ކައުންސިލްތަކާއެކު ހާރިޖީ ވާހަކަ ދެއްކުމަކީ ސަފީރުންގެ ހައްގެއް ނޫން: ރައީސް

ޅ. ހިންނަވަރަށް ވަޑައިގަތް އެރަށުގެ ރައްޔިތުންނާ މުހާތަބު ކުރައްވައި ރައީސް ވާހަކަފުޅުދައްކަވަނީ --- ފޮޓޯ/ ރައީސް އޮފީސް

އެކި ގައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރުންނާއި ބޭރުގެ ޖަމްއިއްޔާތަކުގެ ބޭފުޅުންނަށް ރަށްރަށުގެ ކައުންސިލްތަކާއި ރައްޔިތުންނާ ބައްދަލުކޮށް ހާރިޖީ ވާހަކަ ދެއްކުމަކީ ސަފީރުންގެ ހައްގެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

މިއީ ކައުންސިލްތަކަށް ބޭރުގެ ޑިޕްލޮމޭޓުންނާއި ބޭރުގެ ޖަމިއްޔާތަކުގެ ބޭފުޅުން ބައްދަލު ނުކުރެވޭ ގޮތަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނިންމި ނިންމުމާ ގުޅޭގޮތުން ރައީސް ވާހަކަފުޅުދެއްކެވި ފުރަތަމަ ފަހަރެވެ.

ބ. ކެންދުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ މުހާތަބު ކުރައްވައި މިއަދު ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ، ބޭރުގެ ސަފީރުންނާ ދޭތެރޭ ސަރުކާރުން ކަމޭ ނުހިތާ ވާހަކައަކީ ރަނގަޅު ވާހަކައެއް ނޫން ކަމަށް ވިދާޅުވެ އެކަން ސާފު ކޮށްދެއްވައިފަ އެވެ.

ރައީސް ވިދާޅުވީ، ރަށްރަށަށް ހޮވިފައި ތިބި ކައުންސިލްތަކާއި ރައްޔިތުން އިންތިހާބު ކޮށްފައި ތިބި މެމްބަރުންގެ ވެސް ޒިންމާއެއް އޮންނަ ގޮތަށް ސަފީރުންނަކީ ވެސް އެބޭފުޅުންގެ މަސައްކަތްތައް ވަކި ގޮތަކަށް ކުރައްވަންޖެހޭ ބައެއް ކަމަށެވެ.

އެގޮތުން ހާރިޖީ ސިޔާސަތުގައި އެންމެ ފަހު ބަސް ބުނާނެ މީހަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށާއި އެއީ އިންތިހާބުކޮށް، މަގާމަކަށް ލާފައި ތިބޭ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.

"ހާރިޖީ ވާހަކައެއް ވެސް ނުދެއްކޭނެ. ހާރިޖީ ވާހަކަދައްކަންޖެހޭނީ ދިވެހި ދައުލަތާ. ދައުލަތް ރަމްޒުކުރަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އާއި ގާނޫނު އަސާސީން ކަނޑައަޅާފައި ވަޒީރުންގެ މަޖިލިސް... އެއީ އެހެން ވަޑައިގަންނަވާ ބޭފުޅުންގެ ހައްގެއް ނޫން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، ގައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރުން ރައްޔިތުންނަށް ކަމެއް ކޮށްދެއްވަން ބޭނުންވާނަމަ އެކަން ކުރައްވަން ޖެހޭނީ ބައިނަލްއަގްވާމީ މުއާހަދާތަކާއި ޕްރޮޓޮކޯލް ތަކުގައި އޮންނަ އުސޫލުގެ ދަށުން ސަރުކާރު މެދުވެރިކޮށް ސަރުކާރަކަށް ކަމަށެވެ.

އަދި އެކަމާ ގުޅުންހުރި އިދާރާ ތަކާއި މިނިސްޓްރީތައް ސަރުކާރުގައި މަދު ނުވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައްޔިތުންނަށް ބޭނުންވާ ކަންކަމުގައި ދިވެހި ދައުލަތަށް އެހީތެރިވާން ބޭނުންވާ ހުރިހާ ސަރުކާރުތަކަށް މަރުހަބާ ކިޔާނެކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ރައްޔިތުންނަށް އުއްމީދުތަކެއް ދިނުމަށްފަހު އެކަމެއް ނުވެދިޔައީމަ އެކަމުގެ ޒިންމާ އުފުލަން ޖެހޭނީ ސަރުކާރުން ކަމަށެވެ.

"އަޅުނގަޑުމެން މެހެމާނުންނާ ކަމާ ހިތާއިރުވެސް އެބޭފުޅުންގެ ގައުމުގައި އިންތިޒާމް ކުރެވިފައިވާ އޮންނަ އުސޫލުތަކަށް އެބޭފުޅުން އިހްތިރާމް ކުރައްވާ ފަދައިން ރާއްޖޭގައި އިންތިޒާމް ކުރެވިފައިހުރި އުސޫލުތަކާއި އަމިއްލަ ވަންތަކަމާ މި ސިފަތަކަށް އެބޭފުޅުން ވެސް އިހްތިރާމް ކުރައްވަން ޖެހޭނެ،" ރައީސް ވިދާޅުވި އެވެ.

ސަފީރުންގެ ވާހަކައަށް އިޝާރާތް ކުރައްވައި ރައީސް މިއަދު ވާހަކަފުޅު ދެއްކެވިއިރު، ރާއްޖެއަށް އިންޑިއާއިން ކަނޑައަޅާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާއާ ބައްދަލުކޮށްފައިވާތީ ގއ. އަތޮޅު ކައުންސިލުގެ ހުރިހާ މެމްބަރުން ވަނީ ތިން މަސް ދުވަހަށް ސަސްޕެންޑް ކޮށްފަ އެވެ.

comment ކޮމެންޓް