އަހަރެން ފިކުރާވި އިސްލާމްދީން: މަސީޙަކީ ކަލާނގެ ދަރިކަލެއް ހެއްޔެވެ؟

ހައްޖު ދުވަސް--- ފޮޓޯ: އޭޕީ

ތަރުޖަމާ: ޢަބްދުﷲ ފާރޫޤު ޙަސަން

އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ވަރަށް ބޮޑު އިންޤިލާބީ މަސައްކަތްޕުޅެއް ކުރެއްވި ވާހަކަ އަޅުގަނޑުވަނީ ބަޔާންކޮށްފައެވެ. އާދެ، އެމާތްސާހިބާ ބުދުތައް މުގުރުއްވައި (އަޅުކަންކުރެވޭ) ތަސްވީރުތައް ނައްތައިލެއްވި ވާހަކަ އަޅުގަނޑުވަނީ ބަޔާންކޮށްފައެވެ. އިސްވެދިޔަ ޞަފުޙާތަކުގައެވެ. އެމާތް ސާހިބާގެ އަތްޕުޅުމަތީގައި އެވަނީ އިންސާނީ ތާރީޚުގެ ވަރަށް ހައިބަބޮޑު އިންޤިލާބެއް ފުރިހަމަވެފައެވެ.

ބައްޕައާއި، ދަރިފުޅާއި، ރޫޙުލް ގުދުސްގެ ތަސްލިއްޔަތަކީ ( ނުވަތަ އެތިން ފަރާތުގެ ތިންކައުވަންތަކަމަކީ) ކްރިސްޓިޔަން ދީނުގެ އަސާސީ ޢަޤީދާތަކުގެ ތެރެއިން ހިމެނޭކަމެކެވެ.

(ކްރިސްޓިއަނުން ބުނާގޮތުގައި) ފާފަވެރީން ފާފަތަކުން ނަޖާކުރައްވައި އިންސާނިއްޔަތުގެ ފާފައިގެ އަދަބު އަމިއްލަފުޅަށް ލިބިގެންނެވުމަށްޓަކައި މަސީޙު ސަލީބަށް އަރައިވަޑައިގެންނެވިއެވެ. ސަލީބުގައި ފުރާނަފުޅު ޤުރްބާންކުރެއްވިއެވެ. އެއަށްފަހު ތިންވަނަޔަށްވީ ދުވަހު އަލުން ދިރިވަޑައިގެން ބައްޕާފުޅުގެ ވާތްޕުޅުގެ ފަރާތުގައި ތަޚުތުގައި އިށީގެ ވަޑައިގެންނެވިއެވެ. އާދެ، މިއީ ކްރިސްޓިޔަނުންގެ (ދެކޮޅުނުޖެހޭ) އަޤީދާއެކެވެ.

  1. މަސީޙަކީ މާތްﷲ ގެ ދަރިކަލެއް ހެއްޔެވެ؟
  2. އެކަލޭގެފާނު އަވަހާރަވުމަށްފަހު އަލުންދިރިވަޑައިގެންނެވިއެވެ.

މަތީގައި އެވާ ދެކަންތައް ޤަބޫލުނުކުރުރާމީހަކު ކްރިސްޓިޔަނަކަށް ނުވެއެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހިވަސައްލަމަ ނަބީކަމާއިގެން ފޮނުއްވިއިރު މިދެ އަޤީދާވަނީ ކްރިސްޓިޔަން ދުނިޔޭގައި ފެތުރިފައެވެ. ޢާއްމުވެފައެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހިވަސައްލަމަ މިދެ އަޤީދާއަކީ ބާޠިލު ދެ އަޤީދާކަން އިއުލާންކުރެއްވިއެވެ. އިތުރުސާހިބާ ޙަދީޘުކުރެއްވިއެވެ.

އީސާ މަސީޙަކީ ﷲގެ ދަރިކަލެއްނޫނެވެ. (ކަލާނގެ އެއްވެސް ނޫނެވެ.) ﷲގެ ނަބީއެކެވެ.

ޙަޤީޤަތުގައި މަސީޙު ޞަލީބެއް ނުކުރެވެއެވެ.( ޞަލީބަށް އަރުވައި މޮހޮރުޖަހައި އަވާހަރަކޮށެއް ނުލެވެއެވެ. މަސީހު އީސާގެފާނު ހައްޔަރުކުރުމަށްޓަކައި ބަޔަކު އެކަލޭގެފާނުގެ ކޮޓަރިކޮޅަށް ވަނެވެ. އޭގެތެރެއިން އެކަކު އެކަލޭގެފާނުގެ ސޫރައިގައި މީހުނަށް ފެނުނެވެ. ޞަލީބަށް އެރުވުނީ އެ އެއްވަތަރުމީހާއެވެ. ކީރިތި ޤުރުއާނުގައި އިރްޝާދުދެއްވައިފައިވެއެވެ.

"އެކަލޭގޭފާނު ޤަތުލެއްނުކުރެއެވެ. އަދި، އެއުރެން އެކަލޭގެފާނު ސަލީބަކަށްވެސް ނާރުވައެވެ. އެހެނެއްކަމަކު އެކަން އެގޮތަށް ކުރެވުނުކަމަށް، އެއުރެންނަށް އެއްފަދަގޮތެއްގައި ފެނުނެވެ." (އައްނިސާއު: 157)

ނަބީބޭކަލުންގެ ތެރެއިން ބައިބަލުން އެބޭކަލުންގެ ނަންފުޅުތައް ފެންނަ ބޭބޭކަލުންގެ ނަންފުޅުތައް ޤުރުއާނުގައިވެސް ވަނީ ބަޔާންކުރައްވައިފައެވެ. އާދަމް، އިބްރާހިމް، އިސްޙާޤު، އިސްމާޢީލް، ޔައުޤޫބު، ޔޫސުފު، މޫސާ، ހާރޫނު، ދާއޫދު، ސުލައިމާނު، ޔޫނުސް، އިލްޔާސް، ޒަކަރިއްޔާ (ޢަލަހިއްސަލާމް) އާއި މިނޫންވެސް ބޭކަލުންނެވެ. އެނަބީބޭކަލުންގެ ނަންފުޅުތަކާއެކު އީސާގެފާނުގެ ނަންފުޅުވެސް ވަނީ ބަޔާންވެގެންނެވެ.

ކީރިތި ޤުރުއާނުގައި ސަރީހު ބަސްފުޅުންވަނީ މަސީހު އީސާގެފާނަކީ ނަބީބޭކަލެއްކަމުގައި ވަޙީކުރައްވައިފައެވެ. އެކަލޭގެފާނުގެ ޒާތުފުޅުގައި އުލޫހިއްޔަތުގެ ނުވަތަ އިލާހުވަންތަކަމުގެ ކުޑަވެސްކަންފުޅެއްނުވެއެވެ. ( މަސީހަކީ އަންހެނަކު ވިހެއި ދަރިކަލެކެވެ. ފަރީއްކުޅުވައި، ދެކަމު ހާޖިތަށް ވަޑައިގެން އުޅުއްވިއެވެ. މާތްﷲ ޙަޟުރަތުގައި މަސީހުގެ މިސާލަކީ އާދަމުގެފާނުގެ މިސާލެވެ. އާދަމުގެފާނު ހެއްދެވީ މައިކަނބަލަކާވެސް ބަފައިކަލަކާވެސް ނުލައެވެ.)

ކްރިސްޓިޔަނުންނާއި މުސްލިމުންނާ ދެމެދު މިމައްސަލައިގައި ހުރީ ކޮންކޮން ޚިލާފުތަކެއްތޯ ބަލައި އެމައިގަނޑު ނަމުގައި މިވަގުތަކު ބަހުޘެއް ނުކުރާނަމެވެ. މިވަގުތު އަޅުގަނޑުގެ ބަޙުޘު އަމާޒުކުރާ މިސުރާބަކީ ކްރިސްޓިޔަނިޓީ އަކީ އެދުވަސްވަރު ދުނިޔޭގައި އޮތް އެންމެ އަޑުގަދަ މަޒުހަބުކަމުގައިވެފައި އެމަޒްހަބުގެ މީހުންގެ ގަދަފަދަ ރަސްކަމެއް ދުނިޔޭގައި އޮތުމާއެކުވެސް އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ އެމަޒުހަބުގެ ކުށް އަޤީދާއާމެދު ފާޅުގައި ފާޑުވިދާޅުވިކަމެވެ. އަޑުފުޅު އުފުއްލެވިކަމެވެ. ނަމަވެސް އިތުރުސާހިބާގެ އެ ފާޑުވިދާޅުވުމުގައި މަސީހު އީސާ ޢަލައިހިއްސަލާމުގެ އިއްޒަތާއި ޙުރުމަތަކަށް ކުޑަވެސް އުނިކަމެއް އަޔަކަ ނުދެއްވައެވެ.

ސަލާމްލެއްވި އީސާގެފާނަށް ރޫޙުލްޤުދުސުގެ އެހީފުޅުން ގަދަކަންދެއްވިއެވެ. އެކަލޭގެފާނަށް އިންޖީލުވެސް ބާވައިލެއްވިއެވެ. މިދެ ޙަޤީޤަތްވަނީ އަލްކިތާބު (އަލްޤުރްއާނުލް ކަރީމު) ގައި ވަރަށް ސާފުބަސްފުޅުން ބަޔާންކުރައްވައިފައެވެ. ނުހަނު އިހްތިރާމާއެކުގައެވެ. އެކަމަކު އެހެނިހެން ދީންތަކުގެވެސް ޙަޤީޤަތެއްނެތް ޤަބޫލުކުރުންތަކާމެދު ކީރިތި ޤުރުއާނުގައި ތަންޤީދުކުރެއްވި ފަދައިން ކްރިސްޓިޔަންދީނުގެވެސް ކުށް އަޤީދާތަކަށާއި، އަސްލެއްނެތް ވާހަކަތަކަށް ތަންގީދުކުރެއްވިއެވެ. މިދެންނެވި ތަންޤީދުތަކާއެކުވެސް އެދީންތަކުގެ ދީނީ ޝަޚްޞިއްޔަތުތަކަށް އިހްތިރާމްކުރުމަށް ބާރުއެޅުއްވިއެވެ.

  • ޙަޤީޤަތާ ޚިލާފު ވާހަކަތަކަށް ރައްދުދެއްވުމެވެ.
  • ޝަޚްޞިއްޔަތުތަކަށް އިޙްތިރާމްކުރެއްވުމެވެ.

އިސްލާމްދީން މިދެކަންތައް އޮޅުވައެއްނުލައެވެ. މައްސުންޏެއް ނުކުރެއެވެ. އަދި ކީއްތޯއެވެ. މިދެކަންތަކަށް ވަކިވަކީން ސަރީޙުކޮށް އިރްޝާދުދިނެވެ.

އިމަޖެންސީގެ ދުވަސްވަރު މޭސާގެ ދަށުން އަޅުގަނޑު ޖަލަށްލިއެވެ. ދުނިޔޭގެ ތަފާތު ދީންތަކުގެ ފޮތްތައް މުޠާލިޢާކުރަން އެދުވަސްވަރު އަޅުގަނޑަށް ފުރުސަތު ލިބުނެވެ. އަޅުގަނޑުގެ ގާތްތިމާގެ މީހުންނާއި ރައްޓެހިންނާއި ރަޙްމަތްތެރީން އަޅުގަނޑަށް ފޮތްތައް ފޮނުވައިދިނެވެ. އޭގެތެރޭގައި މުސްލިމު ރަޙްމަތްތެރިންވެސް ހިމެނެއެވެ.

އަޅުގަނޑު އެހުރިހާ ފޮތްތެކެއްވެސް މުޠާލިއާކުރީމެވެ. އެފޮތްތަކުގެ ތެރެއިން އަޅުގަނޑުގެ ހިތަށް އެންމެ ބޮޑަށް އަސަރުކުރުވި ފޮތަކީ އަދި އަޅުގަނޑު ދުށްގޮތުގައި އެންމެ ސައްޙަ ފޮތަކީ އަލްޤުރުއާނުލް ކަރީމެވެ.

comment ކޮމެންޓް