވާ އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ، އެ އިއުލާނު ބާތިލްކޮށް އެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން އަލުން އިއުލާނުކޮށްފިއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން އެމްއެންޔޫއަށް ލިބިފައިވާ 10000 އަކަފޫޓުގެ ބިމުގައި މިކްސްޓް ރެޒިޓެންޝަލް ދެ ޓަވަރު އަޅައިދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ ހަތްވަނަ ދުވަހުގެ ކުރިން ޕްރޮޕޯޒަލް ހުށަހަޅަން ޖެހެއެވެ.

ސަރުކާރުން ވަނީ "ހިޔާ"ގެ ނަމުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ބިޔަ މަޝްރޫއެއް އިފްތިތާހުކޮށްފައެވެ. އެ މަޝްރޫއުގެ ދަށުން 36 ޓަވަރުގައި 10،080 ޔުނިޓް އިމާރާތްކުރަން ވަނީ ނިންމައިފައެވެ. އެ މަޝްރޫއު ކުރިއަށްގެންދަނީ ސަރުކާރާއި ސަރުކާރު ކުންފުނިތައް އަދި އަމިއްލަ ބައެއް ކުންފުނިތައް ވެސް ބައިވެރިކޮށްގެންނެވެ. މިހާތަނަށް ދިހަ މުއައްސަސާއަކުން ވަނީ ފްލެޓް އިމާރާތްކުރާނެކަން ހާމަކޮށްފައެވެ.

ހިޔާ މަޝްރޫއުގެ ދަށުން ސަރުކާރުގެ ގިނަ ކުންފުނިތަކަކުން މިހާރު ވަނީ އެކުންފުނިތަކަށް ލިބިފައިވާ ބިމުގައި ޓަވަރު އަޅައިދޭނެ ފަރާތްތައް ހޯދުމަށް އިއުލާނުކޮށްފައެވެ.

ޓަވަރު އަޅަން ނިންމާފައިވާ ކުންފުނިތައް:

  • ސްޓެލްކޯއިން 15 ބުރީގެ 2 ޓަވަރު
  • ކަސްޓަމްސްއިން 15 ބުރީގެ 4 ޓަވަރު
  • އައިލެންޑް އޭވިއޭޝަނުން 15 ބުރީގެ 3 ޓަވަރު
  • އެމްޓީސީސީއިން 15 ބުރީގެ 2 ޓަވަރު
  • ވެމްކޯއިން 15 ބުރީގެ ޓަވަރެއް
  • އެމްއާރްޑީސީއިން 15 ބުރީގެ ޓަވަރެއް
  • އެމްޕީއެލްއިން 14 ބުރީގެ ތިން ޓަވަރު
  • އެމްޑަބްލިއުއެސްސީއިން 15 ބުރީގެ ދެ ޓަވަރު
  • މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީއިން 15 ބުރީގެ ދެ ޓަވަރު
  • އިސްލާމިކް ޔުނިވާސިޓީއިން 14 ބުރީގެ އެއް ޓަވަރު
  • އެސްޓީއޯއިން 15 ބުރީގެ ދެ ޓަވަރު

މި ކުންފުނިތަކުގެ ތެރެއިން އެމްޓީސީސީއިން މިހާރު ވަނީ އެކުންފުނިން އަޅާ 15 ބުރީގެ ދެ ޓަވަރު އެޅުމަށް ސިންގަޕޫރުގެ ރީ އިންޖިނިއަރިން ވޯކްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައެވެ.

comment ކޮމެންޓް