އާފަލާއި ޓޮމާޓޯ: ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓަލާ މީހުންނަށް ހާއްސަ

އާފަލާއި ޓޮމާޓޯ އަކީ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލާ މީހުން ކެއުންް އެންމެ ފައިދާހުރި ދެ މޭވާ---

ދުންފަތުގެ އިސްތިއުމާލު ކުރުމަކީ އެކަން ކުރާމީހާ އަށާއި ކައިރީ ތިބޭ މީހުންނަށް ވެސް އެތައް ގެއްލުމެއް ލިބޭ ކަމެކެވެ. މިއީ ގައިން ގަޔަށް ނާރާ ގިނަ ބަލިތަކަށް ހުޅުވާލެވޭ ދޮރެއްވެސްމެ އެވެ. ދުންފަތް ބޭނުންކުރާ މީހުން އެކަން ހުއްޓާލުމަށް ފަހު ވެސް، އެމީހުންގެ ހަށިގަނޑަށް އެ ލިބޭ ނިކަމެތިކަން އެތައް ދުވަހެއް ވަންދެން ދެމި ހުރެ އެވެ. މިކަންކަމުން ސަލާމަތްވުމަށް އެންމެ މުހިއްމު ކަމަކީ ފައިދާ ހުރި ކާނާ ކެއުމެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލާ މީހުންގެ ކެއުމުގައި ހިމެނުން އެންމެ މުހިއްމު ދެ މޭވާ އަކީ ޓޮމާޓޯ އާއި އާފަލު ކަމަށް ދިރާސާއަކުން ވަނީ ދައްކައިފަ އެވެ. މިއީ ސިނގިރޭޓް ބުއިމާއި ދުންފަތް ބޭނުން ކުރުމުގެ ސަބަބުން ފުއްޕާމެއަށް ލިބޭ ގެއްލުންތައް "ރަނގަޅު" ކޮށްދޭނެ ދެ މޭވާ އެވެ.

މި ދިރާސާގައި ބުނެފައި ވަނީ، ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ފުއްޕާމެއަށް ލިބިފައިވާ ގެއްލުންތައް، ދުވާލަކު ދެ ޓޮމާޓޯ އަދި ތިން އާފަލު ކެއުމުން ލުއިކޮށްދޭ ކަމަށެވެ.

ޖޯން ހޮޕްކިންސް ބްލޫމްބާގް ސްކޫލް އޮފް ޕަބްލިކް ހެލްތުން 2002 ވަނަ އަހަރު ކުރިއަށް ގެންދިޔަ ދިރާސާއެއްގައި 650 މީހުން ބައިވެރިކުރި އެވެ. މި ހުރިހާ އެންމެންގެ ކެއުމާއި ފުއްޕާމޭ މަސައްކަތް ކުރާ މިންވަރު ދެނެގަތެވެ. އެއަށް ފަހު އޭގެ 10 އަހަރު ފަހުން ހަމަ އެ 650 މީހުންގެ ހެލްތު ޗެކްއަޕެއް ކުރިއަށް ގެންދިޔަ އެވެ. އެ ދިރާސާގައި ވަނީ ސިނގިރޭޓް ބުއިން ހުއްޓާލުމަށް ފަހު ފައިދާ ހުރި ކާނާ ކާނަމަ ފުއްޕާމެއަށް ލިބޭ ގެއްލުން ފަސޭހަ ކުރެވޭނެކަން ދެނެގަނެވިފަ އެވެ. މި ދިރާސާ ވަނީ ޔޫރަޕިއަން ރެސްޕިރޭޓަރީ ޖާނަލްގައި ވެސް ޝާއިއު ކޮށްފަ އެވެ.

ފުއްޕާމޭގެ މަސައްކަތްތައް މީހާގެ އުމުރުން 30 އަހަރަށް އާޅާއިރު ދަށަށް ދާކަމަށާއި މި ކަން ބިނާ ވަނީ މީހާގެ އާންމު ސިއްހަތަށާއި ކެއުން ބަހައްޓާ ގޮތަށް ކަމަށް ދިރާސާގައި އިސްކޮށް ހަރަކާތްތެރިވި ޑރ. ވެނެސާ ގްރޭސިއާ ވިދާޅުވެފައިވެ އެވެ.

"އަޅުގަނޑުމެންގެ ދިރާސާ އިން ސާބިތުވި ކަމަކީ ފައިދާ ހުރި ކާނާ ކެއުމަކީ ނުރަނގަޅު ސިއްހީ އާދަތަކުގެ ސަބަބުން މީހާގެ އުމުރު ކުރުވުމަށް އެޅޭ ހުރަހެއް ކަމަށް. ހާއްސަކޮށް ދުންފަތް ބޭނުން ކުރުމަށް ފަހު އެކަން ހުއްޓާލާމީހުން ޓޮމާޓޯ އަދި އާފަލު ކެއުން މުހިއްމުކަންވެސް ދެނެގަނެވިއްޖެ،" ޑރ. ވެނެސާ ވިދާޅުވެފައިވެ އެވެ.

(އިންޑިޕެންޑެންޓް)

comment ކޮމެންޓް