ވެލާނާ އެއާޕޯޓް ހުރަސް ކުރަން ބޭނުން ކުރަމުން އައި މަގު ބަންދުކޮށް އާ މަގެއް ހުޅުވައިފި

ރަތް ކުލައިން ފާހަގަ ކޮށްފައި އެވަނީ މިހާރު ބޭނުން ކުރަމުން އަންނަ މަގު. އެ މަގު މިރެއަށް ފަހު ބަންދުކުރުމަށް ފަހު ދެން ބޭނުން ކުރާނީ ނޫ ކުލައިން ފާހަގަކޮށްފައިވާ މަގު --- ފޮޓޯ/ އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ މިހާރު ބޭނުންކުރަމުން އަންނަ ރަންވޭގެ ހުޅަނގު ދެކުނުން ބޭނުން ކުރަމުން އައި މަގު ބަންދުކޮށް އިތުރު މަގެއް ހުޅުވައިފި އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮންޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ޖެނެރަލް މެނޭޖަރު ކޯޕަރޭޓް ކޮމިއުނިކޭޝަން ހަސަން އަރީފް އިއްޔެ ސަން އަށް ވިދާޅުވީ، މިހާރު ބޭނުން ކުރަމުން އަންނަ އެ މަގު ބަންދުކުރީ ފްލައިޓްތައް ޕާކްކުރުމަށް ޓަކައި ބޭނުންވާ އޭޕްރޮން 50،000 އަކަފޫޓަށް ބޮޑުކުރުމަށް ކަމަށެވެ.

މިހާރު ބޭނުން ކުރަމުން އަންނަ އެ މަގު ބަނދުކޮށް މިއަދުން ފެށިގެން ދެން ބޭނުން ކުރާނީ މިހާރު ބޭނުން ކުރަމުން އަންނަ މަގުގެ ހުޅަގުން އަލަށް ހަދާފައިވާ 630 މީޓަރުގެ މަގު ކަމަށް ވެސް އަރީފް ވިދާޅުވި އެވެ.

އަލަށް ބޮޑުކުރަން ނިންމާފައިވާ އޭޕްރޮންގެ އިތުރުން އެއާޕޯޓްގެ އައު ރަންވޭއެއް އަޅައި އެއާޕޯޓް ތަރައްގީ ކުރުމުގެ ތަފާތު މަޝްރޫއުތައް ދަނީ ހިންގަމުންނެވެ.

comment ކޮމެންޓް