ބީއެމްއެލްގެ އިތުރު އޭޓީއެމްއެއް ހުޅުމާލޭގައި ހުޅުވައިފި

ހުޅުމާލޭގައި ހުންނަ ޓްރީ ޓޮޕް ހޮސްޕިޓަލުގައި އިއްޔެ ހުޅުވި ސެލްފް ސާވިސް އޭޓީއެމްތައް--- ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އިތުރު އޭޓީއެމްއެއް ހުޅުމާލޭގައި ހުޅުވައިފި އެވެ.

ހުޅުމާލޭގައި ހުންނަ ޓްރީ ޓޮޕް ހޮސްޕިޓަލުގައި އިއްޔެ ހުޅުވި ސެލްފް ސާވިސް އޭޓީއެމްތަކުން ފައިސާ ނެގުމުގެ އިތުރުން، ފައިސާ ޖަމާކުރުމާއި ޓްރާންސްފާ ކުރުމުގެ ޚިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

މިއީ ބޭންކުގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށާއި ވީހާ ވެސް ގިނަ ބަޔަކަށް ފަސޭހަކަމާ އެކު ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭންކުން ފަށާފައިވާ 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ތެރެއިން ގާއިމުކުރި އޭޓީއެމްއެއް ކަމަށް ވެސް އެ ބޭންކުން ބުނެ އެވެ.

ގައުމީ ބޭންކްގެ ޑެޕިއުޓީ ސީއީއޯ އަދި ޑައިރެކްޓަރު އޮފް އޮޕަރޭޝަންސް މުޙައްމަދު ޝަރީފާ ހަވާލީދީ ބީއެމްއެލް އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ހުޅުމާލޭގައި އިތުރު އޭޓީއެމްއެއް ބެހެއްޓުމުގެ މަސައްކަތް މިހާރު ވެސް ކުރަމުންދާ ކަމަށެވެ.

"ހުޅުމާލެ އަށް އަންނަމުންދާ ތަރައްގީއާ އެކު މިދަނީ އާބާދީ އާއި ވިޔަފާރި އާއި ސިނާއީ ރޮނގުން ވެސް ރާއްޖޭގެ އެންމެ މައި މަރުކަޒަކަށް ވެފައި. ހުޅުމާލޭގައި އިތުރު އޭޓީއެމް އަދި އާ ބިޒްނަސް ސެންޓަރެއް ވަރަށް އަވަހަށް ގާއިމުކުރުމުގެ މަސައްކަތް އަޅުގަނޑުމެން މިދަނީ ކުރަމުން." ބީއެމްއެލް އިން ބުންޏެވެ.

ގައުމީ ބޭންކުން މިހާރު ވެސް ދަނީ، މުޅި ރާއްޖެ ހިމެނޭ ބޭންކިންގް ވިއުގަޔަކާ އެކު 20 އަތޮޅުގައި 34 ބްރާންޗު، 33 ސެލްފްސާވިސް ބޭންކިންގް ސެންޓަރު، 92 އޭޓީއެމް، 4900 ޕީއޯއެސް މަރޗަންޓުން، 205 ކޭޝް އޭޖެންޓުންގެ ޚިދުމަތް ދެމުންނެވެ.

ބީއެމްއެލްގެ އަމާޒަކީ، އެންމެ ޒަމާނީ އޮންލައިން ބޭންކިންގް ޚިދުމަތާ އެކު، އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ބުނެ އެވެ.

comment ކޮމެންޓް