ރެއާލްގެ ކޯޗުކަމުން ޒިޒޫ ދުރުކުރާ ވާހަކަ އިވުމުން އަންނަނީ ހިނި: އޮންރީ

ފްރާންސްގެ ފުޓްބޯޅަ ލެޖެންޑުން ކަމަށްވާ، ޒައިނުއްދީން ޒިދާނާއި ތިއެރީ އޮންރީ -- ފޮޓޯ: ގެޓީ

ރެއާލް މެޑްރިޑްގެ ކޯޗުކަމުގެ މަގާމުން ޒައިނުއްދީން ޒިދާން ދުރުކޮށްފާނޭކަމަށް ބުނެ، ރިޕޯޓުކުރަމުންދާ ވާހަކަތައް އަޑުއިވުމުން، އެއީ ބޮޑު ޖޯކެއްގެ ގޮތުގައި، ފްރާންސްގެ ލެޖެންޑް ތިއެރީ އޮންރީ ސިފަކޮށްފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު، ރެއާލްގެ ސަންތިއާގޯ ބެރްނަބެއުގައި ކުޅުނު ސީޒަންގެ ފުރަތަމަ އެލް ކްލަސިކޯ މެޗުގައި ބާސާ ވަނީ، 3-0ގެ ނަތީޖާއަކުން ރެއާލް ލަދުގަންނަވާލައިފައެވެ. އަދި މި ނަތީޖާއާއެކު ރެއާލް ވަނީ ލީގު ތާވަލުގައި ބާސާއަށްވުރެ 14 ޕޮއިންޓް ފަހަތަށް ވެއްޓިފައެވެ.

ރެއާލްގެ މި ނަތީޖާއާއެކު ސްޕެއިންގެ މީޑިއާގައި މިހާރު ފެތުރެމުންދާ ވާހަކައަކީ، ދެ އަހަރު ދުވަހުގެ ތެރޭގައި ޗެމްޕިއަންސް ލީގު ދެތަށި ރެއާލަށް ހޯދައިދިން ކޯޗު، އެ މަގާމުން ދުރުކުރަން އެ ކްލަބުގެ ރައީސް ފްލޮރެންޓް ޕެރޭޒް ތައްޔާރުވަމުންދާ ވާހަކައެވެ.

މިކަމާ ގުޅޭގޮތުން އޮންރީ ބުނީ، ޒިދާން އެ މަގާމުން ވަކިކުރުމަކީ، ޚިޔާލީ ވާހަކައަކަށް ވެދާނެ ކަމަށާއި އެފަދަ ކަމެއް ހަގީގަތުގައި ހިނގައިފި ނަމަ އެ ވާނީ ބޮޑު ޖޯކަކަށް ކަމަށެވެ.

"އަހަރެން ބޭނުން އޭނާ ފުރަތަމަ އެ ކްލަބާ ހަވާލުވި ދުވަސްވަރަށް ޖެހިލަން،" ސްކައި ސްޕޯޓްސްއަށް އޮންރީ ބުންޏެވެ.

"ރަފާ ބެނިޓޭޒް އޭރު ރެއާލްގައި ކުރަން އުޅެ ނުކުރެވުނު ކަމެއް ޒިދާން ކުރި، އެއީ ކަސެމީރޯ ލައްވައި ކުޅުން. އޭރު ޓީމުގެ ފޭނުން އެ ފުރުސަތު ދިން."

އޮންރީ ބުނީ، ޒިދާން ރެއާލްގެ ކޯޗުކަމާ ހަވާލުވެ ފުރަތަމަ ދުވަސްކޮޅު އެޓީމުން ދެއްކި ކުޅުން ސަޕޯޓަރުންނަށް އެހާ ގަޔާ ނުވި ކަމަށާއި އެހެން ނަމަވެސް، މެޗަކަށް ފަހު މެޗެއް ރަނގަޅުކޮށް ރެއާލުން ކާމިޔާބުތައް ހާސިލްކުރަން ފެށި ކަމަށެވެ.

"އެންމެ ފަހުން، މީހުން ބުނަން ފެށި ޒިޒޫއަކީ މޮޅު ޓެކްޓީޝަނެކޭ، އެއީ ޓީމަށް ސުޕަރސްޓާރެއް ހޯދުމުގެ ބަދަލުގައި މިޑްފީލްޑް ވަރުގަދަކުރަން އޭނާ އިސްކަންދިނީ،" ކުރީން އާސެނަލް، ބާސާ އަދި ޔުވެންޓަސްއަށް ވެސް ކުޅެފައިވާ ކުޅަދާނަ ފޯވާޑް ބުންޏެވެ.

ޒިދާނާއެކު ފްރާންސްގެ ގައުމީ ޓީމަށްވެސް ކުޅެފައިވާ އޮންރީ ބުނީ، ރެއާލަށް މިހާތަނަށް ޒިދާން ކޮށްދީފައިވާ ކަންތައްތައް، މިފަދަ ދެތިން މެޗެއްގެ ނަތީޖާއާ ގުޅުވައިގެން ހަނދާން ނައްތައި ނުލެވޭނޭ ކަމަށެވެ.

"އޭނާ ވަނީ، ޖެހިޖެހިގެން ދެ ފަހަރު ރެއާލަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީފައި، އަދި އެނޫންވެސް އެތައް ކަމެއް. ބާސާއާ ދެކޮޅަށް ކުޅުނު މެޗުގެ ވެސް ފުރަތަމަ 45 މިނިޓްގައި ރެއާލުން ވަނީ މޮޅު ކުޅުމެއް ދައްކާފައި،" ޒިދާނަށް ތައުރީފް ކުރަމުން އޮންރީ ބުންޏެވެ.

"މިއަދު ޒިދާން ކޮށްދިން ކަންތައްތަކެއް އެގޮތަށް ފޮރުވައެއް ނުލެވޭނެ. މީހުން ބުނާނެ، އޭނައަށް ބައިވަރު ކުޅުންތެރީން އެބަ ތިއްބޭ، އެވެނިކަމެއް މިވެނިކަމެއް ކުރެވޭނެއޭ. އެހެން ނަމަވެސް ޒިދާން ބޭނުންވީ ކަސެމީރޯ ލައްވައި ކުޅުވަން."

އޮންރީ ބުނީ، ކޯޗުންގެ ޒިންމާއަކީ މޮޅު ޕްލޭންތައް ހަދައި، ޓެކްޓީކްސްތައް ބުނެދިނުން ކަމަށާއި އެކަންތައް ދަނޑުމަތީގައި ތަންފީޒުކުރާންީ ކުޅުންތެރީން ކަމަށެވެ.

"ޒިޒޫ ކޮށްދީފައި ހުރި ކަންތައްތަކާ އަޅައިބަލާއިރު، އޭނާ ކޯޗުކަމުން ދުރުކުރާ ވާހަކަ އަޑުއިވުމުން ވެސް އަހަރެން ހިނި އަންނަނީ،" އޮންރީ ބުންޏެވެ.

އޮންރީ ބުނީ، ކިތަންމެ މޮޅު ކޯޗަކު ހުރި ނަމަވެސް ޓީމު ބަލިވެދާނޭކަން ގަބޫލުކުރަން ޖެހޭ ކަމަށާއި، މީހުން ފާޑުފާޑުގެ ވާހަކަތައްވެސް ދައްކާނޭ ކަމަށެވެ. އެހެން ނަމަވެސް ރެއާލަށް ޒިދާން ހޯދައިދިން ކާމިޔާބީ ތަކަކީ ހަނދާނުން ފޮހިވިގެން ނުދާނޭ ކަންތައްތަކެއް ކަމަށް އޭނާ ބުންނެވެ.

comment ކޮމެންޓް